”އޭޖް އޮފް ސްޓިއުޕިޑް“ މިފިލްމްގެ ގްލޯބަލް ޕްރިމިއަރގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި، ރާއްޖެއަކީ ދުނިޔޭގައިވާ އެންމެ ފުރަތަމަ ކަރބަން ނިއުޓްރަލް ޤައުމަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިޢްލާނު ކުރެއްވުމާ ގުޅިގެން، ”ނޮޓް ސްޓިއުޕިޑް“ އެވޯޑް، ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން މިރަސްމިއްޔާތުގައި އޮތެވެ. އެއަށްފަހު މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން އެމަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ.
"ދި އޭޖް އޮފް ސްޓިއުޕިޑް" މިފިލްމަކީ 2055 ވަނަ އަހަރު ހަލާކުވެ ވިރާނާވެފައިވާ ދުނިޔެއެއްގައި ދިރިއުޅޭ މީހެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ޑޮކިއުމެންޓަރީ ފިލްމެކެވެ. މި ފިލްމުގައި 2008 ވަނަ އަހަރުގެ މަންޒަރުތަކެއް އޭނާ ބަލަމުން ތިމަންނާމެންނަށް ފުރުސަތުއޮއްވާ މިކަންތައްތައް ނުހުއްޓުވީ ކީއްވެގެންތޯ އޭނާ އަމިއްލަ ނަފްސާ ސުވާލުކުރެއެވެ.
މިރަސްމިއްޔާތުގައި އ.ދ.ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާނާއި، އަޔަރލަންޑްގެ ކުރީގެ ރައީސް މޭރީ ރޮބިންސަންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.