بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ހިމަންދޫ ކައުންސިލްގެ ރައީސް ހުޝާމް އިސްމާޢީލް، ކައުންސިލްގެ މެންބަރުން، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން، މި ދާއިރާ ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު ޙަސަން ޒަރީރު، ތޮއްޑޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު، ދައުލަތުގެ ވަޒީރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން އަދި މި ރަށުގެ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، ދެންމެ ހުޝާމް އެ ވިދާޅުވިފަދައިން، ރިޔާސީ އިންތިޚާބުގެ ކެމްޕެއިންތެރޭގައި، އަޅުގަނޑު މި ރަށަށް އައިން. ރަށުގެ ތަރައްޤީއަށްޓަކައި ރައްޔިތުން ބޭނުންވާ ކަންތައްތަކެއް އެ ދުވަހު އަޅުގަނޑަށް ހުށަހެޅި. އަޅުގަނޑު ދަތުރުކުރި ކޮންމެ ރަށަކުންވެސް އެކަހަލަ ލިސްޓެއް އަޅުގަނޑަށް އެރަށެއްގެ ރައްޔިތުން ޙިއްޞާކުރި.

ސަރުކާރުގެ މަސައްކަތްތައް އަޅުގަނޑުމެން ފަށައިގެން މިހާތަނަށް މިއައީ، ރައްޔިތުން އަޅުގަނޑުމެންނަށް އެ ހުށަހެޅި ހުށަހެޅުންތަކާ އެއްގޮތަށް، ވަކި ރަށެއް ބާކީނުކޮށް، އާބާދީ ކުޑައެއް ބޮޑެއް ބެލުމެއްނެތި، ރައްޔިތަކަށްވީތީ، ސަރުކާރުން ކޮށްދޭންޖެހޭ ކަންތައްތައް ކޮށްދިނުމުގައި ތަފާތެއްނެތި، ދައުލަތުގެ ފުދުންތެރިކަން ހުރިވަރަކުން ކޮށްދެމުން.

މި ރަށުގެ ރައްޔިތުންގެ ފަރާތުން ހުށަހެޅި އެންމެ މުހިންމު އެއްކަމަކީ، ރަށުގެ ބަނދަރުގެ ވާހަކަ. އިރާދަކުރެއްވީތީ މިއަދު މިވަނީ އެކަން ނިމި، ރަށުގެ ރައްޔިތުންނަށް ބަނދަރުގެ ބޭނުންހިފޭގޮތްވެފައި. ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި އަޅުގަނޑަށް ބައިވެރިވެވި، ހިމަންދޫގެ ރައްޔިތުންނާ ބައްދަލުކޮށްލަން މި ފުރުޞަތު ލިބުމަކީ، އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް.
ހިމަންދޫގެ ތަރައްޤީއަށްޓަކައި މިހާރުވެސް އަޅުގަނޑުމެން ކުރަމުންގެންދާ ވަރަށްގިނަ ކަންތައް އެބަހުރި. އަޅުގަނޑުމެންގެ ފަހަތުން މި ފެންނަ ކުޑަކުދިންގެ ޕާކާއި، އައުޓް ޑޯ ޖިމާއި، ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރިއަށް އެބަދޭ. އަދި އޭގެއިތުރުން، މި ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމު ކުރުމަށްޓަކައި އެމް.ޑަބްލިޔު.އެސް.ސީ.އާ ހަވާލުކޮށް، އެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވަމުން އެދަނީ. ސްކޫލްގެ 12 ކްލާހުގެ އިމާރާތާއި، މަލްޓި-ޕަރޕަސް ހޯލް މިހާރުވަނީ މަސައްކަތް ފެށުމުގެ ހިސާބުގައި.

ލިސްޓުގައި ފާހަގަނުޖެހި އޮތް ކަމެއްގެ ވާހަކަ ހުޝާމް ދެންމެ އެ ވިދާޅުވީ. އެއީ އަޅުގަނޑު ހިތުން ޞިއްޙީ ޚިދުމަތުގެ ވާހަކަ. އެތަނުގެ ލެބޯރެޓަރީއެއް ޤާއިމުކޮށް، ރަށުގައި ދެވޭ ޞިއްޙީ ޚިދުމަތް މިހާރަށްވުރެ ފުޅާކޮށް، ރައްޔިތުންނަށް ރަށުން ލިބޭނެގޮތް ހަދައިދިނުމުގެ ވާހަކަ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ މަސައްކަތްވެސް މި ރަށުގައި ކޮށްދޭނަން.

