ސެނެޓަރ އެޑްވަރޑް ކެނެޑީ އަވަހާރަވުމާ ގުޅިގެން، އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ސެނެޓަރ ކެނެޑީއަކީ އެމެރިކާގެ ފަހުގެ ތާރީޚް ދުށް އެންމެ ފުރިހަމަ އެއް ސިޔާސީ ލީޑަރުކަމުގައި ވިދާޅުވެފައިވެއެވެ. އަދި ތާރީޚްގައި ސެނެޓަރ ކެނެޑީ ފާހަގަވެގެންދާނީ އެމެރިކާއަށާއި ދުނިޔެއަށް މުހިންމު މައްސަލަތަކުގައި ވަރުބަލިފުޅުވުމެއްނެތި އަޑުއުފުއްލެވި ބޭފުޅުއްކަން ރައީސް ނަޝީދުގެ މެސެޖްގައި ފާހަގަކުރައްވަމުން، ސެނެޓަރ ކެނެޑީ އަވަހާރަވުމަކީ މުޅި ދުނިޔެއަށް ލިބުނު ގެއްލުމެއްކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ރައީސް އޮބާމާއަށާއި، އެމެރިކާގެ ރައްޔިތުންނަށާއި، ސަރުކާރަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. އަދި ސެނެޓަރ ކެނެޑީގެ ޢާއިލާއަށާއި، އެމެރިކާގެ ސެނެޓަށާއި ސެނެޓްގެ ޑިމޮކްރެޓިކް ލީޑަރ ހެރީ ރީޑަށް ރައީސުލްޖުމްހޫރިއްޔާގެ އިޚްލާޞްތެރި ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.