بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

ކޮންމެ ކަމެއްގައިވެސް އަޅުގަނޑުމެންނަށް ހުރި އެންމެ ރިވެތި ނަމޫނާ ކަމުގައި ލެއްވެވި، މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޢީދު މީލާދުގެ މަތިވެރި ހަނދާންތައް އައުކުރާ މި އުފާވެރި މުނާސަބަތުގައި، ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވަމެވެ. އަދި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ، އެންމެހައި މުސްލިމް އަޚުންނާއި އުޚުތުންނަށްވެސް، މި އުފާވެރި މުނާސަބަތުގައި، ތަހުނިޔާއާއި މުބާރަކްބާދީ ފޮނުވަމެވެ.

މިއަދަކީ، އެންމެހައި ރިވެތި އަދި ރަނގަޅު ކަންކަމުގައި، އަދި ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް އެދޭ ކޮންމެ މީހަކުމެ ތަބަޢަވާންވީ އެންމެ މަތިވެރި ނަމޫނާގެ ހަނދާންތައް އައުކުރާ ދުވަހެވެ. މި އުންމަތުގެ މާތް ނަބިއްޔާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމުގެ ވަސްމީރު ޒިކުރާގެ ހަނދާންތައް އައުކުރާއިރު، އަޅުގަނޑުމެންގެ ވިސްނުމަކަށް ހަދަންވީ، އެ މަތިވެރި ޒިކުރާއިން އަޅުގަނޑުމެންގެ މިއަދުގެ މުޖުތަމަޢަށް ބޭނުންވާ ފިލާވަޅުތައް ލިބިގަތުމެވެ. އެއްވެސް އޮޅުމެއްނެތްގޮތުގައި، އެ މާތް ނަބިއްޔާގެ ރިސާލަތުން މަތިވެރި ކާމިޔާބު އުންމަތެއް ބިނާވެގެންދިޔައީ، ފަރުދީ އިޞްލާޙީ ފިޔަވަޅުތަކުން، އުފެދުނު އިޖުތިމާޢީ ބަދަހި ގުޅުންތަކެއްގެ ސަބަބުންނެވެ.

އަޅުގަނޑުމެންގެ މުޅި އިސްލާމީ އުންމަތް މިއަދު ބޭނުންވަނީ އެފަދަ އިޞްލާޙީ ފިޔަވަޅުތަކަކަށެވެ. އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢަށް އެފަދަ އިޞްލާޙީ ފިޔަވަޅުތަކެއްގެ ބޭނުންތެރިކަން މިއަދު މިވަނީ ވަކިން ބޮޑުވެފައެވެ. ނަބަވީ ރިސާލަތުން ލިބިދޭ އެންމެ މަތިވެރި ފިލާވަޅަކީ، ޤައުމުގެ ކުރިއެރުމާއި ތަރައްޤީގެ އަޞްލަކީ، މުޖުތަމަޢުގެ އެކުވެރިކަމާއި އެއްބައިވަންތަކަން ކަމެވެ. އެކަން ޙާޞިލުކުރެވެނީ، އިޞްލާޙީ ކޮންމެ ފިޔަވަޅެއް ތިމާގެ އަމިއްލަ ނަފްސުން ފަށައިގެންކަން، އެކަލޭގެފާނު ވަނީ ޢަމަލީގޮތުން ސާބިތުކޮށްދެއްވައިފައެވެ.

ކޮންމެ ކަމަކަށް ގޮވައިލެއްވިއިރު، އެކަމެއްގެ އެންމެ ފުރިހަމަގޮތް، އެކަލޭގެފާނު ޢަމަލީގޮތުން، މުޅި އުންމަތަށް ދެއްކެވިއެވެ. އިތުރު އެކަލޭގެފާނަށް ތަބަޢަވުމުގައި، ޞަޙާބީ ބޭކަލުން ހިންގެވި މަގަކީ، އަނެކުންގެ ފަރާތުން ކަންކަން އިޞްލާޙުވުމަށް އިންތިޒާރު ކުރެއްވުމުގެ ބަދަލުގައި، އެ ބޭފުޅެއްގެ އަމިއްލަ ނަފްސު އިޞްލާޙު ކުރެއްވުމެވެ. ތިމާގެ އަތުން އަނެކާއަށް އަނިޔާއެއް ގޯނާއެއް ނުކުރުމެވެ. ތިމާގެ ދުލުން އަނެކާގެ އަބުރާ ނުބެހުމެވެ. ތިމާގެ ފުށުން އަނެކާގެ މުދަލަކަށް ގެއްލުމެއް ނުދިނުމެވެ. ތިމާގެ ހިތުގައި އަނެކާއާމެދު ޙަސަދަވެރިކަމެއް ނުބޭއްވުމެވެ.