އާދެ، ބަނދަރު މިއޮތީ ރައްޔިތުން ބޭނުންވިގޮތަށް އިރާދަކުރެއްވިއްޔާ އެކަން ކޮށްދީ ނިމިފައި. މިކަމުގައި އެމް.ޓީ.ސީ.ސީ. އިން ކޮށްދިން ބުރަ މަސައްކަތް، މި ދަތި އުނދަގޫ ދުވަސްވަރުގައި މެދުނުކެނޑި އެ ކުރެއްވި މަސައްކަތް އަޅުގަނޑު ފާހަގަކޮށް، އެމް.ޓީ.ސީ.ސީ.ގެ ސީ.އީ.އޯ.އަށާއި، މަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަކަށް ސަރުކާރުގެ ނަމުގަޔާއި، މި ރަށުގެ ރައްޔިތުންގެ ނަމުގައި އަޅުގަނޑު ޝުކުރު އަދާކުރަން. ވަރަށް ބޮޑަށް ޝުކުރިއްޔާ، އެމް.ޓީ.ސީ.ސީ.ގެ ހީވާގި ޓީމަށް.

އާދެ، އަޅުގަނޑު މި ރަށަށް މިއައީ އއ.ގެ ތޮއްޑޫ، ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދުއަށް ގޮސްފައި. މިއިން ކޮންމެ ރަށެއްގައިވެސް އެބަހުރި އަދިވެސް އިތުރަށް ކުރަންޖެހޭ ކަންތައްތައް. އަޅުގަނޑުމެންގެ މި ދަތުރުތަކުގެ ބޭނުމަކީ، ރައްޔިތުންގެ ފަރާތުން އެ ކަންތައްތައް އޮޅުންފިލުވުން. ހުރިހާ ރައްޔިތުންގެ ފަރާތުން ވަރަށް ރަނގަޅަށް ސާފުކޮށް އެބަ ކިޔައިދޭ. މިހާރު މަސައްކަތްތައް ފެށިގެން ގޮސްފައި އޮތް ހިސާބާއި، ދެން ބޭނުންވާ ކަންތައްތަކާއި، އަދި އަޅުގަނޑުމެންގެ ތެރޭގައި ރަނގަޅު ކުރަންހުރި ކަންތައްތަކުގެ ވާހަކަ އެބަ ކިޔައިދޭ.

އަޅުގަނޑު އެދެނީ، މި ރަށުގެ ރައްޔިތުންގެ ފަރާތުންވެސް އަޅުގަނޑުމެންނަށް އެ ކަންތައްތައް ޙިއްޞާކޮށްދިނުން. އެއްވެސް ކަމެއް ސަރުކާރުގެ ތެރޭގައި، އަޅުގަނޑުމެން ކުރަން ފަށާފައި ހުރި ކަމެއްގައި، ތިޔަބޭފުޅުން ބޭނުންނުވާގޮތަށް، މި ރަށުގައިވެސް އަދި މުޅި ސަރުކާރުގެ ތެރޭގައިވެސް، ކަމެއް އިޞްލާޙު ކުރަންވެފައި އޮތް ކަމަށްވަންޏާ، އެކަމެއް އަޅުގަނޑުމެންނާ ޙިއްޞާކޮށްދެއްވުން. އަޅުގަނޑުމެން މިތިބީ ރައްޔިތުންނަށް ޚިދުމަތް ކުރަންއައިސް. ކުރިންވެސް ދެންނެވި ފަދައިން، ވަކި ކުލައެއް، ވަކި ރަށެއް، ވަކި ފިކުރެއްނެތި، ސަރުކާރުން އެ ކަންތައްތައް އަޅުގަނޑުމެން ކޮށްދެމުން ގެންދާނަން.

