بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

ބައިނަލްއަޤްވާމީ ފެންވަރުގައި މުޅި ދުނިޔޭގައި މިއަދު ފާހަގަކުރާ، މިއަހަރުގެ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަމެވެ. އަދި ދިވެހިރާއްޖޭގައި ޑިމޮކްރަސީގެ ހަމަތަކާއި އުޞޫލުތައް ދިރުވައި އާލާކުރުމަށް މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށާއި، ޖަމުޢިއްޔާ ޖަމާޢަތްތަކަށްވެސް، ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވަމެވެ.

ދުނިޔޭގެ ފެންވަރުގައި ޑިމޮކްރަސީ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ، ޤައުމުތަކުގައި ޑިމޮކްރަސީގެ ހަމަތަކާ އެއްގޮތަށް، ދައުލަތް ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އޮތްކަމާއި އޮތް މިންވަރު ކަށަވަރު ކުރުމެވެ. ހަމައެފަދައިން، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން، ރައްޔިތުންގެ އަސާސީ ޙައްޤުތައް ފުރިހަމައަށް ޙިމާޔަތްކުރެވި، ޙައްޤުތައް ފުރިހަމައަށް ލިބިދޭކަން ކަށަވަރު ކުރުމެވެ. ރައްޔިތުންގެ ރުހުމާއި ބައިވެރިވުމާއެކު، ރައްޔިތުން އެދޭގޮތަށް ދައުލަތް ހިންގާނެ ބަޔަކު ކަނޑައެޅުމުގެ ޙައްޤު ލިބިދިނުމެވެ.

ޑިމޮކްރަސީގެ އެންމެ ވަރުގަދަ އަސާސަކީ، ދައުލަތް ހިންގާނެ ބަޔަކު ކަނޑައެޅުމުގައި ބައިވެރިވުމުގެ ފުރުޞަތު މިނިވަންކަމާއެކު ހުޅުވައިލެވިފައި އޮތުމެވެ. އަދި ރައްޔިތުންގެ ބައިވެރިވުން އޮވެގެން ދައުލަތުގެ ވެރިން ކަނޑައެޅުމެވެ. އެއީ، ދެފުށް ފެންނަ، ނަޒާހަތްތެރި މިނިވަން އިންތިޚާބުތަކުގެ ޒަރީޢާއިންނެވެ. އަދި އެ ޤައުމެއްގެ ދުސްތޫރީ އޮނިގަނޑުގައި ކަނޑައެޅިފައި އޮންނަ މުއްދަތުތަކުގައި، އިންތިޚާބުތައް ބާއްވައިގެން ދައުލަތުގެ އިންތިޚާބީ މަޤާމުތަކުގެ ދައުރު ބަދަލުކުރަމުން ގެންދިއުމެވެ.

މިއަހަރުގެ ޑިމޮކްރަސީ ދުވަސް އަޅުގަނޑުމެންނާ ބައްދަލުކުރިއިރު، ކޯވިޑް-19ގެ ދަތިތަކުން އަރައިގަނެވޭތޯ މުޅި ދުނިޔެ މަސައްކަތް ކުރާތާ ދޮޅު އަހަރަށްވުރެ ގިނަ ދުވަސްވީއެވެ. މާތް ﷲގެ ވާގިފުޅާއި މަދަދާއެކު، ދިވެހިރާއްޖެ މިއަދު މިވަނީ ކޯވިޑުން އަރައިގަތުމުގައި އެކަށީގެންވާ ކާމިޔާބެއް ހޯދައިފައެވެ. އާބާދީގެ ބޮޑު އިންސައްތައެއް، ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށް، މި ވަބާއަށް ފައްސިވާ މީހުންގެ ނިސްބަތް ވަރަށް ބޮޑަށް ދަށްކުރެވިއްޖެއެވެ. ސްކޫލްތަކާއި ސަރުކާރާއި އަމިއްލަ އޮފީސްތައް ހުޅުވައި، ރާއްޖެ މިހާރު މިއަންނަނީ، އައު ޢާންމު ޙާލަތަށް ފަރިތަވަމުންނެވެ.

