بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ޢިއްޒަތްތެރި ރައީސް ޢަބްދު ޝާހިދަށް ދިވެހި ރައްޔިތުންނާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ހޫނު މަރުޙަބާއެއް ދަންނަވަން.

އަޅުގަނޑާއި ޕީ.ޖީ.އޭ.އާ ދެންމެ ކުރި މަޝްވަރާތަކުގައި، ދިވެހިރާއްޖެއާއި އ.ދ.އާ ދެމެދު ގުޅުން ބަދަހިކޮށް، އެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިޔުމާ ގުޅޭގޮތުން ޚިޔާލުބަދަލުކުރިން. ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރުގެ މަގާމުގައި ހުންނަވައި، ޕީ.ޖީ.އޭ.ގެ މަގާމު ފުރުއްވަމުން ގެންދަވާއިރު، ދުނިޔޭގެ މަސްރަޙުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި އެކުލެވިގެންވާ ބައިނަލްއަޤްވާމީ މުޖުތަމަޢާ ގުޅިގެން މަސައްކަތް ކުރުމުގެ ރޫޙު އާލާކޮށް، ޑިމޮކްރަސީގެ ހަމަތަކަށް އިޙްތިރާމު ކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކޮށް، އިންސާނީ ޙައްޤުތައް ދެމެހެއްޓުންފަދަ ކަންތައްތައް ކުރިއެރުވުމަށް އިތުރު އިސްކަމެއް ދޭނެ ކަމުގައި އަޅުގަނޑު އުންމީދު ކުރަން.

ޒަމާނަށް އަންނަމުންދާ ބަދަލުތަކާ އެއްގޮތަށް، އ.ދ.ގެ އެކިއެކި މުއައްސަސާތަކުގެ މަސައްކަތްތައް އިޞްލާޙު ކުރުމަކީ، ރާއްޖެއިން އަބަދުވެސް މުހިންމު ކަމެއް ކަމުގައި ދެކި، އެކަމަށް ވަކާލާތު ކުރަމުން އަންނަ ކަމެއް. އެހެންކަމުން، އަޅުގަނޑުމެން ކުރި މަޝްވަރާތަކުގައި، އ.ދ. އިޞްލާޙު ކުރުމުގެ މަސައްކަތްތައް، އެ މަނިކުފާނުގެ ޒަޢާމަތުގައި އިތުރަށް ހަލުވިކުރުމަށް އެދޭ ކަމުގައި ދެންނެވިން.

ޚާއްޞަގޮތެއްގައި، އ.ދ.ގެ ޢާންމު މަޖިލީހާއި، ސަލާމަތީ މަޖިލިސް އިޞްލާޙު ކުރުމުގެ މަސައްކަތަށް ކުރިއެރުމެއް ލިބުމަކީ މުހިންމު ކަމެއް ކަމުގައި ފާހަގަކުރިން. ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖެ އިސްކަންދޭ މުހިންމު ދާއިރާތަކާ ގުޅޭގޮތުންވެސް އަޅުގަނޑުމެން މަޝްވަރާ ކުރިން. އޭގެތެރޭގައި، ކޯވިޑުގެ ބަލިކަމުން އަރައިގަތުމުގައި، އ.ދ.ގެ ދައުރު މުހިންމު ކަމަށް އަޅުގަނޑު ދެންނެވިން. އަދި ހުރިހާ ޤައުމުތަކަށް ހަމަހަމަގޮތެއްގައި ވެކްސިން ފޯރުކޮށްދެއްވުމަށް ޕީ.ޖީ.އޭ. ގެންގުޅުއްވާ ސިޔާސަތަށް މަރުޙަބާ ދެންނެވިން.

މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން، ދިވެހިރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވަމުންދާ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި ހުރިހާ ޤައުމުތަކެއް ޝާމިލުވާ ނިޒާމެއްގެ ތެރެއިން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރިން.

