ޔުނައިޓެޑް މެކްސިކަން ސްޓޭޓްސް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު މިސްޓަރ ފެޑެރިކޯ ސަލަސް ލޮފްޓް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހްއަށް އަރުވައިފިއެވެ. އައު ސަފީރު ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މެކްސިކޯގެ އައު ސަފީރަށް މަރުޙަބާ ވިދާޅުވެ އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދިވެހިރާއްޖެއާއި، މެކްސިކޯއާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވެފައެވެ. އަދި، އެމަނިކުފާނު ވަނީ ރާއްޖޭގައި ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކުގެ ފަހުގެ މަޢުލޫމާތު މެކްސިކޯ ސަފީރާ ހިއްސާ ކުރައްވާފައެވެ. މިގޮތުން، އެމަނިކުފާނު ވަނީ ރާއްޖޭގައި ކުރިޔަށް ގެންދާ ކޮވިޑް ދިފާޢު ވެކްސިނޭޝަން އާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

މީގެއިތުރުން ވެސް، މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ކޮންޓްރޯލްކުރުމަށް އެޅި ފިޔަވަޅުތަކަށްފަހު ފަތުރުވެރިންނަށް ރާއްޖެ އަލުން ހުޅުވާލާ ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރައްވައި މި ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން ސަފިރާ މަޝްވަރާކުރައްވާފައެވެ. މެކްސިކޯ ސަފީރު ފާހަގަކުރެއްވި ގޮތުގައި، ގިނަ ޢަދަދެއްކެ މެކްސިކޯ ރައްޔިތުން މިހާރުވެސް ރާއްޖެ ޒިޔާރަތްކުރުމަށް ޝައުޤުވެރިވާކަމަށާއި، ރާއްޖޭގެ ރިސޯޓްތަކުގައި ޝެފުންގެ ގޮތުގައި އަދި، މެނޭޖީރިއަލް ޕޮޒިޝަންތަކުގައި މިހާރުވެސް ގިނަ ޢަދަދެއްގެ މެކްސިކޯ ރައްޔިތުން ވަޒީފާއަދާކުރަމުންދާ ކަމުގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެއަކީ ހައިޑްރޯ-ކްލޯރޯ-ފްލޯރޯ-ކާބަންސް (އެޗް.ސީ.އެފް.ސީސް) އެންމެ ފުރަތަމަ ފޭސްއައުޓް ކުރި ޤައުމުކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މިއަހަރު ފަހުކޮޅު އިނގިރޭސިވިލާތުގެ ގްލަސްގޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް 26 ބައްދަލުވުމުގައި މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައި ދެޤައުމަށް ވެސް ފައިދާކުރަނިވި ޙައްލުތަކެއް ހޯދުމަށް މަސައްކަތްކުރައްވާނެކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި، ދެބޭފުޅުން ވަނީ ރާއްޖޭގެ ނޫ އިޤްތިޞާދުގެ ދާއިރާއިން މެކްސިކޯގެ އަމިއްލަ ކުންފުނިތަކާއެކު ވިޔަފާރީގެ ގުޅުން ޤާއިމުކުރުމާއި، ސާފު ޙަކަތައިގެ ދާއިރާއިން ދެ ޤައުމުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ދެ ބޭފުޅުންގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ ކުރިމަގުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވަމުންނެވެ. ރާއްޖެއާއި، މެކްސިކޯއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 15 ނޮވެންބަރު 1975 ގައެވެ.