ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ރ. އަނގޮޅިތީމު ސްކޫލަށް ޒިޔާރަތްކުރައްވައި ސްކޫލްގެެ ޓީޗަރުންނާ ސްކޫލް ހިންގެވުމާ ހަވާލުވެގެންތިއްބެވި އިސް ބޭފުޅުންނާ ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު އަނގޮޅިތީމު ސްކޫލަށް ކުރެއްވި މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކޮވިޑްގެ ދަތި ޙާލަތުގައިވެސް ޓީޗަރުން ކުދިންނަށް ކިޔަވާދެއްވުމަށް އާ ހުނަރުތައް ދަސްކޮށްގެންވެސް ކޮށްދެއްވި ބުރަ މަސައްކަތް ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ވެސް އެކަމަނާ ވަނީ ހީވާގިކަމާއި އެކުވެރިކަމަކީ ކޮންމެ މަސައްކަތެއްގެ މާޙާއުލުގައި ވެސްް އަށަގެންނެވުން މުހިންމު ދެ ސިފަކަމުގައި ވިދާޅުވެފައެވެ.

މި ޒިޔާރަތުގައި އެކަމަނާ ވަނީ އެރަށު ސްކޫލްގެ ލައިބްރަރީއަށް ގަނާކުރުމާ ބެހޭގޮތުންނާ، ޖިންސީ ގޯނާއަށް ހޭލުންތެރިކުރުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ދެ ވާހަކަފޮތް ހަދިޔާކުރައްވާފައެވެ. އެކަމަނާ ވަނީ މުޖުތަމަޢުގައި ހިނގާ މިފަދަ ނޭދެވޭ ޢަމަލުތައް ހުއްޓުވުމަކީ މުޖުތަމަޢުގެ އެންމެންގެ ޒިންމާއެއްކަން ފާހަގަކުރައްވައި ކުޑަކުދިންނަށް ރައްކާތެރިކަމާއި އަޅާލުން ދިނުމަކީ އެންމެ މުހިންމުކަންތައްކަމުގައި ވިދާޅުވެފައެވެ.

ސްކޫލްގެ އިސްވެރިން ވަނީ އެބޭފުޅުންނަށް ކިޔަވައިދިނުމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާ ހިއްސާކުރައްވާފައެވެ. މިގޮތުން، ސްކޫލުން ދޭ ޚިދުމަތްތައް ރަނގަޅުކުރުމަށް ބޭނުންވާ ޢުމްރާނީ ވަޞީލަތްތަކާ ބޭނުންވާ ބައެއް ކަންތައްތައް ސްކޫލްގެ ފަރާތުން ވަނީ ހިއްސާކުރައްވާފައެވެ.

އަނގޮޅިތީމު ސްކޫލަކީ 99 ދަރިވަރުން ނަށް ގްރޭޑް 1 އިން ފެށިގެން ގްރޭޑް 10 އާ ހަމަޔަށް ކިޔަވައިދެމުންދާ ސްކޫލެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

މި ބައްދަލުކުރެެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އަނގޮޅިތީމު ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވާ އެތަނުގެ ހާލަތު ބައްލަވާލައްވާފައެވެ.