އަޅުގަނޑުމެންގެ މަޝްވަރާތަކުގައި، ކޯވިޑުގެ ވަބާގެ ސަބަބުން އިޤްތިޞާދީ ގޮތުން އެންމެބޮޑު ގެއްލުމެއް ލިބެމުންދާ ކުދި ޖަޒީރާ ޤައުމުތަކުގެ ދަރަނިތަކަށް ލުޔެއް ހޯދައިދިނުމުގައި، އ.ދ.ގެ ޢާންމު މަޖިލީހުގެ ދައުރުގެ މުހިންމުކަން ފާހަގަކުރިން. އަދި އ.ދ.ގެ ޢާންމު މަޖިލީހަކީ ދުނިޔޭގެ ހުރިހާ ޤައުމުތަކެއް ތަމްސީލު ކުރެވޭ މަޖިލިސް ކަމަށްވާއިރު، މިފަދަ ކަންކަމުގައި ޢާންމު މަޖިލީހުގެ ރިޔާސަތުން އުންމީދީ މަސައްކަތްތަކެއް ކޮށްދެއްވުމަށް، ޕީ.ޖީ.އޭ.ގެ އަރިހުގައި އަޅުގަނޑު ދެންނެވިން.

ކޯވިޑުގެ ބަލިކަން، ދުނިޔޭގައި އެންމެ ފުރަތަމަ ފެތުރެން ފެށިއިރު، އ.ދ.ގެ އެކި ގުނަވަންތަކުން ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް ފޯރުކޮށްދެއްވި ހިލޭ އެހީއަށްޓަކައި ދިވެހި ރައްޔިތުންގެ ނަމުގައި، މި ފުރުޞަތުގައި އަޅުގަނޑު ޝުކުރު ދަންނަވަން.

ހަމައެއާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުން ތަޙައްމަލް ކުރަމުންދާ އަނިޔާތަކާއި، ނާއިންޞާފުން އަރައިގަތުމަށްޓަކައި އަންހެން ކުދިންނާއި އަންހެނުން ބާރުވެރިކުރުވައި، މިންތީގެ ހަމަހަމަކަން ޤާއިމުކުރަންޖެހޭ ކަމަށް އަޅުގަނޑު ދެކެން. އެކަން ހާސިލުކުރުމަށްޓަކައި ޕީ.ޖީ.އޭ.ގެ ސެކްރެޓޭރިއަޓް އެކުލަވައިލައްވާފައިވަނީ، މިންތީގެ ހަމަހަމަކަމުގެ މައްޗަށް ކަމަށްވާތީ، އެކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން.

މަނިކުފާނުގެ ރިޔާސަތުގައި، ޒުވާނުންގެ ބައިވެރިކުރުން އިތުރުކުރުމާއި، ޒުވާނުން ޒިންމާދާރު ކުރުވުމަށް ކުރައްވާ މަސައްކަތްތައް އަޅުގަނޑު ފާހަގަކުރަން. އަދި މަނިކުފާނުގެ ޒަޢާމަތުގައި، ރާއްޖޭގެ ޒުވާނުންނަށް ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. މިގޮތުން، މަނިކުފާނު އިޢުލާނު ކުރައްވާފައިވާ ފެލޯޝިޕްގެ ދަށުން ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ފޮރިން ސަރވިސް އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ފުރުޞަތު ހުޅުވިގެން ދިޔުމަކީ، ޒުވާނުންގެ ކުރިމަގު އުޖާލާވެ، އެ ކުދިންގެ މުސްތަޤްބަލް ރަނގަޅުވެގެންދާނެ ކަމެއް. ޚާއްޞަކޮށް، ރާއްޖޭގެ ޒުވާނުންނަށް، އ.ދ.ގެ އޮފީސްތަކުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

ދިވެހިރާއްޖެއަކީ ނިސްބަތުން ކުޑަ އަދި ނާޒުކު ޤައުމެއް. ނަމަވެސް، އ.ދ.ގެ މެންބަރަކަށް ދިވެހިރާއްޖެވީ ދުވަހުން ފެށިގެން އަދާ ހަމަޔަށްވެސް ދިވެހިރާއްޖެއަކީ ކުދި ޤައުމުތަކުގެ ޙައްޤުގައި ވަކާލާތު ކުރުމުގައި ދެމިއޮތް ޤައުމެއްކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން. މަނިކުފާނުގެ ޒަޢާމަތުގައި މިކަން މިގޮތުގައި ދެމެހެއްޓުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަށް މަނިކުފާނާއި މަނިކުފާނުގެ އޮފީހުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގައި އަޅުގަނޑު ޔަޤީންކުރަން.

ޕީ.ޖީ.އޭ.ގެ ވަޢުދުތައް ފުއްދުމަށްޓަކައި ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަންވެސް މި ފުރުޞަތުގައި އަޅުގަނޑު އަރުވަމެވެ. އަދި މަނިކުފާނުގެ އުންމީދުގެ ރިޔާސަތަށް ފުރިހަމަ ކާމިޔާބީއަކަށް އެދެން. ޝުކުރިއްޔާ.