ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތިމަރަފުށީ މަސްވެރިންނާ ވިޔަފާރިވެރިންނާ މިރޭ ތިމަރަފުށީ ކައުންސިލް އިދާރާގެ ގޯތިތެރޭގައި ބައްދަލުކުރައްވައި އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވާ އެކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތ. އަތޮޅުގެ ތަރައްޤީއަށް ވަރަށް ގިނަ ކަންކަން ރާވައިފައިވާ ކަމަށާއި، ނަމަވެސް ކޮވިޑް ގެ ސަބަބުން ކަންކަން ކުރުމުގައި ގޮންޖެހުންތައް ހުރިކަން ފާހަގަ ކުރައްވައިފައެވެ. ޙާއްޞަކޮށް އެމަނިކުފާނު ވަނީ ކޮވިޑްގެ ސަބަބުން އިޤްތިޞާދަށް ލިބުނު ގެއްލުންތައް ކުޑަކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކޮޅަށް ޖެހުމަަށް ސަރުކާރުން ގޮތްތަކެއް ފަހިކޮށްދެެއްވާފައިވާކަން ފާހަގަކުރައްވާފައެވެ. މިގޮތުން، ވިޔަފާރިތަކަށް އެސްޑީއެފްސީގެ ހުރި ލޯނުގެ ފުރުޞަތުތަކާ ގުޅެގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމަށް އެސްޑީއެފްސީގެ ޓީމެއް ތިމަރަފުށްޓަށް ފޮނުވާދެއްވާނެކަމުގައި އެމަނުކުފާނު ވިދާޅުވިއެވެ. އަދި، މަސްވެރިކަމާ ގުޅޭގޮތުން ސަރުކާރުން ރާވާފައިވާ ކަންކަމާއި، ގުޅޭގޮތުން ވެސް އެމަނިކުފާނު ވަނީ ބައްދަލުވުމުގެ ބައިވެރިންނަށް ތަފްޞީލުތައް ދެއްވާފައެވެ. މިގޮތުން ތ. ފުނައްޑޫ އާ ގުޅޭގޮތުން ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅާއި މަސް ކިރުމުގައި އަގަށް ގެނައި ބަދަލު މުރާޖަޢާކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑް ފެތުރުން ކުޑަކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމުގައި ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ތިމަރަފުށީގެ އިޤްތިޞާދީ ޙަރަކާތްތައް އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވައި ތިމަރަފުށީގެ ވިޔަފާރިވެރިންނާ މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ތިމަރަފުށްޓަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ތ. އަތޮޅުގެ 7 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.