އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވި އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ މިއަހަރުގެ ޖުލައި މަހުގެ 8 ވީ ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 21 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަކީ އާމްދަނީން ޓެކްސް ނެގުމުގެ ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމުކޮށް، އެކަމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ. މި ޤާނޫނަށް ގެނެވުނު އިޞްލާޙުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން، ދިވެހިރާއްޖެއިން އާމްދަނީ ލިބޭ ކޮންމެ ފަރާތެއް، މި ޤާނޫނު ހިނގާ ފަރާތްތަކުގެ ތެރެއަށް އިތުރުކޮށްފައިވެއެވެ.. އަދި ޓެކްސް ދެއްކުމަށް ދެވޭ ޚާއްޞަ އިސްތިސްނާތަކުގެ ތަފްޞީލު ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުންވެސް އާމްދަނީ ޓެކްސް ނެގުމުގެ ޤާނޫނު އިތުރަށް ފުރިހަމަކުރުމަށްޓަކައި ގެންނަންޖެހޭ މުހިންމު ގިނަ އިޞްލާޙުތަށް މި ބިލާއެކު ވަނީ ގެންނަވާފައެވެ.

(ޤާނޫނު ނަންބަރު 25/2019) އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާ ގުޅިގެން، މި ޤާނޫނު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. އަދި، މިއަދުން ފެށިގެން މި ޤާނޫނަށް ވަނީ ޢަމަލުކުރަން ފަށާފައެވެ.