މީޑިއާގައި މި ފަހަކަށް އައިސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރާ ގުޅުވައި އޯޑިއޯތަކާއި ސްކްރީން ޝޮޓްތައް ދައުރުވަމުންދާކަން ފާހަގަވެފައިވާކަމަށާއި، އެ އޯޑިއޯތަކާ ސްކްރީން ސޮޓްތަކުގައި ހުރި ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށާ، މި ވާހަކަތައް ފެތުރުމުގެ އަސްލަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުޤައްޔޫމްގެ ޝަރީޢަތްތަކަށް އަމާޒުކޮށްގެން އިދިކޮޅު ފަރާތްތަކުން ސިޔާސީގޮތުން ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ޢަލީ ޒާހިރު ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވި އިރު އޭރުގެ ސަރުކާރުން ނުފޫޒު ފޯރުވުމުގެ ސަބަބުން ފަނޑިޔާރުގެ ކިލަނބުވެފައި އޮތް މިންވަރުގެ ހަނދާންތައް ނެތިދާހާ ދުވަސް އަދި ނުވާކަމަށާއި، އެކަންތައްތައް ތަހައްމަލުކުރި ބައެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އެންމެ މުހިންމުކަމެއް ދިން އެއް ވަޢުދަކީ ފަނޑިޔާރުގެ މިނިވަންކޮށް އިސްލާޙުކުރުންކަމުގައި ވާތީ ޝަރުޢީ ދާއިރާއަށާއި ކޯޓުތަކާއި ފަނޑިޔާރުގެޔަށް މި ސަރުކާރުން އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވާ ކަމަށެވެ.

މިގޮތުން ޢަލީ ޒާހިރު ވިދާޅުވިގޮތުގައި ކޯޓުތަކަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މި ސަރުކާރުން ކުރަމުންދާކަމަށާއި، މިކަމުގެ ސަބަބުން ކޯޓުތަކާއި މެދުގައި ޢާންމު ރައްޔިތުންގެ އިތުބާރު ދަނީ ބޮޑުވަމުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޝަރީޢަތްތަކެއް މި ސެޕްޓެމްބަރު މަހުގައި ތާވަލުކުރެވިފައިވާއިރު ޢާންމުންގެ ތެރޭގައި މިފަދަ ދޮގު ވާހަކަތަކެއް ފެތުރުމުގެ މަޤްޞަދަކީ ވަރަށް ރޭވުންތެރިކަމާއެކު އެ ޝަރީޢަތަށާއި ކޯޓަށް ނުފޫޒު ފޯރުވުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް މިކަން މިގޮތަށް ނުވާނެކަމުގައި ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ބައެއް މީޑިއާތަކުން ހަޤީޤަތެއްނެތް އަސްލެއް ނެތް ވާހަކަ ފަތުރާއިރު އެފަދަކަންކަން ބަލަހައްޓަން ހަވާލުވެފައިވާ ފަރާތްތަކުން އެކަމަށް ސަމާލުކަންދޭން ވާނެކަމަށެވެ. އަދި އެމަނިކުފާނު ވަނީ މި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ނޫސްވެރިން ކުރިމަތިކުރުވި ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.