ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ށ. އަތޮޅަށާއި، ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިންގާ ށ. ފުނަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގެ ޙާލަތު ބައްލަވާލައްވައިފިއެވެ.

މި ޒިޔާރަތުގައި އެކަމަނާ ވަނީ، އެ ސެންޓަރުގެ އަމާން ހިޔާގައި ދިރިއުޅޭ ކުދިންނާ މުވައްޒަފުންނާ ބައްދަލުކޮށްލައްވާ ބޭނުންވާ ކަންތައްތަކާއި ދިމާވާ ގޮންޖެހުންތަކާ ގުޅޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. މިގޮތުން، މުވައްޒަފުން ވަނީ ތަނަށް ބޭނުންވާ ފަންނީ މުވައްޒަފުން ލިބުމުގައި ހުރި ދަތިކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން
ވަނީ ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް މުޖުތަމަޢުގެ އެންމެން ގުޅިގެން އަޅާލައި އޯގާތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވާ އެ ސެންޓަރުގެ މުވައްޒަފުން އެ ކުދިން ބެލުމުގައި ކުރައްވަމުންދާ ބުރަ މަސައްކަތް ފާހަގަކުރައްވާ ޝުކުރުއަދާކުރައްވާފައެވެ.

މި ސެންޓަރުގައި މިވަގުތު 14 ކުދިން
އަންނަނީ ދިރިއުޅެމުންނެވެ. މި ސެންޓަރަކީ މުޖުތަމަޢުގައި ނާޒުކު ޙާލަތުގައި ތިބި ކުދިންނަށް އަޅާލައި، އެހީތެރިވުމުގެ ގޮތުން ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގާ ސެންޓަރެކެވެ.