بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ބައިނަލްއަޤްވާމީ ފެންވަރުގައި މިއަދު ފާހަގަކުރާ، މި އަހަރުގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް ފޮނުވަމެވެ. އަދި، ދުންފަތުގެ ނުރައްކާތެރިކަމާ މެދު ރައްޔިތުން ހޭލުންތެރިކޮށް، އެ ނުރައްކާތެރި ވަބާއިން ރައްޔިތުން ސަލާމަތް ކުރުމަށް، އެކި ގޮތްގޮތުން މަސައްކަތް ކުރައްވާ އެންމެހައި ބޭފުޅުންނަށްވެސް، ދުވަހުގެ ހެޔޮއެދުންތައް ފޮނުވަމެވެ.

މިއަހަރުގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހާ މި ބައްދަލުވީ، ދުންފަތުގެ ނުރައްކާތެރިކަމާ މެދު އުފުލަމުން އަންނަ އަޑުތަކާ މެދު، ކުރިއަށް ވުރެ މާ ފުންކޮށް ވިސްނަން މަޖުބޫރުވެފައިވާ ދުވަސްވަރެއްގައެވެ. މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން މުޅި ދުނިޔެއާއި ރާއްޖޭގައި ފެތުރެމުން އަންނަ، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދަށް ލިބިފައިވާ ގެއްލުންތައް ފޫބެއްދުމަށްޓަކައިވެސް، ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ ކަންކަމަށް ކުރެވޭ އިސްރާފުތައް ހުއްޓައިލުމަކީ، މިހާރުގެ ޙާލަތަށް ބަލާއިރު ވަރަށް މުހިންމު ކަމެކެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން، މުޅި ދުނިޔެއިން އަހަރަކު 8 މިލިއަން މީހުން މަރުވެއެވެ. ކޯވިޑް-19އާ ގުޅޭ ގޮތުން މިހާތަނަށް ހަދާފައިވާ ސައެންޓިފިކް ދިރާސާތަކުން ކަށަވަރުވާ ގޮތުގައި، ކޮވިޑް ބަލީގައި ބޮޑުވަރުވެ، އަދި އެ ބަލީގައި ފުރާނަ ގެއްލުމުގެ ނުރައްކާ އެންމެ ބޮޑު އެއް ބަޔަކީވެސް، ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ، ހިތުގެ ބަލިތަކާއި، ކެންސަރު ބައްޔާއި، ނޭވާލާ ނިޒާމުގެ ބަލިތަކާއި، ހަކުރު ބަލި ފަދަ، ގައިން ގަޔަށް ނާރާ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުކޮށްދޭ، ޞިއްޙަތާ ދުޝްމަން ޢަމަލެކެވެ. ހަމައެފަދައިން، ކޯވިޑް ޖެހުމުން އެންމެ ބޮޑު ގެއްލުމެއް ލިބެނީވެސް، މިފަދަ ބަލިތަކުގެ ޝިކާރައަކަށް ވެފައިވާ މީހުންނަށެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް ބައްޔަށް ފައްސިވި މީހުންގެ، 62 އިންސައްތައަށް ވުރެ މަތީ ޢަދަދެއްގެ މީހުންނަކީ، އުމުރުން 15 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންނެވެ. އަދި ރާއްޖޭގެ އާބާދީގެ 40 އިންސައްތައަށް ވުރެ މަތީ ނިސްބަތެއްގެ މީހުން ދުންފަތުގެ އިސްތިޢުމާލުކުރާއިރު، އޭގެ ތެރެއިންވެސް ވަރަށް މަތީ އިންސައްތައެއް ފެތެނީ މި ޢުމުރުފުރާ އަށެވެ. ކޮވިޑް ބައްޔަކީ، އިންސާނާގެ ފުއްޕާމެޔާއި ނޭވާލާ ނިޒާމުގެ ތެރޭގައި އަށަގަންނަ ބައްޔަކަށްވެފައި، ދުންފަތުގެ އިސްތިޢުމާލުކުރުމަކީ، އިންސާނާގެ ފުއްޕާމެޔާއި ނޭވާލާ ނިޒާމު ވަރަށް ބޮޑަށް ބަލިކަށިކޮށްލާ ކަމަކަށް ވާއިރު، މިނުބައި އާދައިގެ މަތީގައި ދެމިހުރުމަކީ، ކޮވިޑް ބަލީގައި ޙާލު ބޮޑުވެ ފުރާނައާ ހަނގުރާމަކުރަންޖެހިދާނެ ފަދަ ނުރައްކާތެރި ކަމެކެވެ.