އާދެ، އަހަރެއް ނިމި، އެހެން އަހަރަކަށް ކުރިމަތިލާން އަޅުގަނޑުމެން ތައްޔާރުވަމުން މިދަނީ. ދާއިރުގައި ސަރުކާރުން ކުރިއަށް ކުރަންހުރި ކަންތައް އެބަ ނިންމަންޖެހޭ. ރަށްރަށުގެ ތަރައްޤީއަށްޓަކައި އަޅުގަނޑު މި ދެންނެވިހެން، ކުރަންހުރި ކަންތައްތައް އިސްކޮށް ތަރުތީބު ކުރަން އެބަޖެހޭ. ދައުލަތުގެ ބަޖެޓް ނިންމުމުގެ މަރުޙަލާގައި އަޅުގަނޑުމެން މިއަދު މިތިބީ. އަޅުގަނޑުމެންގެ
މި އަންނަ އަހަރުގެ އަމާޒަކީ، މިހާރު ފަށާފައި ހުރި މަސައްކަތްތައް ނިންމުމަށް މިޞްރާބު ހިފުން. މިހާތަނަށް އާދެވުނުއިރުގައި، އަޅުގަނޑުމެންގެ ދިރާސާތަކުން އެނގޭ ގޮތުގައި، ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަޅުގަނޑުމެން ވެފައި ހުރި ވަޢުދުތަކުގެ ގާތްގަނޑަކަށް 90 ޕަސެންޓް މަސައްކަތް، އެކި ސްޓޭޖްތަކުގައި ފެށިފައި އެބަހުރި. އަޅުގަނޑު ހިތުން ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި، މި ކުރިމަތިވި ދަތި އުނދަގުލުގައި މިހިސާބަށް އާދެވިފައި ތިބުމަކީ، ސަރުކާރު ހިންގަން މި ތިއްބެވި ބޭފުޅުން ކުރެއްވި ބުރަ މަސައްކަތް. އެކަމަށްޓަކައި ވުޒާރާތައް ހިންގަވަން މި ތިއްބެވި ބޭފުޅުންނާއި އަދި ވުޒާރާތަކުގެ އެކިއެކި މަސައްކަތްތަކާ ހަވާލުވެ ތިއްބެވި ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުން އެ ކުރެއްވި މަސައްކަތް، އަޅުގަނޑު މި ފުރުޞަތުގައި ފާހަގަކުރަން.

ދައުލަތުގެ ބަޖެޓް އަޅުގަނޑުމެން އަންދާޒާ މި ކުރަނީ، ކުރިއަށް އޮތް އަހަރަށް، 36.9 ނޫނީވިއްޔާ 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅުމަށް. މީގެތެރޭގައި، މި ދެންނެވި ގޮތަށް މިހާރު ފެށިފައި ހުރި މަޝްރޫޢުތައް ނިންމުމަށް އެންމެ ބޮޑަށް އަމާޒު ހިފާފައި ވާނީ. ތަރައްޤީގެ ވަރަށްގިނަ މަޝްރޫޢުތަކެއް، އެމް.ޓީ.ސީ.ސީ.އާ ހަވާލުކޮށްގެން އަޅުގަނޑުމެން އެބަ ކުރަން. އެމް.ޓީ.ސީ.ސީ.ގެ ކެޕޭސިޓީ އެބަ އިތުރުކުރަންޖެހޭ. އެބޭފުޅުންގެ ޕްލޭން އޮތް ވާހަކަ އަޅުގަނޑާ މިއަދު ޙިއްޞާ ކުރެއްވި.

އަޅުގަނޑުމެން އެމް.ޓީ.ސީ.ސީ.އާ ހަވާލުކޮށްގެން ނިންމަންހުރި ބިން ހިއްކުމުގެ މަޝްރޫޢުތަކާއި، ބަނދަރު ހެދުމުގެ މަޝްރޫޢުތައް، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމަން ކޮށްފައި އޮތް ޕްލޭނެއް އެބައޮތް. އަޅުގަނޑުމެން ސަރުކާރުން ކޮށްދޭންޖެހޭ ކަމަކީ ކެޕޭސިޓީ އިތުރުކޮށްދިނުން. އެހެންކަމަށްވާނަމަ، އެކަން އަޅުގަނޑުމެންނަށް ކުރެވިއްޖިއްޔާ، އަޅުގަނޑުމެން ހިއްކަން ބޭނުންވެފައި މިހުރި ހުރިހާ ރަށަކަށް ފަޅުތަކެއް، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ހިއްކޭނެ ކަމުގެ ޔަޤީންކަން ސީ.އީ.އޯ އަޅުގަނޑަށް މިއަދު ދެއްވި. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް އަހަރުގެ ތެރޭގައި އެމް.ޓީ.ސީ.ސީ.ގެ ޤާބިލުކަން، ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ބަޖެޓްތެރެއިން އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތައް ކުރާނަން. އޭރަށް، އަޅުގަނޑު މި ދަތުރުކުރި ރަށްރަށުގައިވެސް ދިމާވެފައި މިހުރި ކަންތައްތަކަށް އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ޙައްލުތަކެއް ލިބިގެންދާނެ.

އަޅުގަނޑުމެން ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ކުރިއަށް ގެންދަންވީ ވަޢުދާ އެއްގޮތަށް އަދިވެސް އިޖުތިމާޢީ ސޯޝަލް އެތައް ކަމެއް ބަދަލުކުރުމަށްވެސް އަޅުގަނޑުމެންވާނެ ވަޢުދުވެފައި. މިސާލަކަށް ދަންނަވާނަމަ، މިނިމަމް ވޭޖް ކަނޑައެޅުން އެއީ އަޅުގަނޑު ރައްޔިތުންނަށްވީ ވަޢުދެއް. ޤާނޫނެއް މިހާރު ހެދި، ޤާނޫނުގައި ވަކި ދުވަހަކަށް އެކަން ކުރުމަށް މިހާރުވަނީ ތަޞްދީޤުކޮށް ޢަމަލުކުރަން ފަށާފައި. ކުރިއަށް އޮތް 2022 ވަނަ އަހަރުގެ ޖަނަވަރީ މަސް ފެށިގެންދާނީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިބުނާ މިނިމަމް ވޭޖް ކަނޑައެޅިގެން.

މިނިމަމް ވޭޖް ކަނޑައަޅާއިރުގައި، އަޅުގަނޑު ރިޔާސީ އިންތިޚާބުގެ ތެރޭގައިވެސް ދެންނެވިގޮތަށް، ވަޒީފާދޭ ފަރާތާއި، ވަޒީފާ އަދާކުރާ ފަރާތުގެ ޙައްޤުތަކާ ގުޅޭގޮތުން ލަފާ ހޯދަންޖެހޭނެ. މިހާރު އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ކުރައްވަމުން އެގެންދަވަނީ އެ މަސައްކަތް. މިހާރު އެބައޮތް ދިރާސާއެއް ހަދައި، ވަކި ޢަދަދުތަކެއް ކަނޑައަޅައި ލިބިފައި. މިނިސްޓަރ ކުރައްވަމުން އެ ގެންދަވަނީ، ހުރިހާ ފަރާތްތަކާ މަޝްވަރާކޮށް، އޭގެ އެންމެ ފައިނަލް ނިންމުން ނިންމުމަށް.

މި ނިންމުމާ އެކީގައި، މިހާރު ހުށަހެޅިފައިވާ ހުށަހެޅުމުގައިވާ ގޮތުގެ މަތިން، ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ ގާތްގަނޑަކަށް ފަނަރަހާހަށްވުރެ ގިނަ މީހުންނަށް ބޮޑުތަނުން މުސާރައިގެ ކުރިއެރުން ލިބިގެންދާނެ. އަދި ޓުއަރިޒަމް ސެކްޓަރގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ގާތްގަނޑަކަށް އަންދާޒާ ކުރެވިފައި މިއޮތީ ތޭރަވަރަކަށްހާސް މީހުންނަށް މުސާރައިގެ ކުރިއެރުން ލިބިގެންދާނެ ކަމަށް. ސަރުކާރުގައި ވަޒީފާ އަދާކުރާ ބައެއް ފަރާތްތަކުގެ މުސާރަ ދެގުނަވެގެންދާތަންވެސް އެބަ ފެނޭ. ސަރުކާރުން މިކަމަށް ހޭދަކުރަންޖެހޭ. ގާތްގަނޑަކަށް އަންދާޒާ ކުރެވިފައި އޮތްގޮތުން، މި އަންނަ އަހަރުގެ ތެރޭގައި، ބަޖެޓުގައި 600 މިލައަނަށްވުރެ ގިނަ ފައިސާ އެބަ ޚަރަދުކުރަންޖެހޭ، މިނިމަމް ވޭޖް ކަނޑައެޅުމާ އެކީގައި. އެކަން އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި އަޅުގަނޑުމެން ވާނީ ހިމަނާފައި. އެހެންވީމާ، ޖަނަވަރީ މަސް ފެށިގެންދާއިރުގައި، މުސާރައަށް މި އަންނަ ބަދަލުތަކާ އެކީގައި ވަރަށްބޮޑު ކުރިއެރުމެއް، ސިވިލް ސަރވިސްގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ލިބިގެންދާނެ.

އޭގެއިތުރުން، އަޅުގަނޑު ކުރިން ވާނެ، ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ މުސާރައާއި އުޖޫރަ، ސަރުކާރުންދޭ އެހީތެރިކަން އިތުރުކުރުމަށް ވެފައި އޮތް ވަޢުދެއް. އެވެސް ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި ހިމެނިގެންދާނެ. އޭގެއިތުރުން، މުޅި ދައުލަތުގެ ޕޭ ހާމަނައިޒޭޝަން މިހާރު ނިމި، އެކަމަށް ޢަމަލުކުރަންވެސް މި އަންނަ އަހަރު ފެށިގެންދާނެ. އެގޮތުން، ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ޑޮކްޓަރުންގެ މުސާރައަށް ބަދަލުގެނައުމަށްވެސް އޭގައި އެބައޮތް ނިންމާފައި. އަޅުގަނޑުމެން އެކަން ކުރަމުން ގެންދާނީ އެކި ސްޓޭޖްތަކުގައި. އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ތަޢުލީމީ ދާއިރާއަށް ފުރަތަމަ އިސްކަންދީގެން ކުރިއަށް މިގެންދަނީ.

އާދެ، މި ދާއިރާގެ ދެ ރަށަކަށް އަޅުގަނޑަކަށް ނުދެވޭ އަދި. ފެރިދުއާއި މާޅޮސް. އެދަތުރުގައި އަޅުގަނޑަކަށް ނުދެވުނު. އެހެންނަމަވެސް، ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ އެ ދެ ރަށަށްވެސް ދަތުރެއް އަޅުގަނޑު ކުރާނަން. ފެރިދުއަށް ނުދެވުނު ނަމަވެސް، ފެރިދޫގައި އަޅުގަނޑުމެން ކުރަން ނިންމާފައި ހުރި މަސައްކަތްތައް ކުރިއަށްދާނެ. އޭގެތެރޭގައި، ޞިއްޙީ މަރުކަޒާއި، ފެނާއި ނަރުދަމާ ޤާއިމުކުރުމާއި، ކައުންސިލް އިމާރާތް، އޮފީސް އިމާރާތް ކުރުމާ، މިހެންގޮސް ފުޓްބޯޅަ ދަނޑު ތަރައްޤީކުރުން، އެ ރަށުގައި ކުރިއަށް އޮތް ތަނުގައި ދާނެ. ހަމަ އެގޮތަށް، މާޅޮހުގައި ކްލާސްރޫމްތަކާއި، މަލްޓި-ޕަރޕަސް ހޯލް އެޅުމުގެ މަސައްކަތް އެބައޮތް. ބަނދަރު ތަރައްޤީ ކުރުން އެބައޮތް. ފެނާއި ނަރުދަމާ ޤާއިމުކުރުން. އަދި އޭގެއިތުރުން، މިހާރު އަޅުގަނޑަށް މި އިވެނީ ފުޓްބޯޅަ ދަނޑަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން، ރަށުގެ ޒުވާނުން އެދޭ ވާހަކަ. އެވެސް ނޯޓުކޮށްގެން އަޅުގަނޑުމެން ކުރިއަށް މިދަނީ.

އާދެ، މި ދަތުރުގައި އަޅުގަނޑަށް ހުރިހާ ރަށަކުންވެސް އެންމެ ބޮޑަށް ފާހަގަކޮށް ހުށަހެޅުނު އެއްކަމަކީ، ރަށްރަށުގެ ކަރަންޓާއި ފެނުގެ އަގު ބޮޑު ވާހަކަ. ޚާއްޞަކޮށް، ވިޔަފާރިކުރާ ތަންތަނާއި، ޓޫރިސްޓް ގެސްޓްހައުސްތަކުން ބިލް ބޮޑުވާ ވާހަކަ. އެނގިވަޑައިގަންނަވާނެ، ވެރިކަމަށް އައިއިރުގައި، ރާއްޖޭގެ އެކި ރަށްރަށުގައި ހުރީ އެކި ރޭޓްތަކެއް. -/7 ރުފިޔާ ނަގާ ރަށްރަށް ހުރި ކަރަންޓުން. -/10 ރުފިޔާ ނަގާ ރަށްރަށް ހުރި. -/12 ރުފިޔާ ނަގާ ރަށްރަށް ހުރި. މިކަހަލަ ތަފާތުތަކެއް ހުރި. މިހާރު އަޅުގަނޑުމެން ވާނީ މާލެއާއި ރަށްރަށުގެ ޢާންމު ގޭގޭގެ، ޢާންމު ރައްޔިތުންގެ ކަރަންޓް ޗާޖް ކުރާވަރު، އެއް އަގަކަށް ބަދަލުކޮށްފައި.

