ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިހާރު ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕް 2021 ގައި ރާއްޖެ ކުޅުނު ތިންވަނަ މެޗު ބައްލަވާލައްވައިފިއެވެ. މިއަދު ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގައި ރާއްޖެ ބައްދަލުކޮށްފައި ވަނީ ސްރީލަންކާގެ ޤައުމީ ޓީމާއެވެ.

މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހަށް ކުރިޔަށްދާ މި މުބާރާތުގައި މިރޭ ކުޅުނު މި މެޗަކީ މި މުބާރާތުގެ ހަތްވަނަ މެޗެވެ. މި މެޗުގައި 1 ލަނޑު 0 ލަނޑުން ކުރިހޯދައި މެޗް ކާމިޔާބުކުރީ ރާއްޖޭގެ ޤައުމީ ޓީމެވެ.

މި މެޗު ބައްލަވާލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމާއި ބައެއް ވަޒީރުންނާއި ސަރުކާރުގެ އެކި އިދާރާތަކުގެ ބައެއް ވެރިން ވެސް ދަނޑަށް ވަޑައިގެންނެވިއެވެ. އަދި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސްރީލަންކާގެ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް، މިނިސްޓަރ އޮފް ޑިވެލޮޕްމަންޓް، ކޯޑިނޭޝަން އެންޑް މޮނިޓަރިންގ އަދި ސްޓޭޓް މިނިސްޓަރ އޮފް ޑިޖިޓަލް ޓެކްނޮލޮޖީ އެންޑް އެންޓަރޕްރައިސް ޑިވެލޮޕްމަންޓް، ހިޒް އެކްސެލެންސީ ނަމާލް ރާޖަޕަކްސަ ވެސް މި މެޗް ބައްލަވާލެއްވުމަށް ގަލޮޅު ދަނޑަށް ވަޑައިގެންނެވިއެވެ. މީގެ އިތުރުން ގިނަ ޢަދަދެއްގެ ދިވެހި ރައްޔިތުން ރާއްޖޭ ޤައުމީ ފުޓްބޯޅަޓީމަށް ސަޕޯޓް ކުރެއްވުމަަށް ގަލޮޅު ދަނޑުގައި ތިއްބެވިއެވެ.

މީގެ ކުރިން ރާއްޖެ ވަނީ ސާފް ޗެންޕިއަންޝިޕް 2 ފަހަރު ކާމިޔާބުކޮށްފައެވެ. އެއީ 2008 އަދި 2018 ވަނަ އަހަރު އެވެ.