ޖަރުމަނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސެލެންސީ ހޮލްގަރ ލޯތަރ ސިއުބަރޓް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.

މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ޖަރުމަނުގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވިއެވެ. އަދި، އެމަނިކުފާނުގެ ސަފީރުގެ ދައުރުގައި ރާއްޖެއާ ޖަރުމަނާ ދެމެދުގައިވާ އެކުވެރި ވަރުގަދަ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ޖަރުމަނަކީ ރާއްޖޭގެ ތަރައްޤީއަށް މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ފާއިތުވި އަހަރުތަކުގައި ޖަރުމަނުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ޖަރުމަނުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި، ޖަރުމަނާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވެއެވެ. މިގޮތުން، ދެބޭފުޅުން ވަނީ ބައިނަލްއަޤްވާމީ ގުޅުންތައް ވަރުގަދަކުރުމާއި ގުޅޭގޮތުންނާއި، މަސްވެރިކަމުގެ ދާއިރާއާއި، އިޤްތިޞާދީ ދާއިރާއާއި، ޞިއްޙީ ދާއިރާ އަދި، ތަޢުލީމީ ދާއިރާއާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން ވެސް ދެބެފުޅުން ވަނީ ދެ ޤައުމުގެ ކޮވިޑް-19 ގެ އެންމެ ފަހުގެ ޙާލާތާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ސަރުކާރުގެ އަމާޒަކީ ވަކި ޤައުމެއްގެ ރައްޔިތުން ތަފާތުކުރުމެއް ނެތި ރާއްޖޭގައި ދިރިއުޅޭ އާބާދީގެ އެންމެނަށް ވެކްސިން ޖަހާ ނިންމާނެ ކަމުގައި ވިދާޅުވެފައެވެ.

ޖަރުމަނުގެ ސަފީރު ވަނީ، އެމަނިކުފާނަށް މަރުޙަބާ ވިދާޅުވުމުން ޝުކުރު އަދާކުރައްވައި، ޖަރުމަނުގެ ފަރާތުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަޤާމާއި ހަވާލުވެވަޑައިގަތުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެއްކަމުގައި ސިފަކުރައްވައިފައެވެ. މީގެއިތުރުން އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.