بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް، ރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް އަރިސްކުރަމެވެ. އަދި ތިމާވެށި ޙިމާޔަތްކުރުމުގެ ދާއިރާގައި އެކި ގޮތްގޮތުން ޙަރަކާތްތެރިވަމުން އަންނަ ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި، ތިމާވެށްޓާ މެދު ރައްޔިތުން ހޭލުންތެރިކުރުމަށް މަސައްކަތްކުރަމުން އަންނަ އެންމެހައި ފަރާތްތަކަށް ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަމެވެ.

މިއަހަރުގެ ތިމާވެށީގެ ދުވަހަށް، އ.ދ.ގެ ތިމާވެއްޓާ ބެހޭ ޕްރޮގްރާމްގެ ފަރާތުން ކަނޑައަޅާފައިވާ ޝިޢާރަކީ "މާޙައުލީ ނިޒާމު އިޢާދަކުރުން" (ecosystem restoration) އެވެ. މާޙައުލީ ނިޒާމު އިޢާދަކުރުމަކީ، ގެއްލުން ލިބިފައިވާ ނުވަތަ ހަލާކުވެފައިވާ މާޙައުލީ ނިޒާމު، އަލުން އޭގެ ޠަބީޢީ ޙާލަތަށް އެނބުރި އިޢާދަކުރުމުގައި އެހީތެރިވުމެވެ. ހަމައެފަދައިން، ގެއްލުމެއް ނުލިބި ހުރި މާޙައުލީ ނިޒާމުތަކަށް، އިތުރު ގެއްލުމެއް ލިބުނަ ނުދީ ޙިމާޔަތްކޮށް ރައްކައުތެރިކުރުމެވެ.

އަޅުގަނޑުމެންގެ ރާއްޖެއަށް ބެލިކަމުގައި ވިޔަސް، ދިވެހިންގެ ދިރިއުޅުމާއި އިޤްތިޞާދު ބިނާވެފައިވަނީ ޤުދުރަތީ މާޙައުލަށެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން، ގާތްގަނޑަކަށް 50000 މީހުން ވަޒީފާ އަދާކުރެއެވެ. އަދި މަސްވެރިކަމާއި ދަނޑުވެރިކަމުގައި 17000 އަށްވުރެ ގިނަ މީހުން މަސައްކަތްކުރެއެވެ. ދެމެހެއްޓެނިވި ގޮތެއްގައި މި ޞިނާޢަތްތަކުގެ ނަފާ ލިބެމުންދާނީ، އަދި ކުރިމަގުގެ ޖީލުތަކަށް މިޞިނާޢަތްތައް ފޯރުކޮށްދެވޭނީ، އަޅުގަނޑުމެންގެ މާޙައުލީ ނިޒާމު ރައްކާތެރިކޮށް ޙިމާޔަތްކޮށްގެންނެވެ.

މިރާއްޖޭގެ ޤުދުރަތީ ވެށި ޙިމާޔަތްކުރުމުގެ ގޮތުން، ރާއްޖޭގެ ފަރުތަކުގެ 13 އިންސައްތަ ހިމެނޭ ގޮތަށް، 73 ސަރަޙައްދެއް މިހާރުވަނީ ޙިމާޔަތްކޮށްފައެވެ. އަދި، ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒާވްގެ ލަގަބު، ދިވެހިރާއްޖޭގެ 3 އަތޮޅަކަށް މިހާރުވަނީ ލިބިފައެވެ. އެއީ ބ. އަތޮޅާއި ފުވައްމުލައް އަދި އައްޑުއެވެ. ޤުދުރަތީ މުއްސަނދިކަމުން ފުރިފައިވާ މިފަދަ ސަރަޙައްދުތައް ޙިމާޔަތްކޮށް، އެތަންތަނުގެ ޠަބީޢީ ސިފަތައް ދެމެހެއްޓުމުން، ދިވެހިރާއްޖޭގެ އިޤްތިޞާދަށްވެސް ނުހަނު ގިނަ ފައިދާތައް ލިބޭނެއެވެ.

