ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްގެ މެންބަރުކަމުގެ މަޤާމަށް، ގދ. ތިނަދޫ، އަސޭގެ އަލްއުސްތާޛާ ސަމާއު އަޙްމަދު ނަޖީބު ޢައްޔަންކުރައްވައިފިއެވެ.

އަލްއުސްތާޛާ ސަމާއު އަޙްމަދު ނަޖީބު މި މަޤާމަށް ޢައްޔަންކުރެއްވީ މިއަދު މެންދުރުކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އަލްއުސްތާޛާ ސަމާއު އަޙްމަދު ނަޖީބާ ހަވާލުކުރައްވާފައެވެ. އަދި، މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި އަލްއުސްތާޛާ ސަމާއު އަޙްމަދު ނަޖީބު ވަނީ، ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރު ކަމުގެ ހުވާ ކުރައްވާފައެވެ. ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދެވެ.

އަލްއުސްތާޛާ ސަމާއު އަޙްމަދު ނަޖީބު މީގެކުރިން ވަނީ އެޓަރނީ ޖެނެރަލްގެ އޮފީހުގައި 2015 ވަނަ އަހަރުން ފެށިގެން ސްޓޭޓް އެޓަރނީކަމާއި ސީނިއަރ ސްޓޭޓް އެޓަރނީގެ މަޤާމު ފުރުއްވާފައެވެ. މީގެ އިތުރުން، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި އެޓޭޗޭއެއްގެ މަޤާމުވެސް 2010 ވަނަ އަހަރާއި 2011 ވަނަ އަހަރާއި ދެމެދު ސަމާއު ފުރުއްވާފައިވެއެވެ.

އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް މެލްބަންއިން  މާސްޓަރ އޮފް ހިއުމަން ރައިޓްސް ލޯ ހާސިލުކުރައްވާފައިވާ އަލްއުސްތާޛާ ސަމާއު އަޙްމަދު ނަޖީބު ވަނީ އިންސާނީ ޙައްގުތަކާއި ބެހޭ އެތަކެއް ވޯކްޝޮޕްތަކާއި ސެމިނަރތަކުގައި ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން، އަލްއުސްތާޛާ ސަމާއު އަޙްމަދު ނަޖީބަކީ އ.ދ.ގެ ޔޫ.އެން.ސީ.އޭ.ސީއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ މާހިރުންގެ ޓީމުގެ މެންބަރެކެވެ.