ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ވަކީލުންގެ ތެރެއިން ހޮވިވަޑައިގެންނެވި ހެންވޭރު ލާރކް އަލްއުސްތާޛު އަޙްމަދު ރަޝީދު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހަމަޖައްސަވައިފިއެވެ. އަލްއުސްތާޛު އަޙްމަދު ރަޝީދު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ހަމަޖެއްސެވި ކަމުގެ ލިޔުން، އޭނާއާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، މިކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިޞްލާޙު ކުރެވިފައިވާ ޤާނޫނުއަސާސީ ތަންފީޒު ކުރަން ފެށުމާ ގުޅިގެން، މި ރާއްޖޭގައި އެންމެ ބޮޑަށް ތަރައްޤީ ކުރުމަށާއި ހަރުދަނާ ކުރުމަށް ބޭނުންވެފައިވަނީ ޝަރީޢަތުގެ ދާއިރާއާއި، ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ ދާއިރާ ކަމުގައި ވިދާޅުވިއެވެ. އަދި އެދާއިރާ ބެލެހެއްޓެވުމާއި، އެދާއިރާގެ އެންމެހާ އިދާރީ ކަންކަންވެސް ބެލެހެއްޓެވުން ޤާނޫނީގޮތުން ޙަވާލުވެފައި މިއޮންނަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަނަށްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެ ކޮމިޝަނަށް ރާއްޖޭގެ ވަކީލުންގެ ފަރާތުން ތަމްސީލު ކުރައްވާ ބޭފުޅެއްގެ ގޮތުގައި އަލްއުސްތާޛު އަޙްމަދު ރަޝީދު އިންތިޚާބުވެވަޑައިގަންނަވައިގެން ވަޑައިގެންނެވި ކަމަށްޓަކައި އޭނާއަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގެ ކުރިން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދުގެ ކުރިމަތީގައި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވައި، އަލްއުސްތާޛު އަޙްމަދު ރަޝީދު ކުރެއްވިއެވެ.