ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ފޯކައިދޫ ސްކޫލަށް ޒިޔާރަތްކުރައްވައި ދެ ދަންފަޅީގެ ދަރިވަރުންނާ ޓީޗަރުންނާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ފޯކައިދޫ ސްކޫލަށް ކުރެއްވި މި ޒިޔާރަތުގައި އެކަމަނާ ވަނީ ފޯކައިދޫ ސްކޫލްގެ ލައިބްރަރީއަށް ގަނާކުރުމާ ބެހޭގޮތުންނާ، ޖިންސީ ގޯނާއަށް ހޭލުންތެރިކުރުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ދެ ވާހަކަފޮތް ހަދިޔާކުރައްވާފައެވެ. އަދި، އެކަމަނާ ވަނީ ގަނާ ކުރުމާގުޅޭގޮތުން ހަދިޔާ ކުރެއްވި ފޮތް އެކުދިންނަށް ކިޔާދެއްވާފައެވެ. މީގެ އިތުރުންވެސް މިއަދަކީ ދުނިޔޭގެ ލިޔަންކިޔަން ދަންނަ ދުވަސްކަން ފާހަގަކުރައްވައި ލިޔަން ކިޔަން ދަސްކުރުމުގެ މުހިންމުކަން އެކަމަނާ ކުދިންނަށް ކިޔާދެއްވިއެވެ.

ސްކޫލްގެ ޓީޗަރުންނާއެކު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބޭއްވި ބައްދަލުކުރެއްވުމުގައި މުޖުތަމަޢުގައި ހިނގާ ނޭދެވޭ ޢަމަލުތަކާއި ދޭތެރޭ ކުދިން ހޭލުންތެރިކުރުމާ ، ކެރިއަރ ގައިޑަންސްއާ ކުދިންނަށް ކިޔާވާދިނުމާއި ގުޅޭގޮތުން އެކަމަނާ ވަނީ ޓީޗަރުންނާ މަޝްވަރާކުރައްވާފައެވެ.

ފޯކައިދޫ ސްކޫލްގެ ފަރާތުން ވަނީ ސްކޫލްގެ ޖާގައިގެ ދަތިކަމުގެ ސަބަބުން މިހާރު ދެ ދަންފަޅިއަށް ކިޔަވައިދިނުން ކުރިޔަށް ގެންދިޔަ ނަމަވެސް ސްކޫލްގައި އަލަށް އިމާރާތްކުރަމުންދާ 12 ކްލާސްރޫމް ނިމުމުން އެއް ދަންފަޅިއަށް ކިޔެވުން ކުރިޔަށް ގެންދެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެބޭފުޅުން ވަނީ ސްކޫލްގައި ސެން ކްލާސްތައް ހިންގުމުގައި ދިމާވާ ދަތިތައް ވެސް މިހާރު ކުރިޔަށްދާ އިމާރާތުގެ މަސައްކަތް ނިމުމުން ޙައްލުވެގެންދާނެކަން އުފަލާއެކު ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.

މި ޒިޔާރަތުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ވަނީ ފޯކައިދޫ ސްކޫލްގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް މިހާރު އެ ސްކޫލްގައި އަލަށް އިމާރާތްކުރަމުންދާ 12 ކްލާސްރޫމާއި، މަލްޓި ޕަރޕަސް ހޯލްގެ މަސައްކަތް ކުރިޔަށް ގޮސްފައިވާ މިންވަރު ބައްލަވާލައްވާފައެވެ. ފޯކައިދޫ ސްކޫލަކީ 471 ދަރިވަރުން ނަށް. ނަރސަރީއިން ފެށިގެން ގްރޭޑް 12 އާ ހަމަޔަށް ކިޔަވައިދެމުންދާ ސްކޫލެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ށ. ފޯކައިދޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ މިލަދުންމަޑުލު އުތުރުބުރީގެ 4 ރަށަކަށާއި، މާޅޮސްމަޑުލު އުތުރުބުރީގެ 4 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތިންވަނަ މަންޒިލެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.