بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބައަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ފައުންޑަރ އަދި އެގްޒެކްޓިވް ޗެއަރޕަރސަން މެޑަމް އިލްހާމް ޙުސައިން، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، އޯޓިޒަމް އެސޯސިއޭޝަންގެ ޗީފް އެގްޒެކްޓިވް އޮފިސަރ ޑޮކްޓަރ އިސްމާޢިލް ޝަފީޢު، މި ޙަފްލާއަށް ވަޑައިގެން ތިއްބެވި ސަރުކާރުގެ އިސްވެރިން، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ މުދައްރިސުންނާއި އަދި ހީވާގި މުވައްޒަފުން، ބެލެނިވެރިން އަދި އަޅުގަނޑުމެންގެ ލޮބުވެތި ދަރިވަރުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް މިފަދަ މުހިންމު ޙަފްލާއަކަށް އަޅުގަނޑަށް ޖާގަ ދެއްވީތީވެ، އެކަމާ އަޅުގަނޑު އުފާކޮށް، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ހުރިހާ ވެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑު ދަންނަވާނީ، މިއީ ވަރަށް ބޮޑު ހަދިޔާއެކޭ. މިފަދަ މުއްސަނދި މުހިންމު މަޢުލޫމާތުތަކެއް ހިމެނޭ ފޮތެއް، ޚާއްޞަކޮށް މި ދާއިރާއަށް ތައްޔާރުކޮށް، ބެލެނިވެރިންނާއި އަދި މުޅި މުޖުތަމަޢުގެ ބޭނުމަށްޓަކައި ނެރެދެއްވިކަމީ އެއީ، ވަރަށް މުހިންމު ކަމެއް. މި ފުރުޞަތުގައި އަޅުގަނޑު މި މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އެނގިވަޑައިގަންނަވާނެ، ފޮތެއް ތައްޔާރުކުރުމަކީ ވަރަށް މުހިންމު ކަމެއް. އެއީ ތާއަބަދަށް ދެމިގެންދާނެ ކަމެއް. ވަރަށް ގިނަ ބަޔަކަށް އޭގެ ފަސޭހަކަން ލިބިގެންދާނެ ކަމެއް. އަޅުގަނޑުމެންގެ ތެރޭގައި ޚާއްޞަކޮށް، މި ދާއިރާއިން އެހާ ގިނަ ވަސީލަތްތަކެއް ނެތް. އަދި އެހާ ގިނަ ބަޔަކު މި ދާއިރާއަށް ތަމްރީނުވެފައެއްވެސް ނެތް. ބެލެނިވެރިންނަށް ތަފާތު އެކި ގޮތްގޮތުން ގިނަ ގޮންޖެހުންތަކެއް އެބަހުރި. އަދި ރާއްޖޭގެ އެކި ރަށްތަކުގައި، މި ދާއިރާގައި ހުރި ގޮންޖެހުންތައް އަޅުގަނޑުމެންނަށް ވަރަށް ބޮޑު. އަޅުގަނޑު އުންމީދު ކުރަނީ، މިއަދު މި ތައްޔާރުކުރެވުނު، ހަދިޔާއެއްގެ ގޮތުގައި މި ދެވުނު ފޮތުގެ ސަބަބުން ވަރަށް ބޮޑު ފަސޭހަތަކެއް، ޚާއްޞަކޮށް ބެލެނިވެރިންނަށް ލިބިގެންދާނެ ކަމަށް.

އާދެ، އެނގިވަޑައިގަންނަވާނެ، ދަރިވަރުން ގިނަ ވަގުތުތަކެއް ހޭދަކުރަނީ ގޭގައި. އަޅުގަނޑު މި ދެންނެވި ގޮތަށް މިކަމުގައި ތަމްރީނު ލިބިފައި ތިބި އެހާ ގިނަ ބަޔަކު ނެތުމުގެ ސަބަބުން ވަރަށް ގިނަ ދަތި އުނދަގޫތައް އެބަހުރި. އަޅުގަނޑު މީގައި ދަންނަވާލަން އޮތީ، މި ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަކުންވެސް، ވީހާވެސް ބޮޑަކަށް މިކަމުގެ ހޭލުންތެރިކަން އިތުރުކޮށް، އެހެން މީހުންނަށް މިކަންތައްތައް ދަސްކޮށްދީ، ކިޔައިދޭން އެބަޖެހެޔޭ. ހަމައެކަނި މުދައްރިސުން ސްކޫލްތަކުގައި، މިފަދަ ސެންޓަރުތަކުގައި ކުރާ މަސައްކަތަކުން އެންމެ އެދެވޭ ނަތީޖާ ހާސިލުކުރުމަކީ އެއީ އެހާ ފަސޭހަކަމެއް ނޫން. އެހެންވީމާ، އަޅުގަނޑުގެ އުންމީދަކީ ކުރިއަށް އޮތްތާނގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެ ހުރިހާ ފަރާތްތަކުން މި ކުރާ މަސައްކަތުން، މީގައި ކާމިޔާބާ ހަމައަށް އަޅުގަނޑުމެންނަށް ވާސިލުވެގެން ދިޔުން.

