ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް ސެޕްޓެމްބަރު 18 ވާ ހޮނިހިރު ދުވަހު ފުރާ ވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގައި ތަޤުރީރުކުރެއްވުމުގެ އިތުރުން ބައިލެޓެރަލް އަދި މަލްޓިލެޓެރަލް ސެޝަންތަކުގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ބޮޑު އަޤުލަބިއްޔަތަކާއިއެކު އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސްކަމަށް ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިންއެފެއާޒް ޢަބްދުއްﷲ ޝާހިދު އިންތިޚާބުވެވަޑައިގެންނެވުމާ ގުޅިގެން މި ފަހަރުގެ އ.ދ. ގެ ޢާންމު މަޖިިލީހަކީ ރާއްޖެއަށް ވަރަށް ތާރީޚީ މަޖިލީހަކަށް ވެގެންދާނެއެވެ. ޚާއްޞަކޮށް ފާއިތުވި ތިން އަހަރު ރާއްޖެއިން ވަނީ ބައިނަލްއަޤްވާމީ ދުނިޔޭގައި މުހިންމުކަންދޭ ކަންކަމުގައި ފައިތިލަ ސާބިތުކޮށް ރާއްޖެއިން ޤަބޫލުކުރާ ކަންކަމާ ގުޅޭގޮތުން ވަކާލާތުކޮށްފައެވެ. އަދި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަމުންދާ ބަދަލުތައް ކުޑަކުރުމަށް ރާއްޖެއިން އަންނަނީ އިސްނަގައިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ސެޕްޓެންބަރު 28 ވާ އަންގާރަ ދުވަހުގައެވެ.