ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަންދޫގެ މަސްވެރިންނާ ބައްދަލުކުރައްވައި މަސްވެރިންނަށް ދިމާވާ ދަތިތައް ޙައްލުކޮށްދެއްވާނެކަމަށާއި މަސްވެރިކަން ކުރިއެރުވުމަކީ ސަރުކާރުން އިސްކަންދީގެން ކުރަން ބޭނުންވާ ކަމެއްކަމުގައި ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރު ވަންދޫ މަސްވެރިންނާއިއެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދިޔަ ދޮޅު އަހަރެއްހާ ދުވަހު ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ދިމާވި ދަތިތައް އިތުރަށް ބޮޑުނުވެ ހިފަހައްޓާލެވުނީ މަސްވެރިން ކުރި މިންނެތް މަސައްކަތުންކަން ފާހަގަކުރައްވާ ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވަންދޫ މަސްވެރިންނަށް ދިމާވާ ދަތިތަކާއި ބޭނުންވާ ކަންކަން އޮޅުންފިލުއްވާފައެވެ.

މިގޮތުން މަސްވެރިން އެންމެ ބޮޑަށް ފާހަގަ ކޮށްފައި ވަނީ މަހަށް ހަމަ އަގު ނުލިބޭ މައްސަލައާއި މަސްކިރުމުގައި ދިމާވާ ދަތިތަކުގެ ވާހަކައެވެ. މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަހަށް ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ މަސްވެރިކަން ކުރިއެރުވުމަށް ސަރުކާރުން ވިސްނާފައިވާގޮތް ހާމަކުރައްވާފައެވެ. މިގޮތުން، ރާއްޖޭގެ އެކި ހިސާބުގައި ހުރި ކަނދުފަތިތައް އިތުރުކުރުމުގެ މަސައްކަތާއި، މިފްކޯ ތަރައްޤީކޮށްގެން ފަސޭހައިން އަވަހަށް ހަމަ އަގުގައި މަސްކިރުވޭނެ ގޮތްތަކެއް ފަހިކުރައްވަން ސަރުކާރުން މަސައްކަތްކުރާކަމުގައި ވިދާޅުވިއެވެ. އަދި ތ. ފޮނައްޑޫއިން މަސްވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއެކު ފޮނައްޑޫ އަލުން އޮޕަރޭޝަނަލްކުރުމަށް މަސައްކަތްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމަށް ފަހު އެމަނިކުފާނު ވަނީ ރަށު ކައުންސިލް އިދާރާއަށާއި ވަންދޫ ސްކޫލަށް ޒިޔާރަތްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ވަންދޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ތ. އަތޮޅުގެ 7 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފަސްވަނަ މަންޒިލެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.