ރާއްޖެއަށް އޮސްޓްރޭލިއާއިން ދެއްވާ ސްކޮލަރޝިޕްތައް އިތުރުކޮށްދެއްވާނެ ކަމުގައި އޮސްޓްރޭލިއާގެ ޕަރލަމެންޓް ސެކްރެޓަރީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް މިސްޓަރ ބޮބް މެކްމުލަން ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު މިހާރު އޮސްޓްރޭލިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު މިސްޓަރ ބޮބް މެކްމުލަންއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އޮސްޓްރޭލިއާއިން ރާއްޖެއަށް ދެއްވާ އެކިއެހީތައްވެސް އިތުރުކޮށްދެއްވުމާމެދު ވިސްނާވަޑައިގަންނަވާނެ ކަމުގައި ވިދާޅުވިއެވެ.

މިސްޓަރ މެކްމުލަންގެ ވާހަކަފުޅުގައި، ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިތަކުން އަރައިގަތުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި އެއްބާރުލެއްވުން ދެއްވާނެ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އައި.އެމް.އެފް. އިން ރާއްޖެއަށް އެހީ ހޯއްދެވުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާއިރު، މިކަމުގައި އޮސްޓްރޭލިއާ ސަރުކާރުންވެސް އެހީތެރިވެދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

އޮސްޓްރޭލިއަން އެމްބެސެޑަރ ފޮރ ކްލައިމެޓް ޗޭންޖް މިޒް ލުއިޒް ހޭންޑްއާވެސް ނައިބު ރައީސް މިއަދު ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި ރާއްޖެއަށް ކުރިމަތިވެފައިވާ އަދި ކުރިމަތިވަމުންދާ ތިމާވެށީގެ މައްސަލަތަކުގެ މައްޗަށާއި، އެމައްސަލަތައް ޙައްލު ކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް ނައިބު ރައީސް ބައްލަވާލައްވައި، އެކަމުގެ ތަފްޞީލު ދެއްވިއެވެ.

މިޒް ލުއިޒް ހޭންޑްގެ ވާހަކަފުޅުގައި، ރާއްޖެއިން މިގެންގުޅުއްވާ ތިމާވެށީގެ ސިޔާސަތަށް ތާއީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ތިމާވެށީގެ ރޮނގުން ރާއްޖެއިން ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާތީ، އެކަން ފާހަގަކުރައްވައި، ރާއްޖެއަށް ބޭނުންވާ ފަންނީ އެހީވެދެއްވުމުގައި ބައިވެރިވެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މަތީ ތަޢްލީމާއި، ދިރާސާތަކަށް ބޭނުންވާ ސްކޮލަރޝިޕްތައް ހޯއްދަވައި ދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ނައިބު ރައީސް ޑޮކްޓަރ ވަޙީދު މިއަދު އެންމެފަހުން ބައްދަލުކުރެއްވީ، އޮސްޓްރޭޑްގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ މިސްޓަރ ޕީޓަރ ލުއިލްއާއެވެ. މިބައްދަލުކުރެއްވުމުގައި އޮސްޓްރޭލިއާގެ ކުންފުނިތައް ރާއްޖޭގައި އިންވެސްޓް ކުރުމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ރާއްޖެއަށް ބޭނުންވާ ވަރަށްގިނަ ޓެކްނޯލޮޖީތައް އޮސްޓްރޭލިއާގެ ކުންފުނިތަކުގައި ހުރުމާއެކު، އޭގެ އިންވެސްޓަރުން ހޯއްދަވައި ދެއްވުމުގެ މަސައްކަތް އޮސްޓްރޭލިއާއިން ކޮށްދެއްވާނެ ކަމުގައި މިސްޓަރ ޕީޓަރ ލުއިލް ވިދާޅުވިއެވެ.

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، އޮސްޓްރޭލިއާއަށް މިހާރު ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ، ”އޮސްޓްރޭލިއަން ނޭޝަނަލް ކާބަން ކޮންފަރެންސް 2009“ ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި އެމަނިކުފާނު އޮސްޓްރޭލިއާގައި ހުންނެވުމުގެ ހުރިހާ ޚަރަދަކާއި އަދި ދަތުރުފުޅުގެ ޓިކެޓް ޚަރަދުގެ ބައެއް ދެއްވަނީ، މިކޮންފަރެންސް އިންތިޒާމް ކުރައްވާ ފަރާތުންނެވެ.