ރާއްޖޭގެ މާޙައުލީ ނިޒާމުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، 2030 ވަނަ އަހަރާ ހަމައަށް، ދިވެހިރާއްޖޭގެ ކަނޑާއި ކަނޑާ ގުޅިފައިވާ ސަރަޙައްދުތަކުގެ، އެންމެ ކުޑަވެގެން 20 އިންސައްތަ ޙިމާޔަތްކުރުމަށް އަޅުގަނޑުމެން މިއަންނަނީ މަސައްކަތްކުރަމުންނެވެ. އަދި ގްލޯބަލް އޯޝަން އެލައިންސްގައި ބައިވެރިވެ، 2030 ވަނަ އަހަރުގެ ނިޔަލަށް، ދުނިޔޭގެ ކަނޑުގެ 30 އިންސައްތަ ޙިމާޔަތްކުރުމުގެ ބައިނަލްއަޤްވާމީ މަސައްކަތުގައިވެސް ރާއްޖެ ވަނީ ބައިވެރިވެފައެވެ. ހަމައެފަދައިން، ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް، "ނޫ އިޤްތިޞާދު"ގެ ދަށުން، ވަރަށް ގިނަ މަސައްކަތްތަކެއް މިއަންނަނީ ކުރަމުންނެވެ.

މާޙައުލީ ނިޒާމަކީ، އެ ނިޒާމަށް ލިބޭ ކިތަންމެ ކުޑަ ގެއްލުމެއްވެސް އަލުން އިޢާދަކުރުމަށް، އެތައް އަހަރެއް ހޭދަވާ އަދި އެތައް ބުރަ މަސައްކަތެއް ކުރަންޖެހޭ ވަރަށް ނާޒުކު ނިޒާމެކެވެ. އަދި ބައެއް ބާވަތުގެ ގެއްލުންތަކަކީ އެއްގޮތަކަށްވެސް އިޢާދަ ނުކުރެވޭނެ ގެއްލުންތަކެވެ. އެހެންވީމާ، ވެށީގެ ނިޒާމަށް ލިބޭ ގެއްލުން އިޢާދަކުރަން ތިބުމުގެ ވިސްނުމަށް ވުރެ، އަޅުގަނޑުމެން އިސްކުރަންޖެހޭނީ، އެ ނިޒާމަށް ގެއްލުމެއް ލިބުނަ ނުދީ ރައްކާތެރިކުރުމުގައި ދެމިތިބުމުގެ ވިސްނުމެވެ.

ދުނިޔެ ހޫނުވުމަށް މެދުވެރިވާ ވިހަ ގޭސްތައް، ރާއްޖެއިން ޖައްވަށް ދޫކުރަނީ ކިތަންމެ މަދުން ކަމުގައި ވިޔަސް، ދުނިޔެ ހޫނުވުމުގެ ސަބަބުން މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ގެއްލުން، އެންމެ ބޮޑަށް ކުރިމަތިވާ އެއް ޤައުމަކީ ރާއްޖެއެވެ. ދުނިޔޭގެ ނިސްބަތުން ރާއްޖެ ކިތައްމެ ކުޑަކަމުގައި ވިޔަސް، މާޙައުލީ ނިޒާމު އިޢާދަކޮށް ރައްކާތެރިކުރުމުގައި، ރާއްޖެއަކީ، ބޮޑެތި ޤައުމުތަކަށްވުރެވެސް، ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަމުން އަންނަ ޤައުމެކެވެ. ސަބަބަކީ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން ލިބޭ ގެއްލުންތައް، އަޅުގަނޑުމެންގެ ރަށްތަކަށާއި، އަޅުގަނޑުމެންގެ އިޤްތިޞާދަށާއި، ޢާންމު ސިއްޙަތަށާއި ކާބޯތަކެތީގެ ޔަޤީންކަމަށް، އަދި ގޯތިގެދޮރަށްވެސް ކުރިމަތިވާތީއެވެ.

