ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވޭމަންޑޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު މިރޭ އެ ރަށު ކައުންސިލް އިދާރާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، މި ސަރުކާރުން އަންހެނުން ކުރިއަރުވައި އަންހެނުންނަށް ޤާނޫނީ ބާރުވެރިކަން ހޯއްދަވައިދެއްވުމަށް ކުރެއްވި މަސައްކަތް ބަލައިގަންނަކަމުގައި ވޭމަންޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވިދާޅުވެއްޖެއެެވެ.

ވޭމަންޑޫ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން، އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށާއި، ގިރާ ސަރަޙައްދު ޙިމާޔަތްކުރުމާއި، ކުނި މެނޭޖްކުރުމާއި، ހޮސްޕިޓލްގެ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި، ބިން ހިއްކުމާއި، ބައެއް އިދާރާތަކުގެ ޖާގައިގެ ދަތިކަމާއި، އައިސް ޕްލާންޓް ޤާއިމުކުރުމާއި، މަގު ބައްތި ޖެހުންފަދަ ކަންކަން ހިމެނެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އެ ކޮމިޓީގެ މަސައްކަތްތައް ކުރިޔަށް ގެންދާ ގޮތްތަކާއި ރަށުގެ ތަރައްޤީއަށާއި އަންހެނުން ބާރުވެރި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މިގޮތުން އެބޭފުޅުން ވަނީ ވޭމަންޑޫގައި ހިންގާ ޕްރީސްކޫލްގެ ވަޞީލަތްތައް މަދުކަމާއި، އިޖްތިމާޢީ ކަންކަން ކުރިއެރުވުމަށް ބޭނުންވާ ޕާކާއި، އައުޓްޑޯ ޖިމް ފަދަ ވަޞީލަތްތައް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުންވެސް ވޭމަންޑޫ ޒުވާނުންގެ ގުޅުމުގެ ފަރާތުން އެރަށު ޒުވާނުންގެ ކަންބޮޑުވުންތައް ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެބޭފުޅުން ފާހަގަ ކުރެއްވި ގޮތުގައި އެރަށުގައި ކުޅިވަރު ވަޞީލަތްތައް ފުރިހަމަޔަކަށް ނެތެވެ. އަދި، ސްކޫލް ނިންމާ ކުދިންނަށް ވޮކޭޝަނަލް ޓްރެއިނިނގް ދޭނެ ތަނެއް ޤާއިމުކޮށްދިނުމަށް ވެސް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. މިގޮތުން އަންނަ އަހަރަށް ބަޖެޓްކޮށްގެން ކައުންސިލުން އެދިލެއްވި ބައެއް މަޝްރޫޢުތައް ކުރިޔަށްގެންދަވާނެކަމަށާއި، ކައުންސިލްތަކަށް ޤާނޫނުން ލިބިފައިވާ ބާރުތަކުގެ ބޭނުން ހިފައިގެން ކުރިޔަށްދިޔުމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، އެބޭފުޅުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއި އެކު މަޝްވަރާކޮށްގެން އެ މައްސަލަތަކަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ވޭމަންޑޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ތ. އަތޮޅުގެ 7 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ހަތަރުވަނަ މަންޒިލެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.