މިހާރު މިއުޅޭ މައްސަލައަކީ، އިތުރަށް ޙައްލުކުރަން ޖެހިފައި މިއޮތް މައްސަލައަކީ، ރަށްރަށުގެ ވިޔަފާރިކުރާ ފަރާތްތަކާއި، ގެސްޓްހައުސްތައް ހިންގާ ފަރާތްތަކުގެ ކަރަންޓް ބިލަށް ރަނގަޅު ގޮތެއް ހަދައިދިނުން. މިހާރުވެސް ތިންސަތޭކައާ ހިސާބަށްދާއިރަށް، ބޭންޑްތަކަކަށް ހުންނައިރުގައި، އެއްހަމައެއްގައި އޮތަސް، އެއަށްވުރެ ގިނައިން ބޭނުންކުރަން ފެށީމާ، މާބޮޑުތަން ބޮޑުވެގެންދާ ވާހަކަ މި އަންނަނީ. އަޅުގަނޑު އިރާދަކުރެއްވިއްޔާ، މި ދަތުރަށްފަހުގައި، ފެނަކައާއި، އެމް.ޑަބްލިޔު.އެސް.ސީ.އާއި އަދި ރެގިއުލޭޓިންގ އޮތޯރިޓީއާ އެކީގައި އިށީނދެ މިކަމަށް ޙައްލެއް އިރާދަކުރެއްވިއްޔާ ހޯދުމުގެ މަސައްކަތް ފަށާނަން. އިރާދަކުރެއްވިއްޔާ ރަނގަޅު ބަދަލުތަކެއް މިކަމަށްވެސް އަޅުގަނޑު ގެނެސްދޭނަން.

އާދެ، ކުރިއަށް އޮތް އަހަރުގައި ބަޖެޓް ހުށަހެޅިގެންދާއިރުގައި، އަޅުގަނޑު މި ދަންނަވާހެން އިޖުތިމާޢީ ދާއިރާގެ ތަރައްޤީއަށްޓަކައި އަޅުގަނޑުމެން ވަރަށްބޮޑު އިސްކަމެއް ދީފައި އޮންނާނީ. އަޅުގަނޑުމެން ވެރިކަމަށް އައިއިރުގައި، ޖެންޑަރ މިނިސްޓްރީގައި އޮތް ބަޖެޓް، 2018 ވަނަ އަހަރު އޮތް ބަޖެޓް މިހާރުވާނެ، ކުރިއަށް އޮތް އަހަރަށް ދެގުނަކޮށްފައި. އޭގެ ނަތީޖާ އެ މިނިސްޓްރީގެ ފަރާތުން ފެނިގެންދާނެ ކަމަށް އަޅުގަނޑުމެން އުންމީދު މިކުރަނީ. އަޅުގަނޑުމެން އެކަން ބަލަމުން ގެންދާނަން. އިރާދަކުރެއްވިއްޔާ، ރަނގަޅު ބަދަލުތަކެއް، އިޖުތިމާޢީ ދާއިރާއަށް، ކުރިއަށް އޮތް އަހަރުގެ ތެރޭގައި ގެނެވިގެންދާނެ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލާނަން. އަދިވެސް އެއްފަހަރު އަޅުގަނޑުމެން މި ރަށަށް އައުމުން، މި ރަށުގެ ލޮބުވެތި ރައްޔިތުން އަޅުގަނޑުމެންނަށްކީ ހޫނު މަރުޙަބާއަށް، އަޅުގަނޑާއި އަޅުގަނޑުގެ ޓީމުގެ ފަރާތުން ވަރަށް އިޚްލާޞްތެރިކަމާ އެކުގައި ޝުކުރު ދަންނަވަން. އަދި އެއާއެކުގައި، ކައުންސިލްގެ ރައީސް، އަޅުގަނޑަށާއި ސަރުކާރަށް ނިސްބަތްކޮށް ހެޔޮހިތުން އެ ދެއްކެވި ވާހަކަފުޅުތައް އަޅުގަނޑުމެން ބަލައިގަނެ، ވަރަށް ބޮޑަށް ކައުންސިލަށްވެސް އަދި ހުޝާމަށްވެސް ޝުކުރު އަދާކުރަން.

އަޅުގަނޑުގެ ދުޢާއަކީ، ރަށްރަށުގެ ތަރައްޤީއަށްޓަކައި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، ﷲ ބަރަކާތް ލައްވައި، ރައްޔިތުންނަށް އަދަށްވުރެ އުފާވެރި މާދަމާއެއް ﷲ މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.