ބަރަކާތްތެރި ރަމަޟާންމަސް ފެށުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވީ، އެމަނިކުފާނު މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައެވެ. ބަރަކާތްތެރި ރޯދަމަހުގެ އެންމެހާ ހެޔޮއެދުންތައްވެސް ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވިއެވެ.

ބަރަކާތްތެރި ރަމަޟާންމަހުގެ މުނާސަބަތުގައި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ބައިނަލްއަޤްވާމީ އިސްލާމީ ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ ވެރިންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފިއެވެ. އަދި އިސްލާމީ ޤައުމުތަކުގެ ވެރިންނާއި ބައިނަލްއަޤްވާމީ އިސްލާމީ ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ ވެރިންވެސް، މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ތަހުނިޔާ ފޮނުއްވަމުން އެބަ ގެންދަވައެވެ.