ޑިމޮކްރަސީން ކަށަވަރުކޮށްދޭ އެންމެ އަސާސީ އިންސާނީ ޙައްޤަކީ، ދިރިހުރުމުގެ ޙައްޤާއި ރަނގަޅު ކާނާ ކައިބޮއި އުޅުމުގެ ޙައްޤު ކަމަށްވާއިރު، މި ޙައްޤުތައް ފުރިހަމައަށް ހޯދުމަށްޓަކައި، މިއަދު އަޅުގަނޑުމެން އެންމެން ގަދައަޅައި އެއް ޢަޒުމެއްގައި މަސައްކަތް ކުރަންވީ، ކޯވިޑް-19ގެ ސަބަބުން އިޤްތިޞާދީ ގޮތުން ރާއްޖެއަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށެވެ. އިޤްތިޞާދީ ޙަރަކާތްތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، އަންހެނުންގެ ދައުރު ފުޅާކުރުމަކީ، ޤައުމީ އުފެއްދުންތެރިކަން މަތިކުރުމަށްޓަކައި ވަރަށް ބޭނުންތެރި ކަމެކެވެ.

ކޮންމެ ޙާލަތެއްގައިވެސް ސަރުކާރުން މަސައްކަތް ކުރަމުން މި އަންނަނީ، ޑިމޮކްރަސީން ކަށަވަރުކޮށްދޭ ޙައްޤުތައް އޭގެ އެންމެ ފުރިހަމަ މާނައިގައި ލިބިދިނުމަށެވެ. ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އެންމެހައި އަސާސީ ޙައްޤުތަކަށް ސަރުކާރުން އަބަދުވެސް އިޙްތިރާމުކޮށް، އެ ޙައްޤުތައް ލިބިދެވޭކަންވެސް ކަށަވަރުކުރާނެއެވެ. ވަކިން ޚާއްޞަކޮށް، ދައުލަތުގެ ކަންކަމާމެދު ބަސްބުނެ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން އެއްވެސް ހުރަހެއްނާޅާނެއެވެ. ސަރުކާރުގެ އެންމެހައި ކަންކަން ދެފުށް ފެންނާނެހެން ހާމަކުރުމާއި، މަޢުލޫމާތު ޢާންމުކުރުމަކީވެސް، ޑިމޮކްރަސީގެ ހަމަތައް ނެގެހެއްޓުމުގައި، ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެކެވެ.

މިއަދުގެ ދިވެހިންނަކީ ޒަމާނީ ޑިމޮކްރަސީއަށް ފައްކާވަމުން ހޭނެމުން އަންނަ ބައެކެވެ. ރައްޔިތުންގެ ބާރާއި ރައްޔިތުންނަށް ލިބެންޖެހޭ ޙައްޤުތަކާއި، ރައްޔިތުންގެ ކޮނޑުގައި އެޅިފައިވާ ވާޖިބުތަކާއި ޒިންމާތަކަށް އަހުލުވެރިވަމުން އަންނަ ބައެކެވެ. އޭގެ ތެރެއިންވެސް އެންމެ މުހިންމު ޙައްޤަކީ، ދައުލަތް ހިންގުމުގެ ދާއިރާއިން ބަސްބުނުމުގައި، ޤާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ ޙައްޤެވެ. އެ ޙައްޤުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށްޓަކައި، ރާއްޖޭގައި ޤާއިމުވެފައި އޮތް ޑިމޮކްރަސީގެ ހަރުދަނާ އުޞޫލުތަކާއި ހަމަތައް، އެގޮތުގައި ނަގަހައްޓައި ދެމެހެއްޓުމުގައި، ދިވެހި ރައްޔިތުން ސާބިތުވެތިބޭނެކަން ޔަޤީނެވެ.

ދިވެހިރާއްޖެއަށް އަބަދުވެސް ފާގަތިކަމާއި ކުރިއެރުން ދެއްވައި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޤައުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ހެޔޮ ވިސްނުން، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް ދެއްވާށިއެވެ. ދިވެހިރާއްޖޭގައި ޑިމޮކްރަސީގެ ހަމަތަކާއި އުޞޫލުތައް ދެމެހެއްޓުމަށް މިކުރާ މަސައްކަތުގައި ބަރަކާތް ލައްވައި ކާމިޔާބު މިންވަރު ކުރައްވާށިއެވެ. އާމީން.