بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎


اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

 މިނިސްޓަރ އޮފް ޓޫރިޒަމް ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ފަތުރުވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ ހުރިހާ ބޭފުޅުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިރޭ އަޅުގަނޑުމެން މިތަނަށް އެއްވެ މިތިބީ، އަޅުގަނޑުމެން އެންމެން އެކަމަކަށްޓަކައި ފަޚުރުވެރިވާ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގެ ރަން ޔޫބީލް އަހަރު ގުނަން ފެށުމުގެ ގޮތުން. ވަރަށް އާދައިގެ ގޮތަކަށް ފަތުރުވެރިކަން ފެށި ދިވެހިރާއްޖެ މިއަދު މިވަނީ، މުޅި ދުނިޔެ ޤަބޫލުކުރާ އަދި ފަތުރުވެރިންގެ މެދުގައި އެންމެ މަޝްހޫރު އަދި އެންމެ މަޤްބޫލު މަންޒިލަށް ވެފައި.

ރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީ ކުރެވޭތޯ ބެލުމަށް، 1965 ވަނަ އަހަރު ހެދި ދިރާސާއެއްގައި ބުނެފައިވަނީ، ރާއްޖެއަކީ ޓޫރިޒަމް ތަރައްޤީކުރަން ފީޒިބަލް ތަނެއް ނޫންކަމަށް. ރާއްޖެ އޮތް ތަނުގެ ގޮތުން، ރާއްޖެއަށް ދަތުރުކުރުން ޚަރަދުބޮޑުވާނެކަމާއި، ރާއްޖޭގެ މޫސުންވެސް އެކަމަށް ތަންނުދޭކަމަށް. އަދި ދަތްކޮށްޓާ އިލޮށިކޮޅުން ފެށިގެން، ތަރުކާރީއާއި މޭވާވެސް ޖެހެނީ ރާއްޖެއަށް އެތެރެކުރަން ކަމަށް.

ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފްވެގެން އައީ އިޓަލީވިލާތުގެ ރައްޔިތެއް ކަމަށްވާ ޖޯޖް ކޯބިން، ކެރަފާ އަޙްމަދު ނަސީމާއެކު، މޯލްޑިވް އެކްސްޕްލޯރާގައި، 1971 ވަނަ އަހަރު، ކަނޑުމަގުން ކޮޅުނބުން ރާއްޖެއަށް ކުރި ދަތުރަށްފަހު. އަޅުގަނޑު ކުރިން މި ދެންނެވި ދިރާސާ، އެއްފަރާތުގައި ބޭއްވުމަށްފަހު، ދިވެހިންގެ ތެރެއިން އޭރު ޒުވާނުންގެ ގޮތުގައި ތިބި ބަޔަކު ކުރި، ވަރަށް ގޮންޖެހުން ބޮޑު އަދި ބުރަ މަސައްކަތްތަކެއްގެ ސަބަބުން ކަމާމެދު އެއްވެސް ޝައްކެއް ނެތް.

މިގޮތުން ދިވެހި ފަތުރުވެރިކަން ރާއްޖެއަށް ތަޢާރުފްކޮށް، މި ހިސާބަށް ގެނައުމުގައި އަޙްމަދު ނަސީމާއި، މުޙައްމަދު ޢުމަރު މަނިކު އަދި ޙުސައިން ޢަފީފް ކުރެއްވި މަސައްކަތްތައް ފާހަގަކުރަންޖެހޭ. އެކަމަށްޓަކައި އެބޭފުޅުންނަށް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން. މިރޭގެ މި ޙަފްލާގައި އެބޭފުޅުން ބައިވެރިވެވަޑައިގަންނަވާކަމީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.
މިނޫނަސް އިތުރު ކިތަންމެ ބޭފުޅުންނެއް، ރާއްޖޭގައި މި ޞިނާޢަތު މުޑުވައް ކުރެއްވުމަށް ބުރަ މަސައްކަތްކެއް ކުރެއްވި. އޭގެތެރެއިން، މުޙައްމަދު ވަޙީދުއްދީނާއި، ޤާސިމް އިބްރާހީމްފަދަ އެތައް ބޭފުޅުންގެ ނަން ފާހަގަކުރަންޖެހޭ. އަދި އޭގެ އިތުރުން، ޔުނިވަރސަލް އެންޓަރ ޕްރައިޒަސް، ސަފާރީ ޓުއާޒް، ކްރައުން ކޮމްޕެނީ، ޗަމްޕާ ބްރަދާސް، ސަން ޓްރެވަލްސް، ސަން ލޭންޑް، ސީޕްރިއާ، ވޮޔޭޖަސް މޯލްޑިވްސް ފަދަ އެތައް ކުންފުންޏެއްގެ ނަން ފާހަގަކުރަންޖެހޭ. އަދި ބޭރުގެ އިންވެސްޓަރުންނާއި، ދިވެހި ޓްރެވަލް އޭޖެންޓުންވެސް އަދާކުރީ ވަރަށް މުހިންމު ދައުރެއް.