އާދެ، އަޅުގަނޑުމެންނަށް މީގެ އެންމެ ބޮޑު ގޮންޖެހުމެއް އޮތީ، ވަސީލަތްތަކާއެކު ހިޔުމަން ރިސޯސަސް، މީހުން ބިނާވެފައި ނެތުން. މިކަމަށްޓަކައި، ޚާއްޞަ މަސައްކަތްތަކެއް އިތުރަށްވެސް އަޅުގަނޑުމެން ކުރަން އެބަޖެހޭ. މި ފުރުޞަތުގައި އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، މިހާރުވެސް އަޅުގަނޑުމެން ވަނީ ޚާއްޞަ ޕްރޮގްރާމެއް، އެއީ ސްޕީޗް ތެރަޕީ އަދި އޮކިއުޕޭޝަނަލް ތެރަޕީގެ ދާއިރާއިން ހިލޭ ސްކޮލަރޝިޕްތަކެއް ހުޅުވައިލައިފައި. އެއީ، ރާއްޖޭގެ އެކި ރަށްރަށަށް ޓާގެޓްކޮށްގެން. އެހެންވީމާ، އަޅުގަނޑުގެ މިއަދުގެ އެދުމަކީ، މީގެ ފުރިހަމަ ބޭނުންހިފުން. އޭރުން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މުސްތަޤްބަލްގައި ދިވެހިން މިކަމަށް ތައްޔާރުކުރެވިގެންދާނެ.

އާދެ، ސަރުކާރުންވެސް ގިނަ މަސައްކަތްތަކެއް މިހާރުވެސް ދަނީ ކުރެވެމުން. އަޅުގަނޑުމެން އެއްވެސް ކުއްޖަކު ބާކީކޮށްގެނެއް ނުވާނެ. ސަރުކާރުގެ ސިޔާސަތަކީ، އިންކްލޫސިވްކޮށް ގެންދިޔުން. ސްކޫލްތަކުގައި މި ކުދިންނަށް ތަމްރީނު، ތަޢުލީމު ދެވޭނޭފަދަ ގޮތަކަށް ކަންތައްތައް ކުރިއަށް ގެންދިޔުން. ކުރިއަށްވުރެ އިތުރަށް މިހާރުވެސް، އެ މަސައްކަތް ދަނީ ހަރުދަނާ ކުރެވިގެން. އަޅުގަނޑުގެ އުންމީދަކީ، ކުރިއަށް އޮތްތާނގައި އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް މިއަށްވުރެވެސް ފުރިހަމައަށް މި ދާއިރާއިން އިތުރު ތަމްރީނާއި، އިތުރު ތަޢުލީމު ލިބިގެން ދިޔުން.

އާދެ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، މި ދާއިރާއަކީ މިއީ، ރައީސުލްޖުމްހޫރިއްޔާ އެންމެ އިސް އަހަންމިއްޔަތު ކަމެއް ދެއްވާ އެއް ދާއިރާ. މިހާރުވެސް ހުޅުމާލޭ ހޮސްޕިޓަލްގައި ތައްޔާރުކުރެވެމުން އެބަދޭ، ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް. އެ ސެންޓަރުގެވެސް އަމާޒަކީ، މި ދާއިރާއިން ބޭނުން ޖެހިފައި ތިބި ކުދިންނަށް އިތުރު ތަމްރީނާއި، އިތުރު ފަރުވާ އަދި މަސައްކަތްތައްވެސް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިޔުން.

އާދެ، އަޅުގަނޑު މި ފުރުޞަތުގައި، މި ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް އަދި ވަކިން ޚާއްޞަކޮށް، އޯޓިޒަމް އެސޯސިއޭޝަންގެ ހީވާގި ހުރިހާ ވެރިންނަށާއި އަދި ޗެއަރޕަރސަންއަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. އަޅުގަނޑުވެސް ވަރަށް ގިނަ ދުވަހު އަންނަން ޖެހުނު. އަޅުގަނޑުގެ 17 އަހަރުގެ ދަރިފުޅު، ގިނަ ދުވަސްތަކެއް ވަންދެން މި ސެންޓަރުން ތަޢުލީމާއި އަދި އެހީތެރިކަން ހޯދި. އަދި މިހާރުވެސް ލިބެމުންދޭ.

އަޅުގަނޑުގެ އުންމީދަކީ، ކުރިއަށް އޮތްތާނގައި އަޅުގަނޑުމެންގެ ބެލެނިވެރިންނަށް، މިފަދަ ގިނަ ފުރުޞަތުތަކެއް ލިބިގެން ދިޔުން. އަދި އެ ފަރާތްތަކަށް މިއަދު އަޅުގަނޑު ދޭން ބޭނުންވާ ޔަޤީންކަމަކީވެސް، އިރާދަކުރެއްވިއްޔާ، އެއްވެސް ކުއްޖަކު ބާކީނުކޮށް، މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި މިކަން ފުރިހަމަކުރުމަށްޓަކައި ކުރަންހުރި ހުރިހާ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރާނެ ވާހަކަ.

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން އެންމެން ކުރާ މަސައްކަތުގައި اللَّـهُ سُبْحَانَهُ وَتَعَالَىٰ ބަރަކާތް ލައްވައި، މިފަދަ ކުދިންނަށް ތަޢުލީމާއި ތަމްރީނު ލިބިގެން ދިޔުން.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.