މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލާއި، ކީރިތި ޤުރްއާން ހިތުދަސްކޮށް، 1 ވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑެލް، މި އަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްވާގޮތަށް ހަމަޖައްސަވައިފިއެވެ.

ކުރިން ހަމަޖައްސަވާފައިވަނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި، މި ދެ އިނާމު ދެއްވާގޮތަށެވެ. އެހެންނަމަވެސް، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު މި އަހަރު ލިބިވަޑައިގަންނަވާ ބޭފުޅުންގެ ޢަދަދު ގިނަކަމާއެކު، މަތީ ދަރަޖައިގެ އިނާމާއި ޙާފިޡުކަމުގެ އިނާމު، ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްވުމަށް ނިންމެވީއެވެ. މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްވާނީ ހަމައެކަނި ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމެވެ.