بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބައަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަލްފާޟިލް ފުޢާދު ތައުފީޤު، ކޮމިޝަންގެ ނައިބު ރައީސް އަލްއުސްތާޛު އިސްމާޢީލް ޙަބީބު، ކޮމިޝަންގެ ކުރީގެ ރައީސުން، ކޮމިޝަންގެ މެންބަރުން، ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިން، ސިޔާސީ ޕާޓީތަކުގެ ވެރިން، މަދަނީ ޖަމުޢިއްޔާތަކުގެ އިސްވެރިން، އަދި މި ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ދިވެހިރާއްޖޭގެ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާއަށާއި، ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު އަރިސްކުރަން.

އާދެ، ޒަމާނީ ޑިމޮކްރަސީއެއް ދިވެހިރާއްޖެއަށް ގެނައުމަށްޓަކައި، ބުރަ މަސައްކަތްތަކެއް ކުރެއްވި އެންމެހައި ބޭފުޅުންނަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މިއަދު އަޅުގަނޑުމެން ޚިދުމަތުގެ އަގުވަޒަންކޮށް، އެބަޔަކަށް ލިޔުންތަކާއި އަދި ހަނދާނީ ފިލާ ލިބުނު އެންމެހައި ފަރާތްތަކަށްވެސް، އެ ކުރެއްވި މަސައްކަތްތައް ފާހަގަކޮށް، އެ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެން މިއަދު ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެންނަށް އިއްޔެ މި ފެނިގެން ދިޔައީ އެމެރިކާގެ ނިއުޔޯކްގައި، އ.ދ.ގެ މައި އިދާރާގައި އ.ދ.ގެ 76 ވަނަ އާންމު ޖަލްސާގެ ރިޔާސަތާ ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ޙަވާލުވެވަޑައިގެންނެވިތަން. އާދެ، މިކަމުން ރަމްޒުކޮށްދެނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ، އާދެ، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަން. އާދެ، މިއިން ދޭހަކޮށްދެނީ ބައިނަލްއަޤްވާމީ ދުނިޔެއިން މިއަދު ދިވެހިރާއްޖެ ބަލައިގެންފައިވާ މިންވަރު. އާދެ، މިއިން ދައްކުވައިދެނީ ޤައުމު ކިތަންމެ ކުޑަ ނަމަވެސް، އަޅުގަނޑުމެންގެ އަޑު މުޅި ދުނިޔޭގައި ހުރި މިންވަރު. އާދެ، މިއީ ބޮޑެތި ބާރުތައް ކުރިމަތީގައި، ދުނިޔޭގެ ބޮޑެތި ޤައުމުތައް ކުރިމަތީގައި ރާއްޖެއަކީ، މުހިންމު ޤައުމެއްކަން ދައްކުވައިދޭ އަލިގަދަ ހެތްކެއް.

އާދެ، ޒަމާނީ ޑިމޮކްރަސީއަކަށް ވާޞިލުވުމަށްޓަކައި މިއަދާ ހަމައަށް އައުމަށްޓަކައި ވަރަށް ގިނަ ބަޔަކު ވަރަށް ގިނަ ޤުރުބާނީތަކެއް ވަނީ ވެފައި. 2008 ވަނަ އަހަރު އަޅުގަނޑުމެންނަށް ލިބިގެންދިޔަ އާ ޤާނޫނުއަސާސީން ވަނީ ޒަމާނީ ޑިމޮކްރަސީއަކަށް މަގުފަހިކޮށްދީފައި. އާދެ އަޅުގަނޑު މިއަދު ދަންނަވާލަން އޮތީ، އަޅުގަނޑުމެންނަށް ލިބިގެންދިޔަ، މި ފެހި ޤާނޫނުއަސާސީން ލިބިދިން އެންމެ ބޮޑު އެއް ޙައްޤު ކަމަށްވާ އާދެ، ވޯޓުލުމުގެ ޙައްޤު، ވަކިން ޚާއްޞަކޮށް، 18 އަހަރުން މައްޗަށް ލިބިގެންދިޔަހިނދު، އަޅުގަނޑުމެން އެއްގޮތަކަށްވެސް ޤަބޫލުކޮށްގެނެއް ނުވާނެ، ހަމައެކަނި ދެފުށް ފެންނަ އިންތިޚާބުތަކެއް އަޅުގަނޑުމެންނަށް ބޭއްވުމަކުން ނިމުނީ ކަމަކަށް.

އާދެ، އަޅުގަނޑުމެން އަބަދުވެސް ވިސްނަން އެބަޖެހޭ ޑިމްކޮރަސީ ނެގެހެއްޓުމުގައި، މިނިވަންކަމާއި ހަމަހަމަކަން އެންމެންގެ މެދުގައި ދެމެހެއްޓުމަށްޓަކައި އިންސްޓިޓިއުޝަންތައް، ހުރިހާ ތަނެއް ރަނގަޅަށް މަސައްކަތްތައް ކުރަން އެބަޖެހޭ. އެއްވެސް މީހެއްގެ ޙައްޤު ގެއްލިގެން ނުދާނެފަދަ ގޮތަކަށް އަޅުގަނޑުމެންގެ ކަންތައްތައް އަބަދުވެސް ތަރުތީބުކޮށް ބަހައްޓަން އެބަޖެހޭ.

އާދެ އެނގިވަޑައިގަންނަވާނެ، ޑިމޮކްރަސީގެ ބޭނުމަކީ ރައްޔިތުން ބާރުވެރިކުރުވުން. މިއަދު ވެރިކަން ހިނގަމުން މިދަނީ ރައްޔިތުން އެދޭގޮތަށް. އެހެންވީމާ، އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގައިވެސް ރައްޔިތުންގެ ބަސް އެހުމަކީ އެއީ، އަޅުގަނޑުމެން އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭނެ އެއްޗެއް. އާދެ، ދެންމެ ސީ.އެޗް.އެސް.އީ.ގެ ދަރިވަރު އެ ވިދާޅުވިގޮތަށް، އެ ބޮޑުއެތި ކުޑައެތި ކާލާ ދުވަސްވަނީ މާޒީވެ ގޮސްފައި. އެހެންވީމާ، އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގައިވެސް، ހަމަހަމަ އުސޫލުތައް، ހަމަހަމަކަން ގެންގުޅުމަކީ ކޮންމެހެން އަޅުގަނޑުމެން އެކަން ކުރަންޖެހޭނެ ކަމެއް. އާދެ، އަޣުލަބިއްޔަތަށް ތަބާވުމަކީ އެއީ، އަޅުގަނޑުމެން ހިތާއި ރޫޙުން އެކަމެއް ބަލައިގަންނަން ޖެހޭނެ ކަމެއް.

އާދެ، އަޅުގަނޑު ވަކިން ޚާއްޞަކޮށް ފާހަގަކޮށްލަން ބޭނުން، ޑިމޮކްރަސީ ދެމެހެއްޓުމުގައި، އާދެ، މިއަދު ވެރިކަމުގެ ނިޒާމު، ވަކިން ޚާއްޞަކޮށް، މަލްޓި ޕާޓީ ޑިމޮކްރަސީއެއް ދިވެހިރާއްޖޭގައި އޮތް ހިނދު، ދެމެހެއްޓުމަށްޓަކައި ވަކިން ޚާއްޞަކޮށް އަޅުގަނޑުމެންނަށް ކުރީގައި ގެއްލިފައި އޮތް އެތައް ޙައްޤުތަކެއް ވަކިން ޚާއްޞަކޮށް، އަންހެން ބޭފުޅުންނަށް ލިބިފައިވާކަން އަޅުގަނޑު ފާހަގަކޮށްލަން ބޭނުން. އާދެ، އަޅުގަނޑުމެންނަށް ޤައުމެއްގައިވެސް އެއްވެސް ކަމެއްގައި ތަރައްޤީއާ ހަމައަށް މިދެވެނީ ހަމަހަމަކަން އޮވެގެން. އެހެންވީމާ، އަޅުގަނޑު މިއަދު ވަކިން ޚާއްޞަކޮށް، ހުރިހާ މުއައްސަސާތަކަށްވެސް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މި ހަމަހަމަކަން ޤާއިމުކޮށް، ވަކިން ޚާއްޞަކޮށް، އަންހެން ބޭފުޅުންނަށް ސިޔާސީ މައިދާނުގައި ބައިވެރިވުމުގެ ފުރުޞަތު އަޅުގަނޑުމެން ދުވަހެއް ދުވަހަކަށް އިތުރުކުރަން އެބަޖެހޭ.

އާދެ، އެނގިވަޑައިގަންނަވާނެ، މިއަދުގެ ކެބިނެޓަށް ބެލި ނަމަވެސް، އަދި މުއައްސަސާތަކަށް ބެލި ނަމަވެސް، އަދި ކައުންސިލްތަކަށް ބެލި ނަމަވެސް، މިއަދު މިވަނީ، އެ ފުރުޞަތު އެތައް ގުނައެއް ފަހިވެގެން ގޮސްފައި. އާދެ އަޅުގަނޑުމެންނަށް ނުކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތް. އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްކޮށްފިނަމަ. މިއަދު އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ މުޅި ދުނިޔެ، މުޅި ޤައުމު މިއޮތީ ޕެންޑަމިކެއްގައި. އާދެ، ދަތި އުނދަގޫ ކަންތައްތަކެއް ތަޙައްމަލު ކުރަމުންދާ ވަގުތެއްގައި. އަޅުގަނޑުމެންނަށް މިވަނީ ތިމާވެށީގެ އެކިއެކި މައްސަލަތަކެއް ކުރިމަތިވެފައި. ދުނިޔެ ހޫނުވުމާއި، ކަނޑުގެ ލޮނުގަނޑު އުސްވުމާއި، އަޅުގަނޑުމެންގެ ރަށްތަކުގެ ގޮނޑުދޮށްތައް ގިރައިގެން ދިޔުމާއި، އެތައް ކަންތައްތަކެއް އަޅުގަނޑުމެންނަށް މިވަނީ އެކަމުގެ ސަބަބުން ގިނަ ގެއްލުންތަކެއް މެދުވެރިވެފައި.

