بســم اللّـه الرّحمـن الرّحيــم

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ، މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް، ރައީސުލުޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރު، ކޮމިޝަނަރ އޮފް ޕްރިޒަންސް އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ އިސް އޮފިސަރުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް، މިފަދަ މުހިންމު ކަމެއްގެ ފެށުމުގައި އަޅުގަނޑަށް ބައިވެރިވެވޭތީ. އަޅުގަނޑުމެންނަށް މި ސަރުކާރު ފެށުމާއެކު، ވަރަށް ބޮޑަށް ފާހަގަކުރެވުނު ކަމެއް، ޚާއްޞަކޮށް، ޖަލުގެ ގައިދީންގެ ޞިއްޚީ ޚިދުމަތުގެ ކަންތައްތައް. އެނގިވަޑައިގަންނަވާނެ، ޖަލުތަކުގެ ކަންތައްތައް ރަނގަޅުކުރުމަކީ، ޖަލުގެ ޙާލަތު ރަނގަޅުކުރުމަކީ އެއީ، ރައީސުލުޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް. އަޅުގަނޑު އުންމީދު ކުރަނީ، މިއަދު މި ފެށިގެންމިދާ ޚިދުމަތުގެ ސަބަބުން، ޖަލުގެ ގައިދީންނަށް، ޚާއްޞަކޮށް ކައިރިން ފަރުވާލިބި، ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް.

އާދެ، ދެންމެ ހެލްތު މިނިސްޓަރުވެސް އެ ވިދާޅުވިގޮތަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މުޅި ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް، އިތުރަށް ފުރިހަމަކުރުމަށްޓަކައި، ޚާއްޞަކޮށް ހެލްތު މިނިސްޓްރީ ތެރެއިން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް އަޅުގަނޑުމެން އެކަމުގައި ކުރާނަން.

އަދި ހަމައެއާއެކު އަޅުގަނޑު ފާހަގަކުރަން، ގައިދީން އެއްތަނުން އަނެއްތަނަށް ގެންދިޔުމުގެ، އެ މަސައްކަތަކީ އެއީ، ދަތި އުނދަގޫ މަސައްކަތެއް. އެކަމަށްވެސް ކޮންމެވެސްވަރެއްގެ ޙައްލެއް އިތުރަށް ލިބުމުގެ ގޮތުން މިހާރު މިވަނީ ޓެލެ-ކޮންސަލްޓޭޝަންގެ ޚިދުމަތްވެސް ތަޢާރުފުކުރެވިފައި. އަޅުގަނޑުވެސް ފާހަގަކޮށްލަން، މި ކަންތައްތައް ކުރިއަށް ގެންދިޔުމަށްޓަކައި، އަޅުގަނޑުމެންނަށް ރައީސް އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރުގެ ފަރާތްޕުޅުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދިޔަކަން.

އާދެ، އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، ޙަޤީޤަތުގައި މިއީ ޤައުމީ ޒިންމާއެއް. ތިޔަބޭފުޅުން ތިޔަކުރައްވާ ޚިދުމަތަކީ، މަސައްކަތަކީ އެއީ، ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެން މިއަދު ބަލަންވާނީ، އާދެ، ގައިދީންގެ ގޮތުގައި ޖަލުގައި ތިބި ކޮންމެ މީހަކީ، އަވަހަށް، ވީހާވެސް އަވަހަކަށް، މުޖުތަމަޢަށް އަނބުރާ ގެންދެވޭނެ މީހަކަށް ހެދުމަށް. ޙަޤީޤަތުގައި މިއަދު އަޅުގަނޑު ދައްކަން ބޭނުންވި ހުރިހާ ވާހަކަތަކެއްހެން، މިނިސްޓަރ ނަސީމް ވަރަށް ދިގުކޮށް ދައްކަވައިފި. ވަރަށް އޯގާތެރިކަމާއެކު، ވަރަށް ރަޙުމާއެކު، ވަރަށް އިޙްސާންތެރިކަމާއެކު ކަންތައްތައް ކޮށްގެން. އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ، ކޮންމެ ގޮތަކަށްވިޔަސް، މީހަކު ޖަލަށް އައުމަކީ، ޖަލަށްލެވޭ މީހާއަށް ޖަލަށް ހަމައެކަނި ލެވޭކަމީ އެއީ، ވަރަށް ބޮޑު އަދަބެއްކަން.

ދެން އިތުރަށް އަޅުގަނޑު ދަންނަވާލަން އޮތީ، އެކަން ބަލަހައްޓަން ތިބޭ ފަރާތުން ހުރިހާ ފަރާތްތަކުންވެސް، މި ދެންނެވި ގޮތަށް، އޯގާތެރިކަމާއި އަޅާލުމާއި، އިޙްސާންތެރިކަން އަޅުގަނޑުމެން އިސްކުރަންޖެހޭނެ. އަޅުގަނޑުމެންގެ މަޤްޞަދަކަށް ވާންޖެހޭނީ، މި ދެންނެވިގޮތަށް މީހުންނަށް ނަޞޭޙަތްތެރިވެ، މީހާ އަލުން އަނބުރާ މުޖުތަމަޢަށް ގެންދިޔުމަށްޓަކައި، އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުން.