ނަތީޖާއަކަށްވީ، އިޖުތިމާޢީ ހުރިހާ ރިވެތި އަދަބުތަކާއި، އަޚްލާޤީ އެންމެ ރިވެތި ސިފަތަކުން ޖަރީވެފައިވާ، އެއްބަނޑުއެއްބަފާ ޞުލްޙަވެރި މުޖުތަމަޢެއް އުފަންވުމެވެ. ކަން މިހެން ހުރިއިރު، އަޅުގަނޑުމެންގެ މުޖުތަމަޢުގައި ހިނގާ ނޭދެވޭ ކަންކަމަށްވެސް ނަބަވީ ރިސާލަތުން ޙައްލު ހޯދޭނެއެވެ. އިތުރު އެކަލޭގެފާނު އަޅުގަނޑުމެންނަށް ދަސްކޮށްދެއްވީ، ޙަސަދައިން ދުރުހެލިވުމަށެވެ. މީސްތަކުންގެ ފުރާނަ ރައްކާތެރިކުރުމަށެވެ. އިންސާނީ ކަރާމާތަށް ޙުރްމަތްތެރިކޮށް ހިތުމަށެވެ. ކޮންމެ ޙާލަތެއްގައިވެސް، އަނެކުންނާ ރިވެތި ގޮތުގައި މުޢާމަލާތު ކުރުމަށެވެ. އޯގާތެރިކަމާއި ކުލުނާއެކު އަނެކުންނަށް އެހީތެރިވުމަށެވެ.

މައުލިދުއް ނަބަވީގެ މަތިވެރި ޒިކުރާ އައުކުރާއިރު، އަޅުގަނޑުމެން ކޮންމެ މީހެއްގެ ޢަޒުމަކަށް މިއަދު ހަދަންވީ، މުޖުތަމަޢުގެ ހަމަޖެހުމާއި ޞުލްޙަމަސަލަސްކަން ޤާއިމުކުރުމުގައި، އެމީހެއްގެ ކޮނޑުގައި އެޅިފައިވާ ފަރުދީ ޒިންމާ އަދާކުރުމަށެވެ. އެއީ ތިމާގެ ފަރާތުން މުޖުތަމަޢަށް އެއްވެސް ގެއްލުމެއް ނުދިނުމަށް ޢަޒުމް ކަނޑައަޅައި، އެގޮތުގައި ދެމިހުރުމެވެ. އިސްލާމްދީން ގެނެސްދިން އޯގާތެރިކަމާއި މަޑުމައިތިރިކަމާއި ރިވެތި ބަސްމަގަކީ، އަނެކުންނާ މުޢާމަލާތު ކުރުމުގައި އަބަދުވެސް ތަބާވާނެ އުޞޫލުތައް ކަމުގައި ކަނޑައަޅައި، އެގޮތަށް މަސައްކަތް ކުރުމެވެ. އަނެކުންނަށް މަޢާފުކުރުމާއި އެހީތެރިވުމާއި، ހެޔޮ ފޯރުވުމުގައި ދެމިހުރެވޭތޯ ގަދައަޅައި މަސައްކަތް ކުރުމެވެ.

އަޅުގަނޑުމެންނަކީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބެ، މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެއްކެވި ނަމޫނާއިން ދެދުނިޔޭގެ ބާއްޖަވެރިކަމަށް މަސައްކަތް ކުރާ ބަޔަކު ކަމުގައި ލެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. ދިވެހިރާއްޖެއަށާއި މުޅި އިސްލާމީ އުންމަތަށް، ތަނަވަސްކަމާއި ފުރިހަމަ ޞިއްޙަތާއި ތިޔާގިކަން މިންވަރު ކުރައްވައި، އަމާން ޞުލްޙަވެރި ކުރިމަގެއް މިންވަރުކުރައްވާށިއެވެ! އާމީން.