މި ދެންނެވި ފަރާތްތައް މިކަމުގައި ވެވަޑައިގެންނެވި ޤުރުބާނީގެ އަގު ވަޒަންކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގެ ނަމުގަޔާއި، ރާއްޖޭގެ ރައްޔިތުންގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، އެ ހުރިހާ ބޭފުޅުންނަށް ހިފެހެއްޓުމެއް ނެތް ޝުކުރު ދަންނަވަން. އަދިމި އުފާވެރި މުނާސަބަތުގައި، އެ ހުރިހާ ބޭފުޅުންނަށް މަރުޙަބާއާއި ތަހުނިޔާވެސް އަރިސްކުރަން.

މިއީ، އާދެ، ކުރުނބާ ވިލެޖް ރިޒޯޓަކީ، ރާއްޖޭގައި ހުޅުވި އެންމެ ފުރަތަމަ ރިޒޯޓް. މާލެއަތޮޅު ވިހަމަނާފުށީގައި، 1972 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު، މި ރިޒޯޓް ހުޅުވިގެންދިޔަ.
އެއާއެކު، ހަމަ އެ އަހަރުގެ ތެރޭގައި ދެވަނަ ރިޒޯޓެއްގެ ގޮތުގައި، ބަނޑޮސް އައިލެންޑް ރިޒޯޓް ހުޅުވައި ޚިދުމަތް ދޭން ފެށި. އަދި ޖެހިގެން އައި އަހަރު އިތުރު ރިޒޯޓުތައް ހުޅުވައި، ސަފާރީ އުޅަނދުތައްވެސް ރާއްޖެއަށް ތަޢާރުފް ވެގެންދިޔަ.

ރާއްޖޭގެ ފަތުރުވެރިކަން ފެށިގެން އައީ، މި ރިޒޯޓުގައި ތަރައްޤީކުރި 30 ކޮޓަރިން. އެއީ ޖުމްލަ 60 އެނދު. ނަމަވެސް ފަތުރުވެރިކަމުގެ ރަން ޔޫބީލް ގުނަން ފަށާއިރު، ރާއްޖޭގައި މިހާރު 156 ރިޒޯޓާއި، 582 ޓޫރިސްޓް ހޮޓާ/ގެސްޓްހައުސް އަދި 144 ސަފާރީގައި، ފަތުރުވެރިންނަށް ޚިދުމަތް ދެމުން އެބަދޭ. އެއީ ޖުމްލަ 51038 އެނދު. އަދި ދުނިޔޭގައި ނަން ހިނގާ ހުރިހާ ބްރޭންޑެއްގެ ރިޒޯޓުތައް މިހާރު ރާއްޖޭގައި އެބަހުރި. އަދި މިއަދު ރާއްޖޭގެ ޖީ.ޑީ.ޕީ.ގައި ފަތުރުވެރިކަމުގެ ޙިއްޞާއަކީ، 44.5 އިންސައްތަ.

އާދެ، ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ޔޫބީލް ގުނަން ފަށާއިރު، މި ޞިނާޢަތުގެ އެންމެ ޅަފަތުގައި ރާއްޖެ ފިރުކެން ފެށި ގޮތާއި، މިއަދު ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ބާޒާރުގައި، ރާއްޖެ ހަމައިސްކޮޅަށް ދެމިލިގޮތް މާރަނގަޅަށް ކިޔައިދެއްވޭނެ ބޭފުޅުން މިތަނުގައި އެބަ ތިއްބެވި. އަދި ފަތުރުވެރިކަމުގެ ޞިނާޢަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ވާހަކަވެސް، އެ ބޭފުޅުންނަށް މާރަނގަޅަށް ދެއްކެވޭނެތީ، އަޅުގަނޑު އެ ވާހަކަތައް އެބޭފުޅުންނަށް ދޫކޮށްލާނަން.

މިރޭވެސް ސަރުކާރުގެ ފަރާތުން، އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، މި ޞިނާޢަތު ކުރިއެރުވުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ސަރުކާރުން ކޮށްދޭނެ ކަމުގައި. އަދި ވެވެންއޮތް ހުރިހާ އެހީތެރިކަންވެސް ވެދޭނެ ކަމުގައި އަޅުގަނޑު ދަންނަވަން.

