ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ސިޔާސަތާބެހޭ ޚާއްޞަ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މާދަމާރޭ ދެއްވާނެއެވެ. ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ޙަރަކާތްތެރިވެވަޑައިގަންނަވާ އިސް ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، މިބަޔާން ދެއްވާނީ މާދަމާރޭ 10.30 ގައި މުލީއާގޭގައެވެ.

ރައީސުލްޖުމްހޫރިއްޔާ މިދެއްވާ ބަޔާނުގައި، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިހާރު އޮތްގޮތާއި އަދި އިޤްތިޞާދީ ޙާލަތު ސަރުކާރުން ކުރިއަށް ލަފާކުރައްވާގޮތް ހާމަކުރައްވާނެއެވެ. އަދި ކައިރި މުސްތަޤްބަލަށް ސަރުކާރުން ބައްޓަން ކުރައްވާފައިވާ މާލީ ސިޔާސަތާއި، އެކްސްޗޭންޖް ރޭޓާއި ފައިސާއާބެހޭ ސިޔާސަތުގެ މައްޗަށާއި، ދައުލަތަށް އާމްދަނީ އިތުރުކުރެއްވުމަށް އަޅުއްވަން ގަސްދު ކުރައްވާ ފިޔަވަޅުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވާނެއެވެ.