އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަޤުރީރު ކުރެއްވުމަށް އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ޙަވާސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު، ޞާލިޙް ރިޕަބްލިކް އޮފް ޕަލާއޫގެ ރައީސް ހިޒް އެކްސެލެންސީ ސުރަންގެލް އެސް. ވިޕްސް ޖޫނިއަރ އާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު އ.ދ. ގެ މައި އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ކޮވިޑް-19 އާއި، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި، ފަތުރުވެރިކަމާ ގުޅޭގޮތުންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޕަލާއޫގެ ކޮވިޑް-19ގެ ޙާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައި، ޕަލާއޫގެ ސަރުކާރުން އެޤައުމުގެ ކޮވިޑް-19 ޙާލަތު ކޮންޓްރޯލްކުރުމުގައި ގެންގުޅުއްވި ސިޔާސަތުތަކަށް ތަޢުރީފުކުރައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރަން ޖެހުމުން ކުރިމަތިވި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވައި، ވީހާވެސް އަހަވަކަށް ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ޖަހައި ނިންމުމަށް ބޭނުންފުޅުވާކަމުގައި ހާމަކުރައްވާފައެވެ.

ޕަލާއޫގެ ރައީސް ވަނީ ޕަލާއޫގެ ބޯޑަރުތައް ބަންދުކުރުމާއެކު އެޤައުމުން ކޮވިޑް-19 ކޮންޓްރޯލް ކުރެވިފައިވާކަމުގައި ވިދާޅުވެ، މިހާތަނަށް އެޤައުމުން ކޮވިޑްގެ ސަބަބުން މީހަކު މަރުވެފައި، ނުވަތަ ވައިރަސްގެ ސަބަބުން ހޮސްޕިޓަލްގައި އެނދުމަތިކޮށްފައި ނުވާކަމުގައި ވިދާޅުވެފައެވެ. އެހެންނަމަވެސް ރާއްޖެއިން އަލުން ބޯޑަރު ހުޅުވާލައި އަލުން ފަތުރުވެރިކަން ފަށައިގަތުމުން ޕަލާއޫ ފިލާވަޅު ލިބިގަންނަން ޖެހޭކަމުގައި އެ ޤައުމުގެ ރައީސް ވިދާޅުވިއެވެ.

އެއޯސިސް އަދި ތަރައްޤީ ވަމުންދާ ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ދެ ޤައުމުގެ ލީޑަރުންވެސް ވަނީ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އަދި ދެ ޤައުމުގެ ރައީސުންވެސް ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ އަސަރުތައް ކުޑަކުރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީ އަދި، ކަނޑުފަޅު ބެލެހެއްޓުމުގައާއި ނޫ އިޤްތިޞާދު ބިނާކުރުމުގައި ގުޅިގެން މަސައްކަތްކުރުމަށް ނިންމަވާފައެވެ. މިވާހަކައާ ގުޅިގެން ޕަލާއޫގެ ރައީސް ވަނީ ޕަލާއޫގައި 2022 ވަނަ އަހަރުގެ ފެބްރުއަރީ 16-17 ފައި ބޭއްވުމަށް ހަމަޖެހިފައިވާ 7 ވަނަ އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދަޢުވަތު އަރުވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޕަލާއޫއަކީ ޕެރިސް އެގްރީމަންޓް އެންމެ ފުރަތަމަ ތަސްދީޤުކުރި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއްކަން ފާހަގަ ކުރައްވައި، ދުނިޔެ ހޫނުވަމުންދާ މިންވަރު 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް އިސްވެ ވަކާލާތުކުރައްވާ ޤައުމެއްކަންވެސް ފާހަގަކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުންވެސް ވަނީ ގްލަސްގޯގައި ކުރިއަށް އޮތް ކޮޕް-26 ބައްދަލުވުމުގައި ގުޅިގެން މަސައްކަތްކުރެއްވުމަށް ނިންމަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ޕަލާއޫގެ ރައީސް ވަނީ، ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރުމަށްޓަކައި ބޭނުންވާ ފަންނީ ލަފާ ދެ ޤައުމުގެ ދެމެދުގައި ހިއްސާކުރުމަށާއި، އެދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ. ދެބޭފުޅުންވެސް ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ދެ ޤައުމަށް ފައިދާހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމަށް ބޭނުންފުޅުވާކަން ހާމަކުރައްވަމުންނެވެ.

ރާއްޖެއާއި ޕަލާއޫއާ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 17 އޮކްޓޯބަރ 2014 ގައެވެ.