ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލު ކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޖަޕާނާ ދޭތެރޭ ޤާއިމުވެފައިވާ ޒަމާންވީ ރަޙްމަތްތެރި ގުޅުމުގެ މައްޗަށް ދެ ބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، ޖަޕާނު ސަފީރު ވަނީ ވެކްސިން ހަދިޔާކުރުމުން ފެށިގެން ބޮޑެތި އެކި މަޝްރޫޢުތައް ހިމެނޭހެން އެކި ދާއިރާތަކުން ޖަޕާނު ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީތެރިކަމަށް ބައްލަވައިލައްވާފައެވެ. މީގެ އިތުރުން ޖަޕާނުގެ ސަފީރު ވަނީ ކުރިޔަށް އޮތް އަހަރުތެރޭގައި ޖަޕާނު ސަރުކާރުގެ އެހީގައި ރާއްޖޭގައި ހިންގުމަށް ރާވާފައިވާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުވެސް ހިއްސާކުރައްވާފައެވެ. މިގޮތުން، ދެބޭފުޅުން ވަނީ ސީ އެމްބިއުލާނސް ހޯދުމާއި، ކުނި ނައްތާލުމުގެ ދާއިރާއިން އަދި މީހުން ބިނާކުރުމުގެ ދާއިރާއިން މަޝްވަރާކުރައްވާފައެވެ. ޖަޕާނަކީ، އަބަދުވެސް ރާއްޖޭގެ ތަރައްޤީގެ މުހިންމު ރޯލެއް އަދާކުރާ ބައިވެރިއެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޖަޕާނު ސަރުކާރުން އެކި ދާއިރާތަކުން ރާއްޖެއަށް ވެދެއްވަމުންދާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކޮށް، ޖާޕާނުގެ ޒަމާންވީ އެހީތެރިކަން މާލޭގެ ބޭރުތޮށްޓަށް ނުވަތަ ރާއްޖޭގެ އެކި އެކި ސްކޫލްތަކާއި ޞިއްޙީ މަރުކަޒުތަކަށް ބަލައިލިކަމުގައިވިޔަސް މިހާރުވެސް ފެންނަމުންދާ ކަމުގައި ވިދާޅުވެފައެވެ. އަދި، އެމަނިކުފާނު ވަނީ މީހުން ބިނާކުރުމާއި، ޚާއްޞަކޮށް ޒުވާނުންގެ ޤާބިލުކަން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ މުހިންމު އެއް ރިޔާސީ ވަޢުދުފުޅުކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިގޮތުގައި ޖަޕާނު ސަރުކާރުގެ އެހީތެރިކަމުގައި ހިންގާ މަޝްރޫޢުތަކުގެ އެދެވޭ ނަތީޖާ މުޖުތަމަޢަށް ނުހަނު ބޮޑަށް ކުރެއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވަނީ ދެޤައުމުގެ ކޮވިޑް-19 ގެ އެންމެ ފަހުގެ ޙާލަތާއި ބެހޭގޮތުން މަޝްވަރާކުރައްވައި، ވީހާ ވެސް އަވަހަކަށް މި ބަލިމަޑުކަމުން އަރައިގަނެވޭނެ ކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ. އަދި، ދެބޭފުޅުން ވަނީ ދެޤައުމުގެ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރަށް ވަރުގަދަކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ.