ކޮންމެ ޙާލަތެއްގައިވެސް ސަރުކާރުން މަސައްކަތް ކުރަމުން ދަނީ، ޑިމޮކްރެސީން ކަށަވަރުކޮށްދޭ ޙައްޤުތައް އޭގެ އެންމެ ފުރިހަމަ މާނައިގައި ލިބިދިނުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މި އަހަރުގެ ބައިނަލްއަޤްވާމީ ޑިމޮކްރެސީ ދުވަހުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން އެމަނިކުފާނު ވިދާޅުވީ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އެންމެހައި އަސާސީ ޙައްޤުތަކަށް މި ސަރުކާރުން އަބަދުވެސް އިޙްތިރާމްކޮށް، އެ ޙައްޤުތައް ލިބިދެވޭކަންވެސް ކަށަވަރުކުރާނެކަމަށެވެ. އަދި ޚާއްޞަކޮށް ދައުލަތުގެ ކަންކަމާ މެދު ބަސްބުނެ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ސަރުކާރުގެ އެންމެހައި ކަންކަން ދެފުށް ފެންނާނެހެން ހާމަކުރުމާއި، މަޢުލޫމާތު ޢާންމުކުރުމަކީވެސް، ޑިމޮކްރެސީގެ ހަމަތައް ނެގެހެއްޓުމުގައި މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދުވަހުގެ މަޤްޞަދުގެ މައްޗަށް އަލިއަޅުއްވާލައްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި ޑިމޮކްރެސީ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ، ޤައުމުތަކުގައި ޑިމޮކްރެސީގެ ހަމަތަކާ އެއްގޮތަށް، ދައުލަތް ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އޮތްކަމާއި އޮތް މިންވަރު ކަށަވަރު ކުރުންކަމުގައެވެ. ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން، ރައްޔިތުންގެ އަސާސީ ޙައްޤުތައް ފުރިހަމައަށް ޙިމާޔަތްކުރެވި، ޙައްޤުތައް ފުރިހަމައަށް ލިބިދޭކަން ކަށަވަރުކުރުމާއި، ރައްޔިތުންގެ ރުހުމާއި ބައިވެރިވުމާއެކު، ރައްޔިތުން އެދޭ ގޮތަށް ދައުލަތް ހިންގާނެ ބަޔަކު ކަނޑައެޅުމުގެ ޙައްޤު ލިބިދިނުމަކީވެސް ޑިމޮކްރަސީ ދުވަހެއް ފާހަގަކުރުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދުގެ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޑިމޮކްރަސީގެ އެންމެ ވަރުގަދަ އަސާސަކީ، ދައުލަތް ހިންގާނެ ބަޔަކު ކަނޑައެޅުމުގައި ބައިވެރިވުމުގެ ފުރުޞަތު މިނިވަންކަމާއެކު ހުޅުވައިލެވިފައި އޮތުމާއެކު، ރައްޔިތުންގެ ބައިވެރިވުން އޮވެގެން ދައުލަތުގެ ވެރިން ކަނޑައެޅުން ކަމުގައި ވިދާޅުވެފައެވެ. އަދި އެއީ އެ ޤައުމެއްގެ ދުސްތޫރީ އޮނިގަނޑުގައި ކަނޑައެޅިފައި އޮންނަ މުއްދަތުތަކުގައި، އިންތިޚާބުތައް ބާއްވައިގެން ދައުލަތުގެ އިންތިޚާބީ މަޤާމުތަކުގެ ދައުރު ބަދަލުކުރަމުން ގެންދިއުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޑިމޮކްރަސީން ކަށަވަރުކޮށްދޭ އެންމެ އަސާސީ އިންސާނީ ޙައްޤަކީ، ދިރިހުރުމުގެ ޙައްޤާއި ރަނގަޅު ކާނާ ކައިބޮއެ އުޅުމުގެ ޙައްޤު ކަމަށްވާ އިރު، މި ޙައްޤުތައް ފުރިހަމައަށް ހޯދުމަށްޓަކައި، ދިވެހި އެންމެހާ ރައްޔިތުން ގަދައަޅައި، އެއް ޢަޒުމެއްގައި ކޯވިޑް-19ގެ ސަބަބުން އިޤްތިޞާދީ ގޮތުން ރާއްޖެއަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށް މަސައްކަތްކުރުމަށް ބާރުއަޅުއްވާފައެވެ. އަދި އިޤްތިޞާދީ ޙަރަކާތްތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، އަންހެނުންގެ ދައުރު ފުޅާކުރުމަކީ، ޤައުމީ އުފެއްދުންތެރިކަން މަތިކުރުމަށްޓަކައި ވަރަށް ބޭނުންތެރި ކަމެއްކަމުގައިވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މިއަދުގެ ޚިޠާބު ނިންމަވާލައްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިންނަކީ ޒަމާނީ ޑިމޮކްރަސީއަށް ފައްކާވަމުން ހޭނެމުން އަންނަބައެއް ކަމަށް ވިދާޅުވެފައެވެ. ހަމަ އެއާއެކު ރައްޔިތުންގެ ބާރާއި ރައްޔިތުންނަށް ލިބެންޖެހޭ ޙައްޤުތަކާއި، ރައްޔިތުންގެ ކޮނޑުގައި އެޅިފައިވާ ވާޖިބުތަކާއި ޒިންމާތަކަށްވެސް އަހުލުވެރިވަމުން އަންނަ ބައެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދައުލަތް ހިންގުމުގެ ދާއިރާއިން ބަސްބުނުމަށް ލިބިފައިވާ ޙައްޤުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށްޓަކައި، ރާއްޖޭގައި ޤާއިމުވެފައި އޮތް ޑިމޮކްރެސީގެ ހަރުދަނާ އުޞޫލުތަކާއި ހަމަތައް، އެގޮތުގައި ނަގަހައްޓައި ދެމެހެއްޓުމުގައި، ދިވެހި ރައްޔިތުން ސާބިތުވެތިބޭނެކަން އެމަނިކުފާނަށް ޔަޤީންވާކަމަށް ވިދާޅުވިއެވެ.