އާންމު ރައްޔިތުންނާއި ސަރުކާރާ ދެމެދު މިހާރަށްވުރެ ލުއިފަސޭހަ ގޮތެއްގައި މުއާޞަލާތު ކުރެވޭނެ ގޮތެއް ހަމަޖެއްސުމަށްޓަކައި، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީން ޤާއިމުކުރައްވައިފައިވާ، އޮންލައިން ޕްލެޓްފޯމް "GOV.MV" މެސެޖުގެ ޚިދުމަތް ބޭނުންކޮށްގެން ސަރުކާރުގެ އިދާރާތަކަށް ކަންކަން ހުށަހެޅުމުގެ ފުރުޞަތު އާންމު ރައްޔިތުންނަށް މިއަދު ހުޅުވައިލައްވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވާފައިވާ ދެންނެވުމުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިރުޝާދުގެ ދަށުން މި ގޮތަށް ހަމަޖެއްސެވުމުން، އަމިއްލަ މީހުން ސަރުކާރުގެ އިދާރާތަކަށް "GOV.MV" މެސެޖުގެ ޒަރީއާއިންނާއި، ސިޓީން ހުށަހަޅާ ކަންކަމަށް ޖަވާބު ދެއްވުމުގައި ސަރުކާރުގެ އިދާރާތަކުން ޢަމަލުކުރަންވާނެގޮތް ތަފްޞީލްކޮށްދެއްވާފައިވެއެވެ. އަދި މި ޚިދުމަތް ފެށުމާއެކު، މި ޚިދުމަތް ބޭނުންކޮށްގެން ސަރުކާރުގެ އިދާރާތަކަށް ކަންކަން ހުށަހެޅުމަށް އަމިއްލަ ފަރާތްތަކަށް ބާރުއެޅުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.

މިއަދު އާންމުކޮށް ހުޅުވައިލެއްވި "GOV.MV" ގެ ޚިދުމަތް ފެށުމާ ހަމައަށް ސަރުކާރުގެ އިދާރާތަކަށް އަމިއްލަ މީހުންގެ ފަރާތުން ލިބިފައިވާ ސިޓީތަކާއި އީމެއިލްތަކާމެދުގައި ޢަމަލުކުރާނީ މިހާތަނަށް ޢަމަލުކުރައްވަމުން ގެންދެވި ގޮތަށް ކަމުގައިވެސް އެ ދެންނެވުމުގައިވެއެވެ. އަދި މި ދެންނެވުން ނުކުތުމުން، މީގެ ކުރިން އާއްމުކޮށްފައިވާ މި އޮފީހުގެ ނަންބަރު 63/1975 (14 އޮކްޓޫބަރު 1975) ދެންނެވުމާއި، 59/1991 (15 ޖޫން 1991) ދެންނެވުމާއި، 68/1995 (7 އޮކްޓޫބަރު 1995) ދެންނެވުމާއި، 77/2001 (25 ޑިސެންބަރު 2001) ދެންނެވުން ބާޠިލުކުރެވިފައިވާކަމުގައިވެސް އެ ދެންނެވުމުގައިވެއެވެ.