بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޝާހިދުގެ ދެކަނބަލުން، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި ޢިއްޒަތްތެރިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން، މަނިކުފާނު ރާއްޖެއަށް ޒިޔާރަތްކުރެއްވި ކަމަށްޓަކައި، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި އަޅުގަނޑުމެންގެ ލޮބުވެތި ފަސްގަނޑުގައި މަނިކުފާނަށް މަރުޙަބާ ދެންނެވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

ދިވެހި ލޭ ހިނގާ ދިވެހި ދަރިޔަކު، ދުނިޔޭގެ އެންމެ ޝަރަފުވެރި، އެއް މަޤާމު ފުރުއްވަމުން ގެންދަވާކަމީ، ދިވެހި ކޮންމެ ރައްޔިތަކަށް ލިބޭ ނުހަނު މަތިވެރި ފަޚުރަކާއި ޝަރަފެއް. އ.ދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތުން، އަޅުގަނޑުމެންގެ މައް ދިވެހިބަހުން، މުޅި ދުނިޔެއާ މުޚާޠަބު ކުރައްވައި، އ.ދ.ގައި ތަޤުރީރު ކުރުމަށް އަޅުގަނޑަށް ދަޢުވަތު ދެއްވުމަކީ، ދިވެހި ޤައުމަށާއި އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް.

މަނިކުފާނުގެ ރިޔާސަތުން މުޅި ދުނިޔެއަށް ތިޔަ ފަތުރުއްވަވާ އުންމީދުގެ ފަސް ދޯދިން ފެނިގެންދަނީ، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ހުރި މައްސަލަތައް ޙައްލުކުރެއްވުމަށް މަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅުގެ ވަރަށް އުޖާލާ ތަޞައްވުރެއް. އެ ފަސް ދޯދިން، ރާއްޖޭގެ ޤައުމީ މައްސަލަތަކާ ގުޅިފައިވާ ކަންބޮޑުވުންތަކަށްވެސް ވަރަށް ބޮޑު ތަސައްލީއެއް ލިބިގެންދާނެ.

އާދެ، ކޯވިޑުގެ ވަބާއިން މިންޖުވުމަށް ދިވެހިރާއްޖެއިން މިކުރާ މަސައްކަތުގައި، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަން ރާއްޖެއަށް ބޭނުން. ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެ ތަރައްޤީ ކުރުމުގައި، އެހެން ޤައުމުތަކުގެ ތަޖުރިބާއާއި ޙިއްޞާ ވަރަށް މުހިންމު. ރާއްޖޭގެ ދެމިއޮތުމާއި ނެތިދިޔުމާ ގުޅިފައިވާ ތިމާވެށީގެ މައްސަލަތައް ޙައްލުކުރުމުގައި، ކުރިއަރާފައިވާ ޤައުމުތަކުގެ އެއްބާރުލުން އަޅުގަނޑުމެން ބޭނުން. އެންމެންގެ ޙައްޤުތަކަށް އިޙްތިރާމުކުރާ، އަދި މިހާރަށްވުރެ އިންސާފުވެރި ހަމަހަމަ އުޞޫލަކުން، ހުރިހާ ޤައުމުތަކާމެދު މުޢާމަލާތު ކުރެވޭ މުއައްސަސާއަކަށް، އ.ދ. މަޖިލިސްވުމަކީ އަޅުގަނޑުމެންވެސް ނުހަނު އެދޭ ކަމެއް.

މި ދެންނެވި ކަންކަން މިހެން ހުރިއިރު، އ.ދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތާ މަނިކުފާނު ޙަވާލުވެވަޑައިގަތުމަކީ، މުޅި ދިވެހި ޤައުމަށް ލިބުނު ވަރަށް ބޮޑު އުންމީދެއް. މި ދެންނެވި ކަންކަމުގައި މަނިކުފާނުގެ ރިޔާސަތާމެދު އަޅުގަނޑުމެންގެ ހިތްތަކުގައި އޮތީ އިތުބާރާއި ޔަޤީންކަން.

އ.ދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތަށް މަނިކުފާނު އިންތިޚާބުވުމަކީ، ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ދުނިޔެ ބަލައިގެންފައިވާ ކަމުގެ ހެތްކެއް. ދިވެހިރާއްޖެއާއި ދުނިޔޭގެ އެހެން ޤައުމުތަކާ ދެމެދު ހަރުދަނާ ފާލަމަކުން ގުޅިފައިވާކަމުގެ ނިޝާނެއް. ހަމައެފަދައިން، ބައިނަލްއަޤްވާމީ މަސްރަޙުގައި ދިވެހިރާއްޖެ ތަމްސީލު ކުރެއްވުމަށް، މަނިކުފާނު އުފުއްލެވި ބުރަ މަސްއޫލިއްޔަތާއި، ކުރެއްވި މިންނެތް މަސައްކަތުގެ ނަތީޖާ.

އަޅުގަނޑުމެން އެންމެންގެވެސް އެދުމަކީ، އ.ދ.ގެ ޢާންމު މަޖިލީހުގެ އުންމީދުގެ ރިޔާސަތުގައި، ބައިނަލްއަޤްވާމީ މުޖުތަމަޢުން މިހާރަށްވުރެވެސް، ކުލަގަދަ ގޮތެއްގައި ދިވެހިރާއްޖޭގެ ނަން ފެވިގެން ދިޔުން.

އަޅުގަނޑުގެ ދުޢާއަކީ، މަނިކުފާނުގެ ޒަޢާމަތުގައި، މިހާރަށްވުރެ އަމާން ރައްކާތެރި އައްސޭރިއަކަށް ބައިނަލްއަޤްވާމީ މުޖުތަމަޢު ގެންގޮސްދިނުމުގެ، ހެޔޮ ތައުފީޤާއި މަދަދު، اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.