ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް، ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ރިއަރ އެޑްމިރަލް މުޙައްމަދު ނަޒްމުލް ޙަސަން، އިޚްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން ކުރިޔަށްގެންދަވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، މި އަހަރު ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވުނުތާ 43 އަހަރު ފުރުމާއިގުޅިގެން، ދެބޭފުޅުންވެސް ވަނީ އެކަން ފާހަގަ ކުރައްވާފައެވެ. އަދި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރެވެންހުރި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ދެބޭފުޅުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި އެކިއެކި ގޮތްގޮތުން ބަންގްލަދޭޝްގެ ފަރާތުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ އެކަމުގެ އަގުވަޒަންކުރައްވާ، އެކަމަށްޓަކައި ބަންގްލަދޭޝް ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި، އިންސާނީ ވަަސީލަތް ތަރައްޤީކުރުމަށް ޓެކްނިކަލް އަދި ވޮކޭޝަނަލްގެ އެކި ރޮނގުރޮނގުން މީހުން ތަމްރީނު ކުރުމަށް ބަންގްލަދޭޝްގެ ފަރާތުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ޚާއްސަގޮތެއްގައި ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި މިހާރުވެސް ޚިދުމަތުގައި ތިބި ޑޮކްޓަރުންނާއި ސްޕެޝަލިސްޓުން މަދުކަން ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ކޯވިޑް 19 ގެ ހާލަތުގައި ބަންގްލަދޭޝް ސަރުކާރުން ރާއްޖެއާއެކު ބޭއްވެވި ގާތް ރަހްމަތްތެރިކަމަށްޓަކައި، ބަންގްލަދޭޝް ސަރުކާރަށް ޝުކުރުއަދާކުރައްވާފައިވެއެވެ. އެގޮތުން ބަންގްލަދޭޝްއަށް ކިޔަވަން ގޮސްތިބި ކުދިންނަށް އެހާލަތުގައި ދިމާވި ދަތިތައް ހައްލުކުރުމަށް ދިވެހި ސަރުކާރާއެކު ކުރެއްވި މަސައްކަތަށް ތައުރީފުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ބަންގްލަދޭޝް ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން އާބާދީގެ ބޮޑު ބައެއް ހިއްސާކުރަނީ ބަންގްލަދޭޝްގެ ރައްޔިތުންކަން ފާހަގަކުރައްވާފައިވެއެވެ. އަދި އެގޮތުން ރާއްޖޭގައި މަސައްކަތްކުރާ އެ ފަރާތްތަކަށް ކުރިމަތިވެފައިވާ އަދި ކުރިމަތިވަމުންދާ އެކިއެކި މައްސަލަތަކުގެ މައްޗަށް ފުޅާ ދާއިރާއެއްގައި ވާހަކަފުޅުދައްކަވާފައިވެއެވެ.

މި ދެ ބޭފުޅުންގެ ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙުމަތްތެރި ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ޝައުޤުވެރިކަން ފާޅުކުރައްވައި، ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާ ކުރެވިދާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.