ދެކުނު ކޮރެއާގެ ކުރީގެ ރައީސް ކިމް ޑައި-ޖުންގ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ދެކުނު ކޮރެއާގެ ރައީސް މިސްޓަރ ލީ މިޔަން-ބަކަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ޑިމޮކްރަސީއާއި ޞުލްޙައަށް ކިމް ޑައި-ޖުންގ ކޮށްދެއްވާފައިވާ ގިނަގުނަ ޚިދުމަތްތަކަކީ އަހަރުތަކަކަށް ދެމިގެންދާނެ ޚިދުމަތްތަކެއް ކަމުގައި ވިދާޅުވެފައިވެއެވެ. އެހެންކަމުން، ކިމް ޑައި-ޖުންގ އަވަހާރަވުމަކީ، ދެކުނު ކޮރެއާގެ އިތުރުން މުޅި ދުނިޔެއަށްވެސް ލިބުން ވަރަށް ބޮޑު ގެއްލުމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ޤައުމީ ހިތާމައިގެ މިވަގުތުގައި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ދެކުނު ކޮރެއާ ސަރުކާރަށާއި ދެކުނު ކޮރެއާ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. އަދި ކިމް ޑައި-ޖުންގގެ ޢާއިލާގެ ބޭފުޅުންނަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އިޚްލާޞްތެރި ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.