ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ޢިމާރާތްކޮށްފައިވާ މުޙައްމަދު ޤާސިމް ޕްރީސްކޫލް ހުޅުއްވައިދެއްވައިފިއެވެ.

މިއަދު ހެނދުނު މުޙައްމަދު ޤާސިމް ޕްރީސްކޫލް ހުޅުވުމަށް އެ ސްކޫލްގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މި ސްކޫލު ހުޅުމާލޭ ރައްޔިތުންނަށް މިލިބުނީ އެކަށޭނަ ވަގުތެއްގައި ކަމަށެވެ. އަދި ތަނަވަސްކަމުގެ އަޙުލުވެރިންނަށް މުޖުތަމަޢަށް ފައިދާހުރި ހެޔޮ ކަމެއްކޮށްދެވެން ފުރުޞަތު އޮތް ކޮންމެ ޙާލަތެއްގައި އެކަމެއް އެންމެ އެކަށޭނަގޮތަކަށް ކޮއްދެއްވުމަށާއި، މިއީ ދުނިޔެއާއި އާޚިރަތުގައިވެސް އޭގެ ސަވާބާއި ދަރުމަ އެމީހަކަށް ލިބޭނެކަމެއް ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޚާއްޞަކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައިވާ ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާފައިވާއިރު މީހުން އާބާދުވާ މިންވަރާ ބަލާފައި އެކަށީގެންވާ ވަރަށް ސްކޫލްތައް ބިނާކޮށްފައި ނެތުމުން އެތަކެއް ދަތިތަކާ ރައްޔިތުން ކުރިމަތިލާން ޖެހިފައިވާކަން ފާހަގަ ކުރައްވައިފައެވެ. ސަރުކާރުން މިހާރުވެސް ދަނީ ހުޅުމާލޭގައި 2 ސްކޫލެއް ބިނާކުރުމުގެ މަސައްކަތްކުރަމުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ މި ސަރުކާރުން ތަޢުލީމީ ދާއިރާ ތަރައްޤީކުރުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވާކަމުގައި ވިދާޅުވެ، މި ސަރުކާރުން އެންމެ ބޮޑު ހޭދައެއްވެސް ކުރަނީ ތަޢުލީމީ ދާއިރާއަށްކަން ފާހަގަކުރައްވާފައެވެ.

އެމަނިކުފާނު ވަނީ ޢަލީ ފިރާޤު އޭނާގެ ބައްޕަ އަލްމަރްޙޫމް މުޙައްމަދު ޤާސިމުގެ ހަނދާނުގައި ޢިމާރާތްކޮށް ސަރުކާރަށް ހަދިޔާކޮށްފައިވާ 10 ކްލާސްރޫމާއި، ހޯލު އަދި އިދާރީ ހިންގުމަށް ބޭނުންވާ ކޮޓަރިތައް ހިމަނައިގެން ބިނާކޮށްފައިވާ ސްކޫލަށްޓަކައި އެ ޢާއިލާއަށް ޝުކުރުއަދާކުރައްވައިފައެވެ.

ތަޢުލީމުގެ ޤާނޫނު 10 އޯގަސްޓް 2021 ގައި ތަންފީޒުކުރެއްވުމާއި ގުޅިގެން ޕްރީސްކޫލް ތަޢުލީމަކީ ސަރުކާރުން ހިލޭ ފޯރުކޮށްދޭނެ ޖެހޭ ތަޢުލީމީ މަރުޙަލާއެއްގެގޮތުގައި ވަނީ ހަމަޖެހިފައެވެ. އަދި، ޕްރީ ސްކޫލް ތަޢުލީމަކީ މަޖުބޫރު ތަޢުލީމެއްގެ ގޮތުގައި ކަނަޑައެޅިފައިވާއިރު އެ ޤާނޫނުގެ ދަށުން ޕްރީ ސްކޫލް ތަޢުލީމު ރާއްޖޭގައި ދިރިއުޅޭ ކޮންމެ ދިވެހި ކުއްޖަކަށް ހިލޭ ފޯރުކޮށްދޭންޖެހެއެވެ.