ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ށ.ފޯކައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި،ފޯކައިދޫ ކައުންސިލަރުން ވިދާޅުވީ ފޯކައިދޫއަކީ ކުރިން ވަރަށްބޮޑަށް އަޅާނުލައި ދޫކޮށްލެވިފައި އޮތް ރަށެއްނަމަވެސް މިސަރުކާރު ވެރިކަމަށް އައިފަހުން ތަރައްޤީގެ މަޝްރޫޢުތައް އެރަށުގައި ބާރު ސްޕީޑްގައި ކުރިޔަށްދާކަމަށެވެ.

އެ ގޮތުން މިހާރު ކުރިޔަށްދާ ބަނދަރު އަޕްގްރޭޑްކުރުމުގެ ޕްރޮޖެކްޓާއި ފެނާއި ނަރުދަމާ ޤާއިމުކުރުމާއި އައު އިންޖީނުގެ އެޅުމުގެ މަޝްރޫޢު ފާހަގަކުރައްވައި ކައުންސިލުން ވަނީ އެކަންކަން ބާރު ސްޕީޑްގައި ކުރިޔަށްދާތީ ކައުންސިލާއި ރައްޔިތުން ޝުކުވެރިވެރިކަމާއެކު އެކަންކަން ބަލައިގަންނަ ކަމަށް ވިދާޅުވެފައެވެ. ށ.ފޯކައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު ބޭއްވި މި ބައްދަލުވުން ކުރިޔަށްދިޔައީ ފޯކައިދޫ ސްކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި ފޯކައިދޫ ކައުންސިލުން ވަނީ ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދަން ބޭނުންވާކަމާއި ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމާއި ރަށްގިރުމުގެ މައްސަލައަށް ޙައްލެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރަށުން ގޯތިދޫކުރެވޭނެ ގޮތެއް ހަމަޖެއްސުމާއި ބެހޭގޮތުންނާއި ރަށުގެ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ފޯކައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ކޮމެޓީގެ މަސައްކަތްތައް ހިންގުމަށް ޚާއްޞަ ތަނެއް ނެތުމުގެ ދަތިކަން ފާހަގަކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފޯކައިދޫއަކީ މި ސަރުކާރު ވެރިކަމަށް އައިއިރު ގިނަ އަސާސީ ޚިދުމަތްތަކެއް ނުފެށި އޮތް ރަށެއްކަން ފާހަގަކުރައްވާފައެވެ. ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރިޔަށްގެންދަވާގޮތަށް ހަމަޖައްސަވާނެކަމަށާއި އަދި ފުޓްބޯޅަ ދަނޑާއި އަދި އެ ނޫންވެސް ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ބެހޭގޮތުން ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން އެކަންކަން ޙައްލުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ށ. ފޯކައިދޫއަށް ވަޑައިގަތީ މިލަދުންމަޑުލު އުތުރުބުރީގެ 4 ރަށަކަށާއި، މާޅޮސްމަޑުލު އުތުރުބުރީގެ 4 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތިންވަނަ މަންޒިލުގެ ގޮތުގައެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.