ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިހާރު ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕް 2021 ގެ ފައިނަލްގައި އިންޑިއާ އާއި ނޭޕާލް ކުޅުނު މެޗު ބައްލަވާލައްވައިފިއެވެ.

މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހަށް ކުރިޔަށްދާ މި މުބާރާތުގައި މިރޭ ކުޅުނު މި މެޗަކީ މި މުބާރާތުގެ ފައިނަލްމެޗެވެ. މި މެޗު3 ލަނޑު 0 ލަނޑުން ކުރިހޯދައި މެޗް ކާމިޔާބުކުރީ އިންޑިއާގެ ޓީމެވެ. މި ނަތީޖާއާއެކު އިންޑިއާގެ ޓީމު ވަނީ މުބާރާތް ކާމިޔާބުކޮށްފައެވެ.

މި މެޗު ބައްލަވާލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިން ވެސް ދަނޑަށް ވަޑައިގެންނެވިއެވެ. ފައިނަލް މެޗަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މުބާރާތުގެ ޗެންޕިއަން ޓީމަށް ޓްރޮފީއާ ހަދިޔާކުރައްވާފައެވެ.