ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަރިއަތޮޅު އުތުރުބުރީގެ ހަ ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގަންނަވައިފިއެވެ. މިގޮތުން އެމަނިކުފާނު ދަތުރުފުޅުކުރައްވަން ހަމަޖެހިފައިވަނީ އއ. ތޮއްޑޫއަށާއި، ރަސްދޫއަށާއި، އުކުޅަހަށާއި، މަތިވެރިއަށާއި، ބޮޑުފޮޅުދޫ އަދި ހިމެންދޫއަށެވެ.

މިރަށްތަކަށް ކުރައްވާ ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަކި ވަކި ރަށްރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ވިޔަފާރިވެރިންނާއި، ދަނޑުވެރިން އަދި ގެސްޓްހައުސް ހިންގާ ފަރާތްތަކުގެ އިތުރުން ބައެއް ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ރަށްރަށުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ޙާލަތު ބައްލަވައިލެއްވުމަށާއި، ސަރުކާރުން ހިންގާ ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ތޮއްޑޫ ސްކޫލްގެ 12 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލް ހުޅުއްވައިދެއްވުމަށާއި، ބޮޑުފޮޅުދޫ މިސްކިތް ހުޅުއްވައިދެއްވުމަށާއި، ހިމެންދޫގެ ބަނދަރު ހުޅުއްވައިދެއްވުމަށް ހަމަޖެހިފައެވެ.

އެމަނިކުފާނުގެ ދެ ދުވަހުގެ މި ދަތުރުފުޅުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.