ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 04 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 14 ބޭފުޅަކަށް ދެއްވައިފިއެވެ. މި އިނާމުތައް ދެއްވީ، 1443 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައާއި ޝަރަފުގެ ބެޖެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ހަނދާނީ ފިލާއެކެވެ.

ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީއިންނެވެ. މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި 4 ބޭފުޅުންގެ ތެރެއިން 1 ބޭފުޅަކަށް މި އިނާމު އެރުވީ އެބޭފުޅާގެ ހަނދާނަށެވެ.

މިރޭ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަކީ:

1. ކީރިތި ޤުރްއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ޤްރުއާނުގެ ޢިލްމުގެ ދާއިރާއިން: އަލްމަރްޙޫމް އިބްރާހީމް ޙުސައިންފުޅު، މަންޒިލް، ބ. ތުޅާދޫގެ ހަނދާނަށް
2. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: އަލްފާޟިލް ޙަސަން ލަބީބު، ކެމީ، ސ. ހިތަދޫ
3. ޞިއްޙީ ދާއިރާއިން: ޑޮކްޓަރ ޙާމިދު ރަޝީދު، މއ. އެވޭލާގެ
4. ކުޅިވަރުގެ ދާއިރާއިން: އަލްފާޟިލް މައްލާ ޅަތުއްތު، ހ. ސާވަން

މިރޭގެ ޖަލްސާގައި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އެރުވި 14 ބޭފުޅުންނަކީ:

1. ކީރިތި ޤުރްއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ޤުރްއާނުގެ ޢިލްމުގެ ދާއިރާއިން؛ ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ރޮނގުން: އަލްޙާފިޡާ ލަޠީފާ އަޙްމަދު، މާރވުލެސް، ސ. ހިތަދޫ
2. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހިބަސް އުގަންނައިދިނުމުގެ ރޮނގުން: އަލްފާޟިލް ޢަބުދުﷲ ޖަމީލް، ވައްވަރުގެ، ޅ. ނައިފަރު
3. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން: އަލްފާޟިލް ފަތުޙުﷲ އަޙްމަދު، މޫރިތިގެ، ހއ. އިހަވަންދޫ
4. ތަޢުލީމީ ދާއިރާއިން؛ އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދީންނާއި މީހުންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ރޮނގުން: އަލްފާޟިލާ ޝަރަފުލްހުދާ މުޙައްމަދު، ސީނުގެ، ގއ.ނިލަންދޫ
5. އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން؛ ޖަމާޢަތަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ ރޮނގުން: ހއ. އިހަވަންދޫ މަސްވެރިންގެ ގުޅުން(އިމަގު)
6. އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން؛ މުޖުތަމަޢުގައި އަށަގަންނަމުންދާ ނުރަނގަޅު އާދަތައް ނައްތައިލުމަށް މަސައްކަތްކުރުމުގެ ރޮނގުން: އަލްފާޟިލް މުޙައްމަދު ރާޝިދު، މ. ހުސްނޫ
7. ފަތުރުވެރިކަމުގެ ދާއިރާއިން؛ ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނޭ އެކި ކަންކަން ހިންގުމާއި ތަޢާރުފުކުރުމުގެ ރޮނގުން: އަލްފާޟިލް ޔޫސުފް ރިފްޢަތު، ނޫވިލު، ޅ. ހިންނަވަރު
8. މަސައްކަތްތެރިކަމުގެ ދާއިރާއިން؛ އެކި ބާވަތުގެ މަސައްކަތްކުރުމާއި، ކުރިއެރުވުމުގެ ރޮނގުން: އަލްފާޟިލާ ފާޠިމަތު ޝިފާ މޫސާދީދީ، ސަރާސަރުގެއާގެ، ސ. ހިތަދޫ
9. މުވާޞަލާތާއި، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން: ކޮމްޕިއުޓަރ ސޮފްޓްވެއަރ އާއި، ސޮފްޓްވެއަރ އެޕްލިކޭޝަން ތަރައްޤީކުރުމުގެ ރޮނގުން:ޑޮކްޓަރ މުޙައްމަދު ކިނާނަތު، މއ. ބޮޑުދަހަރާގެ
10. ކުޅިވަރުގެ ދާއިރާއިން؛ ކުޅިވަރު ހިންގުމާއި، ކުޅިވަރަށް ޚިދުމަތްކުރުމުގެ ރޮނގުން: އަލްފާޟިލް އިބްރާހީމް މުޙައްމަދު، ހ. ސްނޯޕީކް
11. ކުޅިވަރުގެ ދާއިރާއިން؛ ކުޅިވަރު ހިންގުމާއި، ކުޅިވަރަށް ޚިދުމަތްކުރުމުގެ ރޮނގުން: އަލްފާޟިލް ޢަލީ ރަޝީދު، ހަނދުވަރީގެ، ސ. ފޭދޫ
12 .ކުޅިވަރުގެ ދާއިރާއިން؛ ކުޅިވަރު ހިންގުމާއި، ކުޅިވަރަށް ޚިދުމަތްކުރުމުގެ ރޮނގުން: އަލްފާޟިލާ ފާޠިމަތު ސާލިޔާ، ވާރޭވިލާ، ހދ. ނޭކުރެންދޫ
13. ވިޜުއަލް އާޓްސްގެ ދާއިރާއިން؛ ފައިން އާޓްސް (ލިޔުމާއި، ކުރެހުމާއި،ފަރުމާކުރުން)ގެ ރޮނގުން: އަލްފާޟިލާ މައިމޫނާ، މ. މިރިޔާސްގެ
14. ޒުވާނުންގެ ދާއިރާއިން؛ ހިލޭސާބަހަށް މަސައްކަތް ކުރުމާއި، މަސައްކަތް ކުރުމުގެ ރޫޙު އާލާކުރުމުގެ ރޮނގުން: އަލްފާޟިލް އަރުޝަދު އަޝްރަފް، ހުސްނުހީނާގެ، ހއ. ހޯރަފުށި

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވިއެވެ.

ސަރުކާރުން ދެއްވަމުން ގެންދަވާ ޤައުމީ އިނާމަކީ، ދިވެހި ޤައުމާއި ދިވެހި މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ޤައުމުގެ ތަރައްޤީގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެ ކަންކަމުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަޤްޞަދުގައި ދެވޭ އިނާމެކެވެ. ޤައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރުދިނުމުގެ ޤައުމީ އިނާމެވެ.