ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް، ކެނެޑާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސް އެންޖެލާ ބޮގްޑަން މިއަދު ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ކެނެޑާއާ ދެޤައުމުގެ ދެމެދުގައި އޮންނަ ރަޙްމަތްތެރި ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކެނެޑާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުގެ މަގާމުގައި ހުންނަވައިގެން، ދިވެހިރާއްޖެއާއި ކެނެޑާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މިސް ބޮގްޑަން ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށްޓަކައި އޭނާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، އިޤްތިޞާދު ރަނގަޅު ކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާ ބެހޭގޮތުން ސަފީރަށް މަޢްލޫމާތު ދެއްވިއެވެ.

މި ވަދާޢީ ޒިޔާރަތުގައި، މިސް ބޮގްޑަން ދެއްކެވި ވާހަކަފުޅުގައި، ކެނެޑާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ މަގާމުގައި ހުންނަވައިގެން، ރާއްޖެއަށް ޚިދްމަތް ކުރެއްވުމަކީ، އޭނާއަށް ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި، ރާއްޖޭގައި ޑިމޮކްރެޓިކް އުޞޫލުތައް ދެމެހެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ޒަޢާމަތުގައި މިވީ ކުރު މުއްދަތުގެ ތެރޭގައި ވަރަށް ގިނަ ކުރިއެރުންތަކެއް ހޯއްދަވާފައިވާކަންވެސް ފާހަގަކުރެއްވިއެވެ.