އާދެ، ހަމަމިއާއެކު، ޕެންޑަމިކްގައި އަޅުގަނޑުމެންނަށް މިވަނީ އިޤްތިޞާދީ ގޮތުން އެތައް ގިނަ ގެއްލުންތަކެއް ކުރިމަތިވެފައި. ސްކޫލްތައް ބަންދުވެ، ތަޢުލީމީ ގޮތުން އެތައް ބޮޑު ގޮންޖެހުންތަކަކާ އަޅުގަނޑުމެންނަށް ކުރިމަތިވެގެން ވަނީ ގޮސްފައި. ވިޔަފާރިތައް ހުއްޓި، އަޅުގަނޑުމެންގެ ނަފްސާނީ ދުޅަހެޔޮކަމަށް ގިނަގުނަ އަސަރުތަކެއް މިވަނީ ކޮށްފައި. އަޅުގަނޑު މިއަދު ހަމަ ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ މި ވަގުތަކީ މިއީ، ޑިމޮކްރަސީއަށްޓަކައިވެސް، އަޅުގަނޑުމެންގެ ޤައުމަށްޓަކައިވެސް، އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކަށްޓަކައިވެސް، އަޅުގަނޑުމެންގެ ހަމަޖެހުމާއި އަޅުގަނޑުމެންގެ ކުރިއެރުމަށްޓަކައިވެސް، އެންމެން އަތުގުޅައިލައިގެން މަސައްކަތް ކުރަންވީ ވަގުތޭ. އަޅުގަނޑުމެންނަށް ގެއްލިގެންދިޔަތަން އަނބުރާ ހޯދުމަށް، އަޅުގަނޑުމެން އެކުގައި މަސައްކަތް ކުރަންވީ ވަގުތޭ. އަޅުގަނޑުމެންގެ ތެރޭގައި އެކި ފަރާތްތަކުގެ އެކި މީހުންގެ ޚިޔާލާއި ފިކުރުގައި ތަފާތުތަކެއް ހުރެދާނެ. އެހެންނަމަވެސް، އަޅުގަނޑުމެން އުފާކުރަންޖެހޭ ކަމަކީ އަޅުގަނޑުމެން ދިވެހިން، އަޅުގަނޑުމެން އެއްބަހަކުން ވާހަކަދައްކާ، އަޅުގަނޑުމެން އެއް ދީނެއްގެ ބަޔަކު، އަޅުގަނޑުމެން ދެކޮޅުވެރިވެގެން، އަރައިރުންވެގެން އަޅުގަނޑުމެންނަށް ލިބޭނީ ކޮން ކުރިއެރުމެއްތޯ؟

އާދެ، މިފަދަ ދުވަހެއްގައި އަޅުގަނޑު މިކަމުގައި ހަމަ އިލްތިމާސްކޮށް، ކުރިއަށް އޮތް ދުވަސްތަކުގައި ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެންގެ ޤައުމު އާރާސްތުކޮށް، ތަރައްޤީއަށް ވާޞިލުވުމަށްޓަކައި، މި ދެންނެވިހެން އެންމެން އަތުގުޅައިލާފައި، ހަމަޖެހުން ޤާއިމުކުރުމަށްޓަކައި އަބަދުވެސް އަޅުގަނޑުމެން އިސްކަންދޭންޖެހޭނެ ވާހަކަ އަޅުގަނޑު ހަމަ ދަންނަވާލަން.

އާދެ، މިފަދަ ފުރުޞަތެއް އަޅުގަނޑަށް ދެއްވީތީވެ، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަދި ކޮމިޝަންގެ އެންމެހައި މެންބަރުންނާ ހުރިހާ މުވައްޒަފުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މި މަސައްކަތުގައި ވަކިން ޚާއްޞަކޮށް، އިލެކްޝަންސްގެ މި މަސައްކަތުގައި އެކި ގޮތްގޮތުން، އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދިޔަ ފަރާތްތަކާއި، އަދި މިހާރުވެސް ފޯރުކޮށްދެއްވަމުން ގެންދަވާ އެންމެހައި ފަރާތްތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި اللَّـهُ سُبْحَانَهُ وَتَعَالَىٰ ބަރަކާތްލައްވައި އަޅުގަނޑުމެންގެ ޤައުމަށް އަދަށްވުރެ ފަހި މާދާމާއެއް މިންވަރުކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.