މި ޞިނާޢަތު ތަރައްޤީކޮށް ދެމެހެއްޓުމުގައި ކުރިންވެސް ދެންނެވި ފަދައިން، ވަރަށް ގިނަ ބައެއްގެ ޙިއްޞާ އެބައޮތް. އަމިއްލަ ރަށާއި ޢާއިލާއާ ވަކިން ދުރުގައި ވަޒީފާ އަދާކުރަމުން ގެންދާ، މި ދާއިރާގެ މުވައްޒަފުން، އެ އަދާކުރަނީ ވަރަށް މުހިންމު ދައުރެއް. އެއަރޕޯޓުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާއި، އެއަރލައިންތަކާއި، ދިވެހި މިޔުޒިޝަނުންނާއި، ޑައިވިންގ ސެންޓަރުތަކާއި، ވޯޓަރ ސްޕޯޓްސްގެ ޚިދުމަތްދޭ ތަންތަނުގެ މުވައްޒަފުންވެސް އެ ކުރައްވަނީ، އާދަޔާ ޚިލާފު ބުރަ މަސައްކަތްތަކެއް. މި ދެންނެވި ހުރިހާ ފަރާތްތަކުން، މި ޞިނާޢަތުގެ ތަރައްޤީއަށް އެ ކުރައްވާ އިޚްލާޞްތެރި މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އެ ބޭފުޅުންނަށް ޙައްޤު ޝުކުރު އަޅުގަނޑު އަދާކުރަން.

ސަރުކާރުގެ މިއަދުގެ ސިޔާސަތަކީ މުޅި ރާއްޖެއަށް ފަތުރުވެރިކަން ފަތުރައިލުން. އެކަން ކުރުމަށްޓަކައި، ކޮންމެހެން ކުރަންޖެހޭ ވަރަށް މުހިންމު އެހެން ކަންތައްތަކެއް އެބަހުރި. ރަށްރަށަށް ފަސޭހައިން ދަތުރުކުރެވޭނެ އިންތިޒާމެއް އެބަ ހަމަޖައްސަންޖެހޭ. ސާފު ބޯފެނާއި، ނަރުދަމާ ނިޒާމެއް، ކޮންމެ ރަށެއްގައި ޤާއިމުވެފައި އޮންނަން އެބަޖެހޭ. އެ ހުރިހާ ރަށެއްގައި، ޒަމާނީ މުވާސަލާތީ ޚިދުމަތްތައް ތަރައްޤީކުރަން އެބަޖެހޭ.

ސަރުކާރުން މިހާރު މި އަންނަނީ މި ދެންނެވި ކަންތައްތައް އިރާދަކުރެއްވިއްޔާ ކުރަމުން. ވައިގެ މަގުންނާއި، ކަނޑު މަގުން ފަސޭހައިން ދަތުރުކުރެވޭނެ ވިއުގައެއް ޤާއިމުކުރުމުގެ މަސައްކަތް އެބަ ކުރިއަށްދޭ. ޑޮމެސްޓިކް ވައިގެ ބަނދަރުތައް އެބަ އިތުރުކުރަން. ހަނިމާދުއާއި އައްޑޫގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރު އެބަ ތަރައްޤީކުރަން.

ކަނޑުމަގުން ރަށްރަށަށް ފަސޭހައިން ދަތުރުކުރެވޭނެ ހައި ސްޕީޑް ފެރީ ނިޒާމެއް މި އަންނަނީ ޤާއިމުކުރަމުން. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، އިރާދަކުރެއްވިއްޔާ 2023 ވަނަ އަހަރު ނިމުމުގެ ކުރިން، ސާފު ބޯފެނާއި، ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްވެސްމި އަންނަނީ ކުރަމުން. އިންޓަރނެޓްގެ ޚިދުމަތް ފަސޭހައިން ލިބޭނެގޮތް، ހުރިހާ ރަށެއްގައި އެބަ ޤާއިމުކުރަން. އަޅުގަނޑު ހިތުން، ރާއްޖޭގެ ހުރިހާ ހިސާބެއްގައި، ގެސްޓްހައުސްއާއި ހޯމް ސްޓޭގެ ޚިދުމަތް، އޭރުން ތަޢާރުފް ވެގެންދާނެ.

ދެމެހެއްޓެނިވި ގޮތެއްގައި މި ޞިނާޢަތު ކުރިއަރުވައި، އަންނަން އޮތް ޖީލުތަކަށްމި ޞިނާޢަތުގެ ފައިދާ ފޯރުކޮށްދިނުމަށްޓަކައި، އަޅުގަނޑުމެންގެ ތަރައްޤީގެ ޕްލޭނަށް މިވަނީ ބަދަލުތަކެއް ގެންނަން ޖެހިފައި. އެއީ މިހާރު ނުކޮށް ފަރުޖެހެން ނެތް ކަމެއް. އަޅުގަނޑުމެންގެ ތަރައްޤީގެ ކޮންމެ މަޝްރޫޢެއްގައި ތިމާވެށްޓާ އެއްކީލި ސިޔާސަތުތައް، އެންމެ ކުރީގައި ހިމަނަން އެބަޖެހޭ. އިޢާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރަން އެބަޖެހޭ. ޕްލާސްޓިކާ މުޅިން ދުރަށްދާން އެބަޖެހޭ. ފަރުތަކާއި، ފަޅުތަކާއި، ގޮނޑުދޮށްތައް ހިމާޔަތް ކުރަން އެބަޖެހޭ.

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއެކު، ރާއްޖޭގެ ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރު މިދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން. ރަށްތައް ގިރާ ވާހަކަ، އުދަ އަރާ ވާހަކަ، ބޯކޮށް ވާރޭ ވެހި ފެންބޮޑުވާ ވާހަކަ، މިއީ މިހާރު ކޮންމެ ދުވަހަކުހެން އިވޭ އަޑުތައް. މޫސުމާބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލުގެ އިންޒާރު ދޭ މިންވަރު މިހާރު މިވަނީ އެތައް ގުނައެއް އިތުރުވެފައި. ސަބަބަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ތަރައްޤީގެ ނަމުގައި ހިންގާ ބައެއް މަޝްރޫޢުތަކުގެ ސަބަބުން، ޖައްވަށް ބޭރުވާ ވިހަ ގޭހުގެ މިންވަރު އިތުރުވެ، ދުނިޔެ ހޫނުވުމުން މޫސުމަށް އަންނަ ބަދަލުތައް.

ތިމާވެށި ޙިމާޔަތް ކުރުމުގައިވެސް ސަރުކާރުގެ ސިޔާސަތުތަކެއް އެބައޮތް. މިދިޔަ އަހަރު ޢަމަލުކުރަން ފެށި "ނޭޝަނަލް ބަޔޯޑައިވަރސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭން"ގެ އަމާޒަކީ، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކް، ރާއްޖޭގައި ބޭނުންކުރުން، 2023ގެ ނިޔަލަށް ހުއްޓައިލުން. އަދި 2030 ވަނަ އަހަރުގެ ނިޔަލަށް، ދިވެހިރާއްޖެ ކާބަން ނިއުޓްރަލް ޤައުމަކަށް ހެދުން. މިކަމުގައި ތިޔަ ހުރިހާ ބޭފުޅުންގެ އެއްބާރުލުން ވަރަށް ބޮޑަށް އަޅުގަނޑު ބޭނުން.

މިއަދު މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވަނީ، ތިމާވެށީގެ ރައްކާތެރިކަމަށް ކުރެވޭ މަސައްކަތްތަކަށް. ރާއްޖެއަކީ ފަތުރުވެރިކަމުގެ އެންމެ މަޤްބޫލު މަންޒިލަށްވާއިރު، ތިމާވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން ކުރާ ކޮންމެ ކަމަކީ، ދިވެހި ފަތުރުވެރިކަމަށް ލިބޭ އިތުރު ދިރުމަކަށް ވާނެކަން ޔަޤީން.

ރާއްޖޭގައި ފަތުރުވެރިކަން ފެށިގެން އައިއިރު، ދިވެހި އަންހެނުން ވަރަށް މުހިންމު ދައުރެއް އަދާކުރި. ސްކޫލް ނިންމާފައި ނުކުތް ޒުވާނުންގެ ދައުރު އަދި ވަކިން ބޮޑު. ދިވެހި ފަތުރުވެރިކަމަށް 50 އަހަރު ފުރެންދާއިރު، މި ޞިނާޢަތުގައި ދިވެހި އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް.

ކުރިންވެސް ދެންނެވި ފަދައިން، މި ޞިނާޢަތުގައި ވަޒީފާ އަދާކުރާ މީހުންނަކީ، މި ޞިނާޢަތު މިއަދާ ހަމައަށް ދެމެހެއްޓުމުގެ އެންމެ މުހިންމު އެއް ބައިވެރިޔާ. ވަޒީފާ އަދާކުރާ މީހުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަކީ، ސަރުކާރުން މިއަދު ވަރަށް ބޮޑު އިސްކަމެއްދީގެން ކުރާ ކަމެއް. ކަމާގުޅޭ ހުރިހާ ފަރާތްތަކުގެ މަޝްވަރާއާއެކު، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް މިހާރުވަނީ ނިމުމަކާ ހަމައަށް އައިސްފައިކަން އަޅުގަނޑު ފާހަގަކުރަން.

މިހާރު މުޅި ދުނިޔެ ތަޖުރިބާ ކުރަމުންމިދާ ކޯވިޑް-19ގެ ދަތިކަމުގައި، އެންމެ ބޮޑު ގެއްލުމެއް ލިބުނީ ފަތުރުވެރިކަމުގެ ޞިނާޢަތަށް. ރިޒޯޓުތައް ހުއްޓުމަކަށް އައި. ގެސްޓްހައުސްތައް ބަންދުކޮށް، ސަފާރީތައް ފަޅުގައި އަޅަންޖެހުނު. އެތައް ބައެއްގެ ވަޒީފާ ގެއްލުނު. އެތައް ބަޔަކު ނޯޕޭލީވްގައި ތިބެން ޖެހުނު. ދިވެހި ފަތުރުވެރިކަމުގެ ޞިނާޢަތަށް ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ލިބިގެންދިޔަ.

ކޯވިޑުގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަމަށް އައި ހީނަރުކަމާއި ދަތިތަކާ އަޅައިބަލާއިރު، ވަރަށް ކުރު މުއްދަތެއްގައި، ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވަމުން، ކުރީގެ ޙާލަތަށް ބަދަލުވަމުން މި އަންނަނީ، މި ޞިނާޢަތުގެ އެންމެހައި ބައިވެރިންގެ ބުރަ މަސައްކަތުންކަން އަޅުގަނޑު ފާހަގަކުރަން.

ކޯވިޑުގެ ދަތިކަމުން އަރައިގަނެ، ފަތުރުވެރިކަން އަލުން ފެށުމުގައިވެސް، ރިޒޯޓް މުވައްޒަފުން އަދާކުރީ، ޝުކުރާއި ތަޢުރީފް ޙައްޤު މަސައްކަތްތަކެއް. މި ޞިނާޢަތުގެ 99 އިންސައްތަ މުވައްޒަފުން، ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފި. އަދި 92 ޕަސެންޓް މުވައްޒަފުން ދެ ޑޯޒް ފުރިހަމަކޮށް، ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްކަން މިހާރު ވަނީ ޔަޤީންކޮށްދީފައި. އާދެ، ސަނީސައިޑަށް ވަނީ އިރުއަރާފައި.

މިރޭ އަޅުގަނޑުމެން ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ޔޫބީލް ގުނަން ފަށާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހެއްގެ ގޮތުގައި ފާހަގަކުރާނެ ދުވަހެއް މިހާތަނަށް އަދި ރަސްމީކޮށް ހަމަޖެހިފައެއް ރާއްޖެއަކު ނެތް. ރާއްޖޭގައި ފާހަގަކުރަމުން މި އަންނަނީ، ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް. އެއީ ސެޕްޓެންބަރު މަހުގެ 27 ވަނަ ދުވަސް.

އެހެންކަމުން، އަޅުގަނޑުމެން މި ނިންމަނީ، ރާއްޖޭގައި ފުރަތަމަ ރިޒޯޓް ހުޅުވުނު ދުވަސް، އާދެ، ކުރުނބާ ވިލެޖުގެ ނަމުގައި މި ރިޒޯޓް ހުޅުވުނު ދުވަސް، 3 އޮކްޓޫބަރު، ކޮންމެ އަހަރަކުވެސް، ދިވެހިރާއްޖޭގެ ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުން، މި ޞިނާޢަތުގެ މޭސްތިރިންނަށާއި، އިންވެސްޓަރުންނަށާއި، މި ޞިނާޢަތުގެ އެންމެހައި މުވައްޒަފުންނަށާއި، މުވައްޒަފުންގެ ޢާއިލާތަކަށް އަދިވެސް އެއްފަހަރު ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

އަޅުގަނޑުމެންގެ އުންމީދަކީ، ދިވެހި ފަތުރުވެރިކަމުގެ ރަން ޔޫބީލް އަހަރާއެކު، ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކުރިއެރުމާއި ކާމިޔާބީ اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުން. ރާއްޖޭގެ ޞުލްޙަޔާއި އަމާންކަން ރައްކާތެރިކުރައްވައި، ފާގަތިކަމާއި ތަނަވަސްކަން އިތުރުކުރެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.