‎ދިވެހިރާއްޖެއަށް ކުރިއެރުމާއި ކާމިޔާބީ ހޯދެންއޮތީ މުޅި ދުނިޔޭގެ ހުރިހާ ޤައުމުތަކާއެކުގައި ގުޅިގެން ކުރެވޭ މަސައްކަތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާ )ޕީ.އެސް.އެމް(ގެ ޚާރިޖީ ސިޔާސަތު ޕްރޮގްރާމްގެ މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެން މިރޭ ދެއްކެވި ވާހަކަފުޅުގައެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ ބޭރު ދުނިޔެއަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ޤައުމެއް ކަމަށާއި އެގޮތުން ޓުއަރިޒަމަށް ނުވަތަ ބޭރު ފައިސާއަށް ބަރޯސާވާ މިންވަރުވެސް އޮންނަނީ މުޅި ދުނިޔޭގެ އެހެން ޤައުމުތަކާ ގުޅިފައި ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން ދުނިޔޭގެ ކުދި ބޮޑު އެންމެހާ ޤައުމުތަކާއެކު މެދުކެނޑުމެއްނެތި ގުޅުން ބަދަހި ކުރަންޖެހިފައިވާކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު އދ.ގެ އާންމު މަޖިލީހުގައި ދިވެހި ބަހުން ތަޤުރީރު ކުރެއްވިއިރު، އެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވަން ދިވެހި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އިންނެވުމުން ދޭހަކޮށްދެނީ ދުނިޔޭގެ ގައުމުތަކުން ދިވެހިރާއްޖެއަށް ކުރައްވާ އިތުބާރު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

‎ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ދިވެހިރާއްޖެ އޮތް ނާޒުކު ހާލަތު ސިފަކޮށްދެއްވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައިއިރު ބައެއް ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި ގުޅުން ކަނޑާލެވިފައިވާ ކަމަށާއި އެގޮތުން ކޮމަންވެލްތާއި އަރަބި ބައެއް ޤައުމުތަކާއެކު އޮތް ގުޅުންވެސް ކަނޑާލެވިފައިވާ ކަމުގައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުން މިގޮތަށް ކަނޑާލެވިފައިވާ ގުޅުންތައް އަލުން އިއާދަކުރެއްވުމަށް މަސައްކަތް ފެއްޓެވިކަން ފާހަގަކުރެއްވިއެވެ. އަދި އެކި ޤައުމުތަކާއެކު އޮތް ދޭދޭ ގުޅުންތައް ބަދަހިކުރެއްވުމުގެ މަސައްކަތް އަލުން ފެއްޓެވުމާއެކު ދިވެހި ރައްޔިތުން ބޭނުންވި ގޮތަށް ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރެވި، އެކި ޤައުމުތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންގޮސްފައިވާ ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ކޯވިޑްގެ ހާލަތުން ދިވެހިރާއްޖެ އަރައިގަތުމަށް ކުރެވުނު މަސައްކަތަށް އެކަނި ބެލިކަމުގައިވިއަސް ދިވެހި ޚާރިޖީ ސިޔާސަތުގެ ފޮނިމީރުކަން ފެނިގެންދާކަމުގައި ވިދާޅުވިއެވެ. އެގޮތުން ދުނިޔޭގެ އެތައް ޤައުމެއްގެ އެހީތެރިކަން އެ ހާލަތުގައިވެސް ލިބިގެން ގޮސްފައިވާ ކަމުގައި ވިދާޅުވިއެވެ. އެގޮތުން ވެކްސިން ލިބުނު ޤައުމުތަކުގެ ތެރެއިންވެސް އެންމެ ކުރިން ވެކްސިން ލިބުނު ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިގެންގޮސްފައިމިވަނީ ރާއްޖެއިން ގެންގުޅޭ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ސަބަބުން ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ރާއްޖެ ދެމިއޮންނާނީ ހުރިހާ ޤައުމަކާއެކުވެސް ގުޅިގެން މަސައްކަތްކުރާ ޤައުމެއްގެ ގޮތުގައި ކަމުގައި ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރުގައިވެސް އިތުރު 7 ޤައުމަކާއެކު ގުޅުން ގާއިމުކުރެވިގެންގޮސްފައިވާ ކަމުގައި ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު މިއަދު ބައްޓަންކުރެވިފައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުންގެންދަވާ މަސައްކަތުގެ ތެރެއިން ދިވެހިރާއްޖެއަށް އެތައް ގިނަ ފައިދާއެއް ކުރާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެ މިހާރު މަސައްކަތް ކުރަމުންދަނީ ދުނިޔޭގެ އެންމެހާ ޤައުމުތަކާއި ގުޅިގެން ކަމަށާއި މި ސިޔާސަތުގެ ސަބަބުން ދިވެހިރާއްޖެއަށް ކޯވިޑް 19 އިން އަރައިގަތުމަށްވެސް އެތައް ބައިވަރު އެހީއެއް ލިބެމުންދާ ކަމަށާއި އޭގެ އިތުރުންވެސް އިންސާނީ ވަޞީލަތް ގާއިމުކުރުމަށާއި މީހުން ބިނާކުރުމާއި އެކިއެކި ދާއިރާތަކުން ހުއްޓުމެއްނެތި ލިބެމުން އަންނަ އެހީތެރިކަމަކީ ދިވެހިރާއްޖެއަށް އެކަންކަމުން ގިނަގުނަ ފައިދާތައް ލިބެމުންދާ ކަމެއް ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.