މަތީ ތަޢްލީމާއި ތަމްރީނު ހޯދުމަށް އެހީވެދޭ ޤައުމީ ފަންޑް އިތުރަށް ފުޅާކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، ފަންޑް އިތުރަށް ފުޅާކުރެއްވުމާ ބެހޭގޮތުން މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްއިން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، މިފަދަ ލޯން ސްކީމެއް ފުޅާކުރެވޭއިރު، ހަމައެކަނި ސަރުކާރުން މުޅި ފަންޑަށް ޙިއްޞާ ކުރެއްވުމުގެ ބަދަލުގައި، ފަންޑްގެ ލޯން ސްކީމް ހިންގެވުމަށް އެހެން ފަރާތްތަކުންވެސް ޙިއްޞާ ކުރެއްވުމަކީ، އެކަން ދެމެހެއްޓެނިވި ގޮތެއްގައި ހިންގެވުމަށް އެޅުއްވިދާނެ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅިގެން މަޝްވަރާ ކުރެއްވުމަށްފަހު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ލަފާ ހޯއްދަވައިގެން، މި ފަންޑަށް ސަރުކާރަށް ދެއްވެން އޮތް ފައިސާގެ ޢަދަދު ބައްލަވައި، ޕްރައިވެޓް ސެކްޓަރަށް، މި ފަންޑް ހުޅުއްވާލެއްވުމަށް ނިންމެވިއެވެ.

މަތީ ތަޢްލީމާއި ތަމްރީނު ހޯދުމަށް އެހީވެދޭ ޤައުމީ ފަންޑް، ޕަބްލިކް ޕްރައިވެޓް ފަންޑަކަށް ބަދަލުވުމުން، ފަންޑަށް ފައިސާދޭ ފަރާތްތައް ބޯޑް އޮފް ޓްރަސްޓީޒްގައި ތަމްސީލުކުރާ ގޮތަށް ހަމަޖެއްސެވުމަށްވެސް ނިންމެވިއެވެ.

މި ފަންޑަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން ފަސް މިލިއަން ރުފިޔާ ދެއްވަން މިހާރު ވަނީ ނިންމަވާފައެވެ. އެހެންކަމުން، މިފައިސާ ޚަރަދު ކުރެއްވުމުގައި، އަމިއްލަ ގޮތުން ރާއްޖޭގަޔާއި ރާއްޖެއިން ބޭރުގައި ކޯސް ފުރިހަމަކުރަމުން ގެންދާ ކުދިންގެ ތެރެއިން ތަޢްލީމު ޙާޞިލު ކުރުމުގައި، އެކިދަތިތައް ކުރިމަތިވެފައިވާ ކުދިންނަށް އިސްކަން ދެއްވުމަށް ނިންމެވިއެވެ.
މަތީ ތަޢްލީމާއި ތަމްރީނު ހޯދުމަށް އެހީވެދޭ ޤައުމީ ފަންޑް ފުޅާކުރެއްވުމާ ބެހޭގޮތުން ކުރައްވަން ހުރި އިތުރު ދިރާސާތައް ކުރެއްވުމަށްޓަކައި، ވަޒީރުންގެ ކޮމިޓީއެއްވެސް މިއަދުގެ ޖަލްސާގައި ހޮއްވެވިއެވެ. މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އަލްއުސްތާޛު ޙަސަން ލަޠީފާއި، މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ މުޞްޠަފާ ލުޠުފީ އާއި، މިނިސްޓަރ އޮފް ހޯމްއެފެއާޒް މުޙަންމަދު ޝިހާބެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެނެވޭ ބިދޭސީންގެ އަތުން ނަގާ ފީއާއި ޑިޕޮޒިޓްގެ މައްސަލައާ ބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ. މިކަމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށްފަހު، މިހާތަނަށް ޑިޕޮޒިޓް ފައިސާ ޖަމާކުރަމުންދިޔަ އެކައުންޓްގެ ފުރިހަމަ އޮޑިޓެއް، ވީހާވެސް އަވަހަކަށް ކުރުމަށްފަހު، އެ އެކައުންޓް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ބަދަލުކުރެއްވުމަށް ނިންމެވިއެވެ. އަދި އެ އެކައުންޓް ބެލެހެއްޓެވުން މިހާރުން މިހާރަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ދަށަށް ބަދަލުކުރެއްވުމަށްވެސް ނިންމެވިއެވެ. މީގެއިތުރުން، ޑިޕޮޒިޓް ފައިސާއާ ގުޅޭގޮތުން ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ހިނގާފައިވާ ކަމަށް ފާހަގަކުރެއްވޭނަމަ، މޯލްޑިވްސް ޕޮލީސް ސަރވިސްއަށް ހުށަހަޅުއްވައިގެން، އެކަން ތަޙްޤީޤު ކުރެއްވުމަށާއި، ބިދޭސީ ލޭބަރުން، އެމީހުންގެ ޤައުމަށް އަނބުރާ ފޮނުވާލަންޖެހޭ ޙާލަތްތަކުގައި، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ހުށަހަޅުއްވައިގެން، ޑިޕޮޒިޓް އެކައުންޓް ބޭނުންކުރެއްވޭ ގޮތަށް ބޭއްވެވުމަށްވެސް ނިންމެވިއެވެ.

ބިދޭސީ ލޭބަރުންގެ މައްސަލައަށް ޙައްލެއް ހޯއްދެވުމަށްޓަކައި، ކަމާބެހޭ ހުރިހާ ފަރާތްތަކަކުން ބައިވެރިވާ ކޮންފަރެންސެއް ބާއްވަވައި، ގޮތްތަކެއް ނިންމެވުމަށްވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ކަނޑައެޅުއްވިއެވެ.