بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، ދައުލަތުގެ ވަޒީރުން، 2019 ވަނަ އަހަރުގެ މަތީ ޘާނަވީ އިމްތިޙާންތަކުން އެންމެ މަތީ ވަނަތައް ޙާޞިލުކުރާ ދަރިވަރުން، ސްކޫލްތަކުގެ އިސްވެރިންނާއި، ދަރިވަރުންގެ ލޮބުވެތި ބެލެނިވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިރޭގެ ޙަޤީޤީ ޝަރަފުވެރިންނަކީ މިތާ މިތިބަ ދަރިވަރުން. އެއީ 2019 ވަނަ އަހަރުގެ މަތީ ޘާނަވީ އިމްތިޙާނުތަކުން އެންމެ މަތީ ވަނަތައް ޙާޞިލުކޮށް މިރޭ އިނާމު ޙާޞިލުކުރާ ދަރިވަރުން. އެހެންކަމުން، ތިޔަ ހުރިހާ ދަރިވަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާ ކިޔައި ހެޔޮއެދުންތައް ފޮނުވަން.

ހަމައެފަދައިން، ތިޔަކުދިންނަށް ކިޔަވައިދީ، ރަނގަޅު ކާމިޔާބީއެއް ހޯދައިދިނުމަށް، މައިންބަފައިންނާއި ބެލެނިވެރިން ކުރެއްވި ބުރަ މަސައްކަތްތައް ފާހަގަކޮށް، އެ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު މަރްޙަބާއާއި ތަހުނިޔާ ދަންނަވަން.

ތިޔަކުދިންނަށް ކިޔަވައިދީ ތަރުބިއްޔަތު ކުރުމުގައި، 15 ވަރަކަށް އަހަރު ވަންދެން ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ވަރަށް ޚިދުމަތްތެރި އަދި އެހާމެ އޯގާތެރި އެހެން ބަޔަކު އެބަތިބި. އެއީ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ލީޑިން ޓީޗަރުންނާއި، މުދައްރިސުން. ތިޔަކުދިންގެ ތަޢުލީމީ ޙަޔާތުގައި ބައްދަލުވި އެ ހުރިހާ ބޭފުޅުންނަށްވެސް، ތިޔަކުދިންނާއި ތިޔަކުދިންގެ ބެލެނިވެރިންނާއި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވައި މަރުޙަބާވެސް ދަންނަވަން.

ތިޔަކުދިންގެ ޙަޔާތުގައި މިހާރު އާދެވިފައި ތިޔަތިބީ ވަރަށް މުހިންމު ހިސާބަކަށް. މަތީ ޘާނަވީ ނިންމައި މަތީ ތަޢުލީމަށް ކުރިމަތިލާއިރު، ޙަޤީޤަތުގައި އެ ފެށެނީ، ޤައުމު އާރާސްތު ކުރުމުގެ މަސައްކަތަށް ދަރިވަރުންގެ ވިސްނުން އަމާޒު ކުރަންވީ މަރުޙަލާ. މިހާރު ތިޔަކުދިންގެ ވިސްނުން ހުންނާނީ، ކުރިމަގު ބައްޓަންކުރާނެ ދާއިރާއަކާމެދުގައިކަން އަޅުގަނޑަށް ޔަޤީން.

ޑޮކްޓަރުންނަށް ވާން ބޭނުންވާ ކުދިންނާއި، އިންޖިނޭރުންނަށް ވާން ބޭނުންވާ ކުދިން، ތީގެ ތެރޭގައި ތިބޭނެ. ޓީޗަރުންގެ ގޮތުގައި ނުވަތަ ނަރުހުންގެ ގޮތުގައި ކުރިއަށްދާން ބޭނުންވާ ކުދިންވެސް ތިބޭނެ. އަދި އެނޫން ކިތަންމެ ރޮނގަކުން ވިސްނުން ހިންގާނެ ކިތަންމެ ކުދިންނެއް މިތާނގައި ތިބޭނެ.

ސަރުކާރު މިއޮތީ ތިޔަކުދިންގެ ވިސްނުން އަމާޒުކުރި ކޮންމެ މިސްރާބަކަށް ތިޔަކުދިން ގެންގޮސްދޭން ތައްޔާރަށް. ރާއްޖޭގައި ހުރެގެންވިޔަސް އަދި ރާއްޖެއިން ބޭރުންވިޔަސް، އެ ކުއްޖަކު ބޭނުން ދާއިރާއަކުން މަތީ ތަޢުލީމް ޙާޞިލުކުރުމުގެ ފުރުޞަތު މިހާރު މިއޮތީ ހުޅުވިފައި.

އެހެން ނަމަވެސް، ތިޔަކުދިން މިއަދު ވިސްނަންވީ، ތިޔަ ވަދެވެނީ ވަރަށް ޢިލްމީ ޒަމާނެއްގެ ތެރެއަށްކަން. ތިޔަ ވަދެވެނީ ޢިލްމީ ހޯދުންތަކުން ޤައުމުތައް ތަރައްޤީކޮށް ކުރިއެރުވުމަށް، މުޅި ދުނިޔެ އަމާޒު ހިފާފައިވާ ޒަމާނެއްގެ ތެރެއަށް. މިއީ ސައެންސާއި ޓެކްނޮލޮޖީގެ އެހީގައި، އީޖާދީ ވިސްނުންތަކުން ޤައުމުތައް ކުރިއަރައިދާ ޒަމާން.

އެކާވީސް ވަނަ ސައްތައިގެ ތަޢުލީމުގެ އަމާޒަކީ، އިޤްތިޞާދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން އަދި ޓެކްނޮލޮޖީގެ ގޮތުން މުޖުތަމަޢަށް އަންނަމުންދާ ހަލުވި ބަދަލުތަކާއި ކުރިއެރުންތަކަށް އިޖާބަދެވޭފަދަ ދަރިންތަކެއް އުފެއްދުން. އެކާވީސްވަނަ ސައްތައިގެ ތަޢުލީމު އަމާޒު ހިފާފައިވަނީ، ތިޔަކުދިންގެ ޙަޔާތުގައި މިހާތަނަށް ނުއުފަންނަ ވަޒީފާތަކަކަށް ތިޔަކުދިން ތައްޔާރުކޮށްދިނުމަށް.

ޓެކްނޮލޮޖީގެ ޒަމާނުގައި، ވަޒީފާއަކީ ވަކި ތަނަކުން ވަކި މީހަކު ދޭ އެއްޗެއް ނޫން. އެއީ އެމީހާ އަމިއްލައަށް އުފަންކުރުވާ އެއްޗެއް. މުސާރައަކީވެސް ވަކި މިންވަރެއް ކަނޑައެޅިފައި އޮންނަ އެއްޗެއް ނޫން. އެއީ އެމީހެއްގެ އުފެއްދުންތެރިކަމަށް ބިނާކޮށް، އޭނާ އަމިއްލައަށް ކަނޑައަޅާ އެއްޗެއް. އެފަދަ މީހަކަށް ވެވޭނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، އާ އުފެއްދުންތައް ނެރެވޭފަދަ އީޖާދީ ވިސްނުންތައް ސިކުނޑީގައި އުފަންކުރުމުގެ ޤާބިލުކަން ހޯދައިގެން.

މިއަދު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ، ތަޢުލީމީ މަރުޙަލާތައް ނިންމައިލުމަށްފަހު، ވަޒީފާގެ ފަހަތުން ދުވާ ޒުވާނުން. ސަބަބަކީ ވަކި ވަޒީފާއަކަށް އަމާޒުކޮށް، ހަމައެކަނި ސެޓްފިކެޓެއް ޙާޞިލުކުރުމަށްޓަކައި، ތަޢުލީމީ ޙަޔާތުގެ ދުވަސްތައް ހޭދަކޮށްލެވޭކަން. އޭގެ ބަދަލުގައި މަސައްކަތް ކުރަންވީ، އައު އުފެއްދުންތައް އީޖާދުކުރާނެ ވިސްނުން ސިކުނޑީގައި ތަރައްޤީކުރަން.

ތިޔަކުދިން ގަދައަޅައި މަސައްކަތް ކުރަންވީ، ވަޒީފާތަކާއި، މުސާރައިގެ ފުރުޞަތުތައް، ތިޔަކުދިންގެ ފަހަތުން އަންނަފަދަ ބަޔަކަށްވުމަށް. ވަކި ވަޒީފާއަކަށް ވިސްނުން ބެހެއްޓުމުގެ ބަދަލުގައި، ތިޔަކުދިންގެ ވިސްނުން އަމާޒުކުރަންވީ، އެ ކުއްޖެއްގެ ކިބައިގައި ހުރި ހުނަރާއި، ފަންނުވެރިކަމުގެ ދާއިރާއިން، އީޖާދީ ވިސްނުންތައް ތަރައްޤީ ކުރުމަށް.

އަޅުގަނޑުމެން މި ކިޔާ 21 ވަނަ ސައްތައިގެ އުފެއްދުންތެރި ޒުވާނުން ބިނާވާނީ އޭރުން. އެފަދަ ޒުވާނުން ޤައުމުގެ ހިންގުމާ ޙަވާލުވާނީ، ވަކި ތައްގަނޑަކަށް ޤައުމުގެ ކުރިމަގު ފެއްތުމުގެ ބަދަލުގައި، ޒަމާނީ ތަރައްޤީއާ ފައިހަމަވާގޮތަށް، ޤައުމީ ތަރައްޤީގެ ދުވެލި ހަލުވިކުރުމަށް. މިޒަމާނުގެ ތަރައްޤީއާއި ކުރިއެރުން ޙާޞިލުކުރެވެން އޮތީ، އީޖާދީ ވިސްނުންތައް ސިކުނޑިތަކުގައި އުފަންކުރުވައިގެން.