ރާއްޖޭގައި ތިމާވެއްޓަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ރައްކާތެރި ގޮތުގައި ކުނި ނައްތައިނުލެވުމެވެ. އަނެއް ކަމަކީ، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ބާވަތުގެ ޕްލާސްޓިކް، ބޭނުންކުރެވޭ މިންވަރު އިތުރުވުމާއި، އެބާވަތުގެ ޕްލާސްޓިކުން، ރާއްޖޭގެ ޤުދުރަތީ ދިރުންތަކުގެ ނިޒާމަށް ލިބޭ ގެއްލުންތަކެވެ. ހަމައެފަދައިން، ހަކަތަ އުފެއްދުމަށްޓަކައި ޑީސަލް އަންދަންޖެހުމަކީވެސް، ރާއްޖޭގެ ތިމާވެއްޓަށް ގެއްލުން ލިބުމުގެ އިތުރުން، އަޅުގަނޑުމެންގެ ޞިއްޙަތަށް ކުރިމަތިވެފައިވާ ނުރައްކަލެއްވެސްމެއެވެ. ރާއްޖޭގެ މާޙައުލީ ނިޒާމަށް ގެއްލުން ލިބޭ މި މައްސަލަތައް ޙައްލުކުރުމަށް، ވަރަށް ޚާއްޞަ ސަމާލުކަމެއް ދީގެން، ސަރުކާރުން މިއަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރައްކާތެރި ގޮތުގައި ކުނި އެއްކޮށް ނައްތައިލާނެ ނިޒާމުތައް، ރަށު ފެންވަރުގަޔާއި ސަރަޙައްދީ ފެންވަރުގައި ޤާއިމުކުރުމުގެ މަޝްރޫޢުތައް މިހާރުވެސް ކުރިއަށް އެބަދެއެވެ. އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކްގެ 8 ބާވަތެއްގެ އުފެއްދުންތައް އެތެރެކުރުން މިހާރު ވަނީ މަނާކޮށްފައެވެ. އަދި އިތުރު ބާވަތްތައް މަނާކުރާ ވަގުތު ތާވަލެއް މިހާރުވާނީ އިޢުލާންކޮށްފައެވެ. ހަކަތަ އުފެއްދުމަށް ޑީސަލް އަންދާ މިންވަރު މަދުކުރުމަށްޓަކައި، އަވިން ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމުގެ ގޮތުން، މުޅި ރާއްޖޭގައި މިހާރު 31.5 މެގަވޮޓްގެ ސޯލާ ޕީވި ހައިބްރިޑް ނިޒާމުތައް ޤާއިމުކުރެވިއްޖެއެވެ. އަދި އިތުރު ރަށްރަށުގައި މިނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުތައް ވަރަށް އަވަހަށް ފެށޭނެއެވެ.

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ރާއްޖެއަށް ފޯރަމުންދާ ނިސްބަތާއި ފޯރަމުންދާ ހަލުވިމިނަށް ބަލާއިރު، އަޅުގަނޑުމެންނަކީ، މިދެންނެވި ގެއްލުންތަކުން ރާއްޖެ ސަލާމަތްކުރުމުގެ ފުރުޞަތު ލިބޭ، އެންމެ ފަހު ޖީލު ކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ. އަޅުގަނޑުމެންގެ ހަލާކުވަމުންދާ މާޙައުލީ ނިޒާމު އިޢާދަކުރުމަށްޓަކައި، މިއަދު މިތިބަ ޙާލަތުގައިވެސް، އާވިސްނުންތަކާއެކު އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. އަޅުގަނޑުމެންގެ އަތްތަކުން ދިން ގެއްލުންތަކުގައި ހަލާކުވެފައިވާ، ކުޅިތަކާއި، ފާތަކާއި، ޗަސްބިންތަކާއި، ފަރުތަކާއި ގޮނޑުދޮށްތައް، އޭގެ ޠަބީޢީ ޙާލަތަށް އިޢާދަކޮށްދެވޭތޯ ގަދައަޅައި މަސައްކަތް ކުރަންޖެހެއެވެ. އަޅުގަނޑުމެންގެ ދިރިއުޅުމާއިގެން ކުރިއަށް އަޅާ ކޮންމެ ފިޔަވަޅެއް އަޅަންވާނީ، ޤުދުރަތީ ނިޒާމަށް އެއްވެސް ގެއްލުމެއް ނުލިބޭނެކަން ކަށަވަރުކުރުމާ އެކުގައެވެ.

އަޅުގަނޑުމެންނަކީ، މި ހިތްގައިމު ޖަޒީރާތަކުގެ ރިހި ގޮނޑުދޮށްތަކާއި، މުރަކައިގެ ބަގީޗާތަކާއި، ހޭޅިފަށްތަކާއި ކުޅިތަކާއި، އެންމެހައި ދިރުންތައް، ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް ލޯބިކުރާ ބަޔަކު ކަމުގައި ލައްވައި، ހަލާކުވަމުންދާ މާޙައުލީ ނިޒާމު އޭގެ ޠަބީޢީ ޙާލަތަށް އިޢާދަކުރުމުގެ ހެޔޮ ތައުފީޤު، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން އެންމެންނަށް ދެއްވާށިއެވެ. ދިވެހިރާއްޖެއަކީ، މިރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ރައްކާތެރިކަމާއި އަމާންކަން ލިބިގެންވާ، ހިތްފަސޭހަ މާޙައުލެއް ކަމުގައި ލެއްވުން އެދި، އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.