ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތ. ވޭމަންޑޫގައި ހުންނަ ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާގައި މިއަދު ހަވީރު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލުތަކާއެކުވެސް ރާއްޖޭގެ ތަރައްޤީގެ ކަންކަން ވަރަށް ގާތުން ބައްލަވަމުން ގެންދަވާތީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ކޮޅުމަޑުލު އަތޮޅު ކައުންސިލުގެ ފަރާތުން ޝުކުރުއަދާކުރައްވައިފިއެވެެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ތ. އަތޮޅުގެ 7 ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ކައުންސިލްތަކުން ރަށްތައް ތަރައްޤީކުރުމުގައި ސަރުކާރުގެ ފަރާތުން ބޭނުންވާ ކަންކަމަކީ ކޮބައިތޯ ބަލައި އެކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްކަމުގައި ވިދާޅުވެފައެވެ.

ތ. އަތޮޅު ކައުންސިލުން ވަނީ އަތޮޅުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި އަތޮޅުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، އަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން، އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ތ. އަތޮޅުގައި އިޤްތިޞާދީ ޙަރާކާތްތައް ފަތުރުވެރިކަމުގެ ދާއިރާއިންނާ ސިނާޢީ އެކި އެކި މަސައްކަތްތައް މެދުވެރިކޮށް އިތުރުކުރެވޭނެ މަގު ފަހިކޮށްދެއްވުމަށް ވަނީ ދަންނަވާފައެވެ. އަދި، އަތޮޅުގައި ހިމެނޭ ފަޅު ރަށްތަކުގެ ބެލެނިވެރި ފަރާތެއް ކަނޑައަޅުއްވައިދެއްވުމަށާއި، އަތޮޅުގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން ބޭންކިންގ ނިޒާމެއް ޤާއިމުކުރުމަށް ތ. އަތޮޅުން ޝައުޤުވެރިވާކަން އަތޮޅު ކައުންސިލްގެ ރައީސް ވަނީ ހާމަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަތޮޅުގެ ތަރައްޤީއަށް ކުރިޔަށްގެންދަވާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި، އަތޮޅު ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއި އެކު މަޝްވަރާކުރައްވައިގެން މައްސަލަތަކަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މިގޮތުން، އެމަނިކުފާނު ވަނީ ތ. އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށާއި، މަސްވެރިކަން ތަރައްޤީ ކުރުމަށް ސަރުކާރުން ވިސްނުން ގެންގުޅުއްވާކަމުގައި ވިދާޅުވެފައެވެ. އަދި، ފަޅު ރަށްތަކުގެ މައްސަލައިގައި އެމަނިކުފާނު ވިދާޅުވީ މިހާރު ސަރުކާރުން ކުރަން ވިސްނާފައިވާ މަސައްކަތަކީ ފަޅުރަށްތަކުގެ ފުރިހަމަ ދަފްތަރެއް އެކުލަވާލުންކަމުގައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްހުމްހޫރިއްޔާ ވަނީ ތ. އަތޮޅު ހޮސްޕިޓަލަށާއި، ވޭމަންޑޫ ޕޮލިސް ސްޓޭޝަނަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ވޭމަންޑޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ތ. އަތޮޅުގެ 7 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ހަތަރުވަނަ މަންޒިލެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.