ކޮވިޑް ބަލިން ރައްކާތެރިވުމަށްޓަކައި އަނގަޔާއި ނޭފަތް ނިވާކޮށްގެން އުޅުމަށް ޑޮކްޓަރުން އިރުޝާދު ދެއްވަނީ، ބަލި ޖެހިފައި ތިބޭ މީހުން ކެއްސައި ކިނބިހި އެޅުމުން، އަދި ބޭރަށް ދޫކޮށްލާ ނޭވާގެ ޒަރީޢާއިންވެސް، ކައިރީގައި ތިބޭ އެހެން މީހުންނަށް ކޮވިޑް ބަލި ޖެހުމުގެ ފުރުޞަތު އޮންނާތީއެވެ. ވީއިރު، ކޮވިޑް ޖެހިފައި ހުރި މީހަކު، ދުންފަތުގެ އިސްތިޢުމާކުރަމުން އެ ދޫކޮށްލާ ދުންގަނޑުގެ ޒަރީޢާއިން، ކައިރީގައި ތިބޭ އެހެން މީހުންނަށް ކޮވިޑް ބަލި ޖެހުމުގެ ފުރުޞަތު ވަރަށް ބޮޑުވާނެކަން ޔަޤީނެވެ. މިފަދަ ކިތަންމެ ސަބަބުތަކަކާ ހުރެ، އަޅުގަނޑު ދެކޭ ގޮތުގައި، މިއީ ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ނުބައި އާދަޔަށް ނޫނެކޭ ބުނަން އެންމެ މުނާސަބު ވަގުތެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓައިލުމަކީ، އެކަން ކުރާ މީހުންނާއި އެކަން ނުކުރާ މީހުންގެވެސް، ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކޮށްދީ، އުފާވެރި އަދި އުފެއްދުންތެރި ދިރިއުޅުމެއް ހޯދައިދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ. އަދި މި ދުވަސްވަރަކީ، އަޅުގަނޑުމެންގެ އިސްރާފުތައް މުޅިން ހުއްޓާލައި، ވީއެންމެ މަތީ މިންވަރެއްގައި އިޤްތިޞާދުކުރަންޖެހޭ ދުވަސްވަރަކަށް ވާއިރު، ދުންފަތުގެ އިސްތިޢުމާލުކުރުމަށްޓަކައި އިސްރާފުކުރެވޭ ފައިސާތައް، ޢާއިލާގެ ދުޅަހެޔޮކަމަށް ބޭނުންކުރުމަށްޓަކައި ފަހަށް ރައްކާކުރެވޭނީ ވެސް، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓައިލުމުގެ ހިތްވަރާއި ޢަޒުމް ހުރެގެންނެވެ.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ހަށިހެޔޮ ދުޅަހެޔޮ ޞިއްޙަތެއް ހޯދައިދިނުމަށް، ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި އެންމެން ބައިވެރިވެ، ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ނުބައި އާދަ ހުއްޓައިލުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސްކުރަމެވެ. އަޅުގަނޑުމެންގެ ރާއްޖެއަށް އަބަދުވެސް ފާގަތިކަމާއި ތިޔާގިކަން މިންވަރު ކުރައްވައި، އެންމެހައި ދިވެހިންނަށް ފުރިހަމަ ޞިއްޙަތާއި ހަށިހެޔޮކަމާއި ދުޅަހެޔޮކަން ދެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. އަޅުގަނޑުމެންގެ ތެރެއިން ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނަށް، އެ ނުބައި އާދައިން ދުރުހެލިވުމުގެ ހިތްވަރާއި ތައުފީޤު ދެއްވައި، ކޮވިޑް ބަލިން ރައްކާތެރިވުމަށް މިކުރާ މަސައްކަތް ކާމިޔާބުކޮށްދެއްވައި، އުފާވެރި ދިރިއުޅުމެއް ދެއްވާށިއެވެ. އާމީން.