ދިވެހިރާއްޖޭގެ ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަސް ފާހަގަކުރަން ނިންމަވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކަން އިޢުލާން ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން އިޢުލާނުކުރެއްވީ ދިވެހިފަތުރުވެރިކަމުގެ ރަންޔޫބީލް ގުނަންފެށުމުގެ ގޮތުން މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޮކްޓޫބަރުމަހުގެ 3 ވަނަ ދުވަހަކީ ރާއްޖޭގައި ފުރަތަމަ ހުޅުވުނު ރިޒޯޓް، ކުރުނބާ ވިލެޖް ހުޅުވި ދުވަހެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި، ރާއްޖޭގައި ފުރަތަމަ ފަތުރުވެރިކަން ފެށިގެން އައިގޮތުގެ މައްޗަށް އަލިއަޅުވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއަކީ ފަތުރުވެރިކަން ތަރައްޤީކުރުމުގެ ފުރުޞަތު ކުޑަތަނެއްގެ ގޮތުގައި އޭރު ހެދި ދިރާސާ އެއްގައިވެސް ފާހަގަކޮށްފައި ވަނިކޮށް، ރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީވެގެންދިޔައީ އޭރު ޒުވާނުންގެ ގޮތުގައި ތިބި ބަޔަކު، ކުރި ގޮންޖެހުންބޮޑު ބުރަ މަސައްކަތްތަކުގެ ސަބަބުންކަން ފާހަގަކުރައްވައި އެފަރާތްތަކަށް ޚާއްޞަގޮތެއްގައި ޝުކުރު އަދާކުރައްވާފައެވެ. އަދި މިޞިނާޢަތު ތަރައްޤީކޮށް ދެމެހެއްޓުމުގައި މި ޞިނާޢަތާއި އަދި ޞިނާޢަތާ ގުޅިފައިވާ އެހެން ދާއިރާތަކުގެވެސް ޙިއްޞާ ބޮޑުކަން ފާހަގަކުރައްވައި އެ ހުރިހާ ފަރާތްތަކަށް ވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ. އަދި އެއާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޞިނާޢަތު ތަރައްޤީކޮށް ކުރިއެރުވުމަށް ސަރުކާރުން ކުރެވެންހުރިހާ ހުރިހާކަމެއް އަދި ވެވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެއްވާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފަތުރުވެރިކަމުގެ ޞިނާޢަތު ތަރައްޤީކުރުމުގައި ސަރުކާރުގެ ވިސްނުމަކީ ފަތުރުވެރިކަން މުޅިރާއްޖެއަށް ފަތުރައިލުން ކަމުގައެވެ. އަދި އެކަން ކުރުމަށް ތަރައްޤީގެ މުހިންމު މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރައްވައި އޭގެ ތެރޭގައި ރަށްރަށަށް ފަސޭހައިން ދަތުރުކުރެވޭނެ އިންތިޒާމެއް ޤާއިމުކުރުމާއި، ހުރިހާ ރަށެއްގައި ސާފު ބޯފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމާއި ޒަމާނީ މުއާޞަލާތީ ޚިދުމަތްތައް ތަރައްޤީކުރުން ފަދަ މަސައްކަތްތައް ކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން އެ މަސައްކަތްތައް ކުރަމުންއަންނަކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީގެ ސަބަބުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ގެސްޓް ހައުސްއާއި ހޯމް ސްޓޭގެ ޚިދުމަތް، ފަދަ ފަތުރުވެރިކަމުގެ ޚިދުމަތްތައް ތަޢާރަފްވެގެން ދާނެކަމުގައެވެ.

ފަތުރުވެރިކަމުގެ ޞިނާޢަތުގެ ފައިދާ އަންނަން އޮތް ޖީލުތަކާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކާ އަދި ތިމާވެއްޓަށް ރިއާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި މި ޞިނާޢަތު ތަރައްޤީކޮށް ކުރިއެރުވުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކް ރާއްޖޭގައި ބޭނުންކުރުން، 2023ގެ ނިޔަލަށް ހުއްޓައިލުމާ އަދި 2030 ވަނަ އަހަރުގެ ނިޔަލަށް، ދިވެހިރާއްޖެ ކާބަން ނިއުޓްރަލް ޤައުމަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތައް ފާހަގަކުރައްވައި، ތިމާވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ ކޮންމެ ކަމަކީ، ފަތުރުވެރިކަމަށް ލިބޭ އިތުރު ދިރުމަކަށް ވާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފަތުރުވެރިކަމުގެ ޞިނާޢަތުގައި ދިވެހި އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން މިހާރަށް ވުރެ އިތުރުކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި، ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާސަބަތާއި ގުޅިގެން ތަޢާރަފުކޮށްފައިވާ ލަވަ ވަނީ އިފްތިތާހް ކޮށްފައެވެ. އަދި އެ ލަވައިގެ ޅެން މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ވެދުމަށް އަރުވާފައެވެ.

މި ރަސްމިއްޔާތުގައި ބައެއް ވަޒީރުންނާއި ފަތުރުވެރިކަމުގެ ޞިނާޢަތު ތަމްސީލުކުރައްވާ ޖަމުޢިއްޔާ ޖަމާޢަތްތަކާއި ފަތުރުވެރިކަމުގެ ޞިނާޢަތުގައި ގިނަ ޒަމާންތައް ހޭދަކުރައްވާފައިވާ ފަރާތްތަކާއި މި ޞިނާޢަތުގެ އިސްފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.