އާދެ، އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ، ޖަލުގެ ގައިދީންގެ އާބާދީއަށް ބަލައިފިކަމަށްވަންޏާ، ވަރަށް ބޮޑު ޢަދަދަކީ ސީދާ މަސްތުވާތަކެއްޗާ ގުޅިފައި ތިބި މީހުން. އިރާދަކުރެއްވިއްޔާ އެކަމަށްވެސް، އަޅުގަނޑުމެން ޙައްލުހޯދުމަށްޓަކައި، ޚާއްޞަކޮށް ޖަލުގެ ރީހެބިލިޓޭޝަން ޕްރޮގްރާމް އިތުރަށް ވަރުގަދަކުރުމަށްޓަކައި، މަސައްކަތްތަކެއް ފެށިގެންދާނެ. މިނިސްޓަރ ނަސީމް ވިދާޅުވިގޮތަށް، މިހާރު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، އާދެ، ހޯމް އެފެއާޒާ އެކީގައި މަޝްވަރާތަކެއް ކުރެވި، އިރާދަކުރެއްވިއްޔާ، މިހާރު ކުރިއަށް ގެންދާ ޕްރޮގްރާމް އިތުރަށް އަޅުގަނޑުމެންނަށް ވަރުގަދަ ކުރެވިގެންދާނެ.

އަޅުގަނޑުމެންގެ އުންމީދަކީ، މިފަދަ ޕްރޮގްރާމެއްގެ ތެރެއިންވެސް ރަނގަޅު ނަތީޖާތަކެއް ނެރުން. އާދެ، ހަމައެއާއެކު، އަޅުގަނޑުމެން ގަދައަޅައި މަސައްކަތްކުރަންޖެހޭ، އަޅުގަނޑުމެން ޢަޒުމް ވަރުގަދަކުރަންޖެހޭ، މިއިން ކޮންމެ މީހަކީވެސް މުޖުތަމަޢަށް އެނބުރި ނުކުންނައިރު، މަސައްކަތެއްގެ ތެރެއަށް ރަނގަޅަށް ވަދެވޭ މީހަކަށް ހަދަން. ވަޒީފާއަކަށް ނުވަތަ އަމިއްލަ މަސައްކަތްތަކެއް ކޮށްގެން ދިރިއުޅެވޭ މީހަކަށް ހަދަން. އެ މީހެއްގެ ޢާއިލާއާ އެކީގައި އުފާވެރިކަމާއެކު އުޅެވޭނެ މަގު ތަނަވަސްކޮށްދިނުމުގެ ޒިންމާއަކީ، އެއީ، މިއަދު އަޅުގަނޑުމެން ޚާއްޞަކޮށް އެ މީހުންގެ ކަންތައްތައް ބަލަހައްޓަން ތިބި މީހުންގެ މަސްއޫލިއްޔަތެއް.

އާދެ، އަޅުގަނޑު އުންމީދުކުރަނީ މި ރީހެބިލިޓޭޝަން ސެންޓަރ، މި ކްލާހަށް މިހާރު ކުރިއަށް މިދާ ކަންތައްތައް ހަމަޖެހުމުން، އިރާދަކުރެއްވިއްޔާ އެކަންތައްވެސް، ފުރިހަމަވެ، ފުޅާވެ، އަޅުގަނޑުމެންނަށް މިއަށްވުރެ ފުރިހަމަގޮތަކަށް، އެކިއެކި ތަމްރީނުތައްދީ، މަސައްކަތްތައް ދަސްކޮށްދިނުމުގެ ކަންތައް ކުރިއަށް ގެންދެވޭނެ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑުވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން، މި ކޯވިޑުގެ ދަތި ޙާލަތުގައި ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރެވިއްޖެ، ކޯވިޑް ކޮންޓްރޯލް ކުރުމަށްޓަކައި. ޚާއްޞަކޮށް، ޖަލުގައި އެ ކުރެވުނު މަސައްކަތްތައް އަޅުގަނޑު ފާހަގަކޮށް، ވަރަށް ދަތި އުނދަގޫ ގޮތަކަށް ތިޔަބޭފުޅުން މަސައްކަތް ކުރެއްވިކަން އަޅުގަނޑަށް އެނގޭ. އެކަމަށްޓަކައި ޖަލުގެ ހުރިހާ އޮފިސަރުންނަށް ވަރަށް ބޮޑަށް، ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން.

ޖަލުގެ ޙާލަތު ރަނގަޅުކޮށް، ކަންތައްތައް ފުރިހަމަކުރުމަށްޓަކައި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އަދި ކޮމިޝަނަރ އޮފް ޕްރިޒަންސް ކުރައްވާ މަސައްކަތްތައް ފާހަގަކޮށް، އެ ދެބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންނަށް ފެށޭ ކޮންމެ ޚިދުމަތެއްވެސް، ވީހާވެސް ރަނގަޅަކަށް ކުރިއަށް ގެންގޮސް، އޭގެ ފުރިހަމަ ފައިދާ، އެ ފައިދާ ލިބިގަންނަން. އާދެ، އެ ޚިދުމަތް ލިބެންޖެހޭ ފަރާތްތަކަށް ލިބިގެންދިޔުން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންކުރާ މަސައްކަތުގައި، اللَّـهُ سُبْحَانَهُ وَتَعَالَىٰ ބަރަކާތްލައްވައި، މި ޤައުމަކީ އަމާން ޤައުމެއްގެ ގޮތުގައި ލެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.