މިއީ އަޅުގަނޑުމެންގެ މުދައްރިސުންނާއި ބެލެނިވެރިންނާއި މައިންބަފައިންވެސް ވިސްނަންޖެހޭ ކަމެއް. ކުދިންނަށް ކިޔަވައިދީ، ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް، ބެލެނިވެރިން އެކުރައްވަނީ ތަޢުރީފު ޙައްޤު މަސައްކަތްތަކެއް. ކިޔަވައިދީގެން މޮޅު ކުއްޖަކަށް ހެދުމުގެ އިތުރުން، ތިޔަ ޢިއްޒަތްތެރި ބެލެނިވެރިން މަސައްކަތް ކުރައްވަންވީ، ތިޔަބޭފުޅުންގެ ދަރިންގެ ކިބައިގައި ހުރި ހުނަރާއި ފަންނުވެރިކަން އިތުރަށް ތަރައްޤީކޮށްދެއްވުމަށް. އެ މަސައްކަތް ފަށްޓަވަންވީ، އެކުދިންގެ އެންމެ ތުއްތު ދުވަސްވަރުން ފެށިގެން.

ކުދިންނަށް އެންމެ ރަނގަޅު ތަޢުލީމެއްދީ، ރިވެތި އަޚްލާޤީ ސިފަތަކުން ޒީނަތްތެރި ކުރުމަށްޓަކައި ބެލެނިވެރިން ކުރައްވާ މަސައްކަތްތަކުގައި، އެންމެ ބޮޑު އެހީތެރިކަމެއް ވެދެއްވަނީ މުދައްރިސުންނާއި، ތަޢުލީމީ ދާއިރާގެ ފަންނުވެރިންކަން އަޅުގަނޑު ޤަބޫލުކުރަން.

މުދައްރިސުން އެ ކުރައްވާ މަސައްކަތް، ސްކޫލާ ހަމައިން ނިމިގެންނެއް ނުދޭ. ކުރިއަށް އޮތް ދުވަހަށް ފިލާވަޅުތައް ތައްޔާރު ކުރެއްވުމާއި، ޓީޗިންގ އެއިޑްސް ތައްޔާރު ކުރެއްވުމަށް، ގޭގައިވެސް މުދައްރިސުން އެތައް މަސައްކަތްތަކެއް ކުރައްވާ. ވަށައިޖެހޭ ތަޢުލީމީ ނިޒާމެއްގައި، ކުޅިވަރު ދަނޑުތަކާއި، އެނޫން ކިތަންމެ ތަނެއްގައިވެސް މުދައްރިސުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގަންނަވާ.

މިއަދު ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 6498 ދާއިމީ ދިވެހި މުދައްރިސުން އެބަ މަސައްކަތް ކުރައްވާ. ރާއްޖެއިން ބޭރުގެ 1730 މުދައްރިސުންނާއި، 891 ވަގުތީ މުދައްރިސުންނާއެކު، ޖުމްލަ 9119 މުދައްރިސުން މިހާރު ރާއްޖޭގައި އެބަ މަސައްކަތް ކުރައްވާ.

މި ޢަދަދުތަކަށް ބަލާއިރު، ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ވަގުތީ ޓީޗަރުންގެ ޢަދަދު، އެއް ދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުން. މިކަމަށް އަވަސް ޙައްލެއް ހޯދަން މަސައްކަތް ނުކޮށްފިނަމަ، ތަޢުލީމީ ދާއިރާއަށް ބޭނުންވާ މުދައްރިސުންނާއި، ތަޢުލީމީ މަންހަޖު ތަރައްޤީ ކުރާނެ މީހުންނާއި، އަދި ޕްރިންސިޕަލުން ރާއްޖެއިން ނުލިބުމުގެ ބިރު ވަރަށް ބޮޑު.

މިކަން މިގޮތަށް ދޫކޮށްލެވިއްޖެނަމަ، އަޅުގަނޑުމެންގެ ކުރިމަގުގެ ޖީލަކީ، ޢިލްމީ ގޮތުންނާއި، ވިސްނުމުގެ ގޮތުންނާއި، ފަންނީ ގޮތުން، އަޅުގަނޑުމެން މި ބޭނުންވާފަދަ އީޖާދީ ވިސްނުމުގެ އަހުލުވެރި ބަޔަކަށް ނުވުމަކީ ވަރަށް އެކަށީގެންވާ ކަމެއް.

އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ހުރި މިފަދަ މައްސަލަތަކާމެދު ޢިލްމީ ދިރާސާތަކެއް އެބަ ހަދަންޖެހޭ. ތަޢުލީމީ ދާއިރާއަށް މީހުން ޝައުޤުވެރިނުވާ ސަބަބުތަކަކީ ކޮބައިކަން ސާފުކޮށް އެނގޭނީ، ޢިލްމީ ގޮތެއްގައި އެކަންކަން ހޯދައި ބަލައިގެން.

ޑޮކްޓަރ މުޞްޠަފާ ލުޠުފީ، އަޅުގަނޑުގެ އެޑްވައިޒަރަކަށް މިހާރު ހުންނެވި. އަޅުގަނޑު ދެންނެވިން މުޞްޠަފާއަށް. މިކަމާ ދޭތެރޭގައި ކޮންމެވެސްކަހަލަ ލިޔުމެއް އަޅުގަނޑަށް ތައްޔާރުކޮށްލައްވަދެއްވާށޭ. އަޅުގަނޑަށް ގެނެސްދެއްވި. 1970 ވަނަ އަހަރުން ފެށިގެން މިއަދާ ހިސާބަށް، ރާއްޖޭގެ ތަޢުލީމީ ނިޒާމު ހިނގަމުން އައިގޮތާއި، އޭރު މުދައްރިސުންނަށާއި ޓީޗަރުންނަށް އޮތް އިޙްތިރާމާއި ޤަދަރާއި، އެ ބަދަލުވުން މިހާތަނަށް އައިގޮތުގެ ވަރަށް ތަފްޞީލީ ކަރުދާހެއް އަޅުގަނޑާ ޙިއްޞާ ކުރެއްވި. ވިދާޅުވި އަދި އޭގެއިތުރަށް، މިކަމުގައި ޢިލްމީ ދިރާސާއެއް ކޮށްފައި ނޫނީވިއްޔާ މިއާ ދޭތެރޭގައި ކުރިއަށްދާނެ ގޮތެއް ނުނިންމަވާށޭ. އެހެންކަމުން، ސަރުކާރުން އަޅުގަނޑު މި ގަޞްދު ކުރަނީ، ޑޮކްޓަރ މުޞްޠަފާ އެ ވިދާޅުވިގޮތަށް، ޓީޗަރުންނާއި ތަޢުލީމީ ދާއިރާގެ ކަންތައްތައް މިހާރުހުރި ގޮތާބެހޭ ޢިލްމީ ދިރާސާއެއް ވަރަށް އަވަހަށް ކުރުމަށް.

ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ދިވެހިންގެ ޙިއްޞާ އިތުރުކުރުމަކީ، އިސްލާމީ ޞައްޙަ ޢަޤީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް، އެކަކު އަނެކަކަށް އަޅައިލާ އޯގާތެރިކަމާއި އެކުވެރިކަމާއެކު ދިރިއުޅޭ ރައްޔިތެއް ބިނާކުރުމަށްޓަކައި ވަރަށް މުހިންމު ކަމެއް. އަދި ދިވެހި ޤައުމިއްޔަތާއި ދިވެހިބަހާއި ރާއްޖޭގެ ސަގާފަތަށް ކުދިންގެ ހިތްތަކުގައި ލޯބި އިތުރުކުރުމަށްޓަކައިވެސް ވަރަށް ބޭނުންތެރި ކަމެއް.

އަޅުގަނޑުގެ އުންމީދަކީ، 21 ވަނަ ސައްތައިގެ ގޮންޖެހުންތަކާ ކުރިމަތިލެވޭފަދަ ތަޢުލީމީ ޒުވާން ޖީލެއް އުފެއްދުމަށް މިކުރާ މަސައްކަތުގައި، ލޮބުވެތި ބެލެނިވެރިންގެ ފަރާތުން މިހާރަށްވުރެ ފުރިހަމަ އެއްބާރުލުމެއް ލިބިގެންދިޔުން. އަދި މިކަމުގައި އަޅުގަނޑުމެންނަށް ފުރިހަމަ ކާމިޔާބާއި ކުރިއެރުން ދެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. ރާއްޖޭގެ މަދަރުސާތަކުން ތަޢުލީމް ޙާޞިލުކުރާ ދަރިވަރުންނަކީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބޭ، އިސްލާމީ އެންމެ މަތިވެރި އަޚްލާޤުން ޒީނަތްތެރިވެގެންވާ ކުދިންތަކެއް ކަމުގައި ލައްވާށި! ދިވެހި ޒުވާނުންނަކީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، އަދި ރާއްޖޭގެ ތަރައްޤީއަށް މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ހިތްތަކުގައި އުފެދިފައިވާ ބަޔަކު ކަމުގައި ލައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.