ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ފުވައްމުލައް ސިޓީ ކައުންސިލަށް އަލަށް ހޮވިވަޑައިގަތް ކައުންސިލަރުންނާއި މުއައްސަސާތަކުގެ އިސްވެރީންނާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން ކުރިއަށްގެންދަވާފައިވަނީ ފުވައްމުލަކަށް އެމަނިކުފާނު މިހާރު ކުރައްވަމުންގެންދަވާ ނުރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ މެންބަރުންނާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެ ސިޓީގެ ކުރިއެރުމަށްޓަކައި ކައުންސިލުން ރާވާފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މިބައްދަލުވުމުގައި ފުވައްމުލައް ސިޓީ ކައުންސިލްގެ މެންބަރުން ވަނީ އެ ސިޓީގެ ތަރައްޤީއަށާއި ކުރިއެރުމަށް ހުރި ހުރަސްތަކުގެ މައްޗަށް އަލިއަޅުވާލައްވާ، އެކިއެކި ދާއިރާތަކުން ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ސަމާލުކަމަށް ގެންނަވާފައެވެ. މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ކައުންސިލަރުން ފާހަގަކުރެއްވި މައްސަލަތަކުގައި ސަރުކާރާއި ސަރުކާރު ހިއްސާވާ މުއައްސަސާތަކުގެ ތެރެއިން ކުރެވެންހުރި ކަންތައްތައް ބައްލަވާ އެކަންކަމަށް ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދެއްވުމަށްޓަކައި ކަމާބެހޭ މުއައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ފުވައްމުލައް ސިޓީގެ ކުރިއެރުމަށްޓަކައި ސަރުކާރުން އެ ސިޓީގައި ކުރައްވަމުންގެންދަވާ ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލައްވާ، އެ މަސައްކަތްތަކުގެ މަޢުލޫމާތު އޮޅުންފިލުވާފައެވެ. އަދި ބައެއް މުއައްސަސާތަކުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލައްވާ، އެ މުއައްސަސާތައް ހިނގުމަށް ދިމާވެފައިވާ ބައެއް ދަތިތަކުގެ މަޢުލޫމާތު އޮޅުންފިލުވާފައިވެއެވެ. އެގޮތުން އެމަނިކުފާނު މިއަދު ވަނީ ފުވައްމުލައް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާ އެ ހޮސްޕިޓަލުގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހޮސްޕިޓަލުގެ ފެންވަރާއިމެދު ދެކެވޭ ވާހަކަތަކުގެ އިތުރުން ކޯވިޑް-19ގެ ކޭސްތައް މެނޭޖްކުރުމުގެ މަސައްކަތް ހޮސްޕިޓަލުގައި ހިނގަމުންދާގޮތް ބައްލަވާލައްވާފައެވެ. މިބައްދަލުވުމަށްފަހު އެމަނިކުފާނު ވަނީ އެ ހޮސްޕިޓަލުގައި ސްޕީޗް ތެރަޕީ ފެށުމަށް ތައްޔާރުކުރެވޭ ކޮޓަރި އަދި ހޮސްޕިޓަލުގެ އައު އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ސަރަޙައްދު ބައްލަވާލައްވާފައެވެ.

މީގެ އިތުރުން، ފެނަކައިގެ ފުވައްމުލައް ބްރާންޗުގެ އިސްވެރިންނާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ އެ ސިޓީގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ، ދިމާވެފައިވާ މައްސަލަތަކަށް އަވަސް އަދި ރަނގަޅު ހައްލެއް ގެނައުމަށް ބާރު އަޅުއްވާ ވާހަކަފުޅުދައްކަވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ދަތުރުފުޅުގައި މިރޭ ވަނީ ފުވައްމުލައް ސްކޫލްގެ އިސްވެރިންނާއި ފުވައްމުލައް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް އަލަށް އިންތިޚާބުވެވަޑައިގަތް މެންބަރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ނުރަސްމީ ދަތުރުފުޅު ނިންމަވާލައްވާ އެނބުރި މާލެވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވާ އާދިއްތަ ދުވަހުއެވެ.