ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކުވޭތުގެ ބޮޑުވަޒީރު ހިޒް ހައިނަސް ޝައިޚް ޞަބާޙް ޚާލިދު އަލް-ޙަމަދް އަލް-ޞަބާޙް އާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ، އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަޤުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ހަވާސާގައެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު އ.ދ. ގެ މައި އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުވޭތަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ޚާއްޞަގޮތެއްގައި ކުވޭތު ފަންޑް ފޯރ ޢަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭ.އެފް.އޭ.އީ.ޑީ) މެދުވެރިކޮށް ރާއްޖެއަށް ލިބޭ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި އިޖުތިމާޢީ ތަރައްޤީގެ ދާއިރާއިން ކުވޭތު ފަންޑުގެ އެހީތެރިކަމާއެކު ގިނަ މަޝްރޫޢުތަކެއް ހިންގާފައި ވާތީ އެކަން ރައީސުލްޖުމްހޫރިއްޔާ ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކުވޭތުގެ ބޮޑުވަޒީރު ވަނީ ރާއްޖެއިން އ.ދ.ގެ ޢާންމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރިޔާސަތު ކާމިޔާބު ކޮށްފައިވާތީ މަރުޙަބާ ވިދާޅުވެފައެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ކުވޭތުގެ ބޮޑުވަޒީރު ވަނީ، ރާއްޖެއާއި ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ދެމިއޮތުމަށްޓަކައިވެސް، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަން ފާހަގަކުރައްވާފައެވެ.

އަދި، އ.ދ.ގެ ޢާންމު މަޖިލީހުގެ ބަހުސްތައް ކުރިއަށްދިޔަގޮތަށް ރިޢާޔަތް ކުރާއިރު އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސް ޢަބްދުﷲ ޝާހިދުގެ ރިޔާސަތުގެ ދައުރުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަކީ ޢާންމު މަޖިލީހުގެ އެޖެންޑާގެ އެންމެ އިސްކަންދޭ މައްސަލައެއްގެ ގޮތުގައި އަބަދުވެސް އޮންނާނެ ކަމެއްކަމުގައި ޤަބޫލުކުރައްވާ ކަމުގައިވެސް ކުވޭތުގެ ބޮޑު ވަޒީރު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ކުރިއަށް އޮތް އަހަރުތަކުގައި ދިވެހިރާއްޖެއާއި ކުވޭތާ ދެ ޤައުމުގެ ދޭތެރޭގައި ފަތުވެރިވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، ދެޤައުމުގެ ރައްޔިތުންގެ މެދުގަޔާއި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ. މީގެ އިތުރުން، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ޞުލްޙައާއި ރައްކާތެރިކަން ކަށަވަރުކުރުމާއި އަދި ވިލުންތެރިކަން އިތުރުކުރުމަށް އ.ދ. ފަދަ ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގެ ތެރެއިން ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯވިޑް-19 ޕެންޑަމިކްއަށް ފަހު ކުވޭތުގެ ފަތުރުވެރިން ރާއްޖެ އަންނަން ފަށާފައިވާކަން އުފަލާއެކު ފާހަގަކުރައްވާފައެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިން ފުރިހަމަ ކުރަންޖެހޭ ކަންކަން ވީހާވެސް ލުއިފަސޭހަ އިންތިޒާމުތަކެއްގެ ތެރެއިން ހަމަޖެއްސޭގޮތަށް ހަމަޖައްސަވައި ދެއްވާނެކަމުގެ ޔަޤީންކަން ކުވޭތުގެ ބޮޑުވަޒީރަށް ދެއްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ކުވޭތުގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ މިންވަރު އިތުރުވެގެންދިއުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.

ރާއްޖެއިން ކުވޭތާއެކު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1977 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 